އަދުރޭ ދޫނިދޫ ޖަލަށް ގެންގޮސްފި
މިއަދު މުޒާހަރާއިން ހައްޔަރު ކުރި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދޫނިދޫ ޖަލަށް ގެންގޮސްފިއެވެ.
ޕީޕީއެމުން ބުނީ މިއަދުގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވެސް ދޫނިދޫ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ދޫނިދޫއަށް ގެންދިޔައީ ސީދާ ކިތައް މީހުން ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ. ދޫނިދޫއަށް ގެންގޮސްފައި ވަނީ ހައްޔަރުކުރި ހުރިހާ އަންހެނުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި މީގެ ތެރެއިން ބައެއް މީހުން މިވަގުތު ތިބީ އަތޮޅުވެހީގައި ކަމަށެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރިއަށް ގެންދާ ސިލްސިލާ އެއްވުމުގެ ތެރެއިން މިއަދު 24 މީހަކު ހައްޔަރު ކޮށްފައިވެއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވެސް ހިމެނެއެވެ. އަދި އޭގެ ތެރޭގައި އެ ޕާޓީގެ ބައެއް ކައުންސިލް މެންބަރުން ވެސް ހިމެނެއެވެ.
މިއަދު ވެސް މުޒާހަރާ ފެށުމުގެ މާ ކުރިން ފުލުހުން ވަނީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދު ކޮށްފައެވެ. އަދި ރައީސް އޮފީސް ހިމެނޭ "ގްރީން ޒޯން" ސަރަހައްދު ވެސް ފުލުހުން ބަންދު ކުރިއެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ އެކި ހިސާބުތަކަށް އެއްވެ އަޑު އުފުލާފައެވެ. އެގޮތުން މާވެޔޮމަގާ މަޖީދީ މަގު ގުޅޭ ކަންމަތި އަދި ޗާންދަނީ މަގާއި މަޖީދީ މަގުގެ ހަތަރު އަނގޮޅި ހިމެނެއެވެ.