ބޮލީވުޑް

"ރާދޭ" ގެ ޕޯސްޓަރާއެކު ސަލްމާން ޚާން އެތައް އަންހެން ކުދިންގެ ހިތް ކަތިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ސުޕާސްޓާ ސަލްމާން ޚާން އެންމެ ފަހުން ކުޅުނު ފިލްމު "ރާދޭ - ޔޯ މޯސްޓް ވޯންޓެޑް ބާއީ" ގެ ޕޯސްޓަރު މިއަދު ހާމަ ކޮށްފިއެވެ.

Ads by STELCO

އެކްޝަން ފިލްމެއް ކަމަށްވާ "ރާދޭ" ގެ ޕޯސްޓަރުން ފެންނަނީ ސަލްމާން ޚާން އޭނަގެ ބައިސެޕްސްތައް ދައްކާލައިގެން، ބަޑިއެއް ހިފައިގެން ހުންނަ މަންޒަރެވެ. ސަލްމާންގެ މޫނުމަތީގައި ހުރި ސީރިއަސްކަމާއި، ފުއްޕާފަ ހުރި ނާރާއެކު ފެންނަމުން ދިޔަ ބައިސެޕްސްތަކަށް އެތައް އަންހެން ކުދިންނެއް ވަނީ ތައުރީފު ކޮށްފައެވެ.

ސަލްމާން ޚާން ފިލްމްސް އިން ޕްރޮޑިއުސް ކުރާ މިފިލްމާ ބެހޭ ގޮތުން މިދިޔަ އަހަރު ވާހަކަ ދައްކަމުން އޭނާ ބުނީ، ފިލްމު ރިލީޒް ކުރާނީ މިއަހަރުގެ ފިޠުރު ޢީދު ދުވަހާ ދިމާކޮށް ކަމަށެވެ. އަދި މެއި މަހުގެ 13 ވަނަ ދުވަހު ސިނަމާތަކުގައި މި ފިލްމު އަޅުވާނެ ކަމަށް ސަލްމާން ޚާން ބުނެފައި ވެއެވެ.

އިންޑިއާގެ ސިނަމާތައް މިހާރު ހުޅުވާފައިވުމާއެކު ސަލްމާން ޚާން ގެ މި ފިލްމު ޢީދު ދުވަހު އަޅުވަން ނިންމީ، އޭނާއަކީ އަބަދުވެސް ޢީދު ދުވަހަށް ޚާއްސަ ކަމެއް ބަހައްޓާ ތަރިއެއް ކަމަށްވާތީ ކަމަށް ސަލްމާން ޚާން ފިލްމްސް ގެ ތަރުޖަމާނު ބުނެފައި ވެއެވެ. ނަމަވެސް ފިލްމު ބަލަން ދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ދިޔުމަށް އެ ޕްރޮޑަކްޝަން ހައުސްއިން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!