ދިއްފުށީގައި އަމިއްލައަށް މަރުވާން އުޅުނު ޒުވާނާ ހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައި!
ކ. ދިއްފުށީގަައި މިދިޔަ ހޯމަ ދުވަހުގެރޭ ދަންވަރު އަމިއްލައަށް މަރުވާން ވެގެން ދަންޖެހިފައި ހުއްޓާ ސަލާމަތް ކުރި ޒުވާނާ، ހުރީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން ބަލިކަށިވެ، ގިނަ ކަންތައްތަކަކާއި ގުޅިގެން ފިކުރު ބޮޑުވެފައިކަން ހާމަވެއްޖެއެވެ.
އެޒުވާނާގެ އަނބިމީހާ އޭނާއަށް ބޭވަފާތެރިވީ ބަންގްލަދޭޝް މީހަކާއި އަދި ދިވެހިންގެ އެތައް ބަޔަކާއިވެސް ލޯބީގެ ގުޅުން ހިންގައިގެން ކަމަށް މައުލޫމާތު ލިބިފައިވާއިރު، އަނބިމީހާގެ މައްސަލަތަކުގެ އިތުރުން އާއިލީ މައްސަލަތަކަކާވެސް އޭނާ ދިޔައީ ކުރިމަތިލަމުންނެވެ.
އެގޮތުން އެޒުވާނާގެ ކޮއްކޮ އޭނާއަތުން ފައިސާ ހޯދައިގެން، ކޮއްކޮ ލޯބީގެގޮތުން ގުޅިގެން އުޅޭ މީހާ މަސްތުވާތަކެތި ގަތުމަށް އެހީތެރިވަމުން ގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ޒުވާނާގެ އަނބިމީހާ، އެތައް ބައިވަރު ހިލޭ ފިރިހެނުންނާއި ގުޅުން ބާއްވާފައިވާކަން ވެސް އޭނާއަށް ވަނީ އެނގިފައެވެ.
މަރުވާން އުޅެނިކޮށް ސަލާމަތްކުރި އެޒުވާނާއަށް މިކަން އެނގިފައިވަނީ ވަރަށް ފަހުން ކަމަށާއި މިކަން އެނގުމުން ލިބުނު ހިތާމައިގެ ސަބަބުން އޭނާއަށް ހާޓްއެޓޭކެއް ޖެހުނެވެ. އެހެންކަމުން ފަރުވާ ކުރަން މާލެ ގޮސްފައި އެނބުރި ދިއްފުށްޓަށް ގޮސް އޭނާ ހުރީ ކަރަންޓީނުގައެވެ.
އަމިއްލައަށް މަރުވާން އުޅުނީވެސް ކަރަންޓީނުގައި ހުރެއެވެ.
ކަރަންޓީނުގައި ހުރި ދުވަސްކޮޅު އޭނަގެ ފިކުރުތައް ކޮންމެވެސް ވަރަކަށް މީހަކާއި ހިއްސާ ކޮށްފައިވެއެވެ. އެގޮތުން އެމީހާ ކައިރީ އެޒުވާނާ ބުނެފައިވަނީ ފިކުރު ބޮޑުވެގެން އޭނާއަށް ނުކެވޭ ކަމަށާއި ނުވެސް ނިދޭ ކަމަށެވެ.
އަމިއްލައަށް މަރުވާން އުޅޭކަން އެޒުވާނާގެ ދައްތައަކަށް އެނގިގެން، އޭނާ ސަލާމަތް ކޮށްފައިވަނީ ޒުވާނާގެ ދައްތައާއި އެކުވެރިންތަކެއް އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެނެވެ.
އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދުވެސް ނުކުރުމަށެވެ.
މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
ހިލޭ ކައުންސިލިން ދޭ ބައެއް ތަންތަން:
1. ދަމަނަވެށި: 3318901
2. ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ): 3318804 / 7976325
3. ޔޫތް އެންޑް ސްޕޯޓްސް ސެންޓަރ: 3313755 / 3323860
4. ޖުވެނައިލް ޖަސްޓިސް ޔުނިޓް: 3306691