ޚަބަރު

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: ދެން އިމޭޖަސް / އިބްރާހިމް ޝަމްވީލް - މާލޭގެ މަގުމަތީގައި ކަސްރަތު ކުރާ މީހެއް

ކޮވިޑް-19ގެ މި ނުރައްކާތެރި ހާލަތުގައި ކަސްރަތު ކުރާ މީހުން ކަސްރަތުކޮށް ނިމުމަށް ފަހުގައި މާސްކު އަޅައިގެން ގެއަށް ދިއުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

Ads by MWSC

ރާއްޖެޓީވީން ގެންނަ ފަލަސުރުހީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަމުންދާ ފިޔަވަޅު ތަކާއެކު، ފުލުހުން ވެސް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށާއި، އެގޮތުން ޚާއްސަ ސަމާލުކަމެއް ދީގެން މާލޭގެ ސަރަހައްދުގެ ކަންކަން ބަލަހައްޓަމުން ގެންދާ ކަމުގައެވެ.

އެގޮތުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށާއި، އާންމު ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމްކޮށް ދިނުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާކަން ފަތުހުﷲ ފާހަގަ ކުރެއްވިއެވެ.

ފަތުހުﷲ އިތުރަށް ވިދާޅުވީ އިރުއޮއްސި 6:00 ޖަހާއިރު ވެހިކަލް ދުއްވުން މަނާ ކޮށްފައިވާއިރު، އެވަގުތަށް މަގުތައް ހުސްނުވާ ކަމަށާއި، އެގަޑިއަށް ގިނަ އަދަދެއްގެ ބޭފުޅުން މާބޮޑު ސަމާލުކަމެއް ނުދީ ބޭރުގައި އުޅޭ ކަމަށެވެ. އަދި އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައި ވާއިރު، ގަވާއިދާ ހިލާފަށް އަދި ހުއްދަ ނެތި ބައެއް ފަރާތްތަކުން ވެހިކަލް ދުއްވާ މައްސަލަ ބޮޑު ކަމަށް ވެސް ފަތުހުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން، ކެފޭ/ރެސްޓޯރަންޓު ފަދަ ތަންތަން ބަންދުކުރުމަށް ކަނޑައަޅާފައިވާ ވަގުތަށް ގިނަ ތަންތަން ބަންދު ކުރި ނަމަވެސް، ޓޭކްއަވޭގެ ޚިދުމަތް ދޭ ތަންތަނުގައި ގަވައިދާ ޚިލާފަށް ކަންކަން ކުރަމުން ގެންދާ ކަން ފާހަގަވާ ކަމުގައި ވެސް ފަތުހުﷲ ވިދާޅުވިއެވެ. އެގޮތުން އެފަދަ ތަންތަން ކައިރީގައި ތިބެ ބައެއް ފަރާތްތަކުން މާސްކް ނަގައިގެން ކައިބޮއެ ހަދާ ކަމަށާއި، އެއީ މިހާލަތުގައި އެގޮތަށް އަމަލު ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމެއް ކަމަށް ފަތުހުﷲ ވިދާޅުވިއެވެ.

ފަތުހުﷲ ވިދާޅުވީ ރޭގަނޑު 11:00އިން ފެށިގެން 4:30 އާ ހަމައަށް ވާ ވަގުތަކީ ކާފިއުގެ ވަގުތަށްވާއިރު އެވަގުތުތަކުގައި ފުލުހުން ހަރަކާތްތެރި ވަމުން ދާނެ ކަމަށާއި، އަދި މަގުތަކުގައި އުޅޭ މީހުން ހުއްޓުވައި ސުވާލު ކުރާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް މީހަކު އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!