ކަންބޮޑުވުންތަކާއެކު ކަރަންޓީނުނުވެ ކެމްޕެއިނު ކުރުމަށް ރަށްރަށަށް ނުދެވޭ ގޮތަށް ނިންމައިފި
ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު ކަރަންޓީނުނުވެ ކެމްޕެއިނު ކުރުމަށް ރަށްރަށަށް ނުދެވޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިޞްލާޙް އުވާލަން ނިންމާފައިވާ ކަމަށެވެ.
"ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލަށް ފުރަތަމަ އިސްލާހު ގެނައުމުގެ އުސޫލު" އާންމުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
މި އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ވަނީ އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭނެ އުސޫލެއް ކަނޑައަޅާފައެވެ.
އެޗްޕީއޭއިން ރޭގެ ވަގުތެއްގައި ނެރުނު އެ އުސޫލުގައި ބުނެފައި ވަނީ ކެނޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި އަމަލު ކުރަން ވާނީ އެ އޭޖެންސީން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށެވެ. އަދި ތާއީދު ހޯދުމަށް ކެމްޕޭން ދަތުރުތައް ކުރަން ވާނީ އެ އޭޖެންސީން އެކަމަށް ހާއްސަކޮށް ކަނޑައަޅާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.
އެ އުސޫލުގައި އިތުރަށް ބުނެފައި ވަނީ އެޗްޕީއޭ އިން އާންމު ކުރާ ގައިޑްލައިނާ ޚިލާފު ވެއްޖެ ނަމަ އެ ކެނޑިޑޭޓަކަށް ނުވަތަ ފަރާތަކަށް ތާއީދު ހޯދުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނީ އެ އޭޖެންސީގެ ކަރަންޓީނު ކުރުމުގައި އަމަލު ކުރާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މި އުސޫލު އާންމުކުރުމާއެކު ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ އިތުރުން، ޑޮކްޓަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ވެސް ވަނީ މި އުސޫލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ޝުކުރިއްޔާ މައިމޫ ދައްތާ!