ކާރުތެރޭގައި ހެދުން ބަދަލުކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އާންމުކުރުމުން ޖާންވީ ހޫނުފެނަށް

ކާރުތެރޭގައި ހެދުން ބަދަލުކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އާންމު ކުރުމުން ބޮލީވުޑްގެ އަރަމުން އަންނަ ތަރި ޖާންވީ ކަޕޫރަށް ފާޑުކިޔުން އަމާޒު ވެއްޖެއެވެ.
ޖާންވީ ގެ ތިންވަނަ ފިލްމު "ރޫހީ" ގެ ޕްރިމިއާ ކުރުމަށް މިހާރު ތައްޔާރުވަމުން އަންނައިރު، ޖާންވީ އާއި ރޫހީ ޓީމު ދަނީ ވަރަށް ބުރަކޮށް އެ ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ޖާންވީ އާއި އެ ފިލްމުގެ ޓީމުން ދަނީ އެއް ފަހަރާ ގިނަ ތަންތަނަށް ފިލްމުގެ ޕްރޮމޯޝަނަށް ދަތުރު ކުރަމުންނެވެ. އުޅެން ޖެހިފައިވާ ބުރަކަން ދައްކުވައި ދެމުން އިންސްޓަގްރާމްގައި ޖާންވީ ދާދި ފަހުން ވަނީ ކާރު ތެރޭގައި ހެދުން ބަދަލު ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އާންމު ކޮށްފައެވެ.
އެއްފަހަރާ ގިނަ ތަންތަނަށް ދާން ޖެހުމުން، ހެދުން ބަދަލު ކުރަން ގެއަށް ދާނެ ވަގުތު ވެސް ލިބިފައި ނުވާކަން ދައްކުވައިދޭން ޖާންވީ އުޅުން ނަމަވެސް، އެ ފޮޓޯ ގިނަ ބަޔަކަށް ކަމަކު ނުދިޔައެވެ. ގިނަ މީހުން އެ ފޮޓޯއަށް ފާޑު ކިޔާފައި ބުނީ، އެއީ މާބޮޑަށް "އޯވަރ" ވުން ކަމަށާއި ޖާންވީ އަށް ސްޓޫޑިއޯ ތަކުގައި ވެސް ހެދުން ބަދަލު ކުރެވޭނެ ކަމަށެވެ.
"ރޫހީ" މިއަދު ރިލީޒް ކުރާއިރު، މިއީ ހޮރޯ-ކޮމެޑީ އެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.