ރާއްޖޭގެ 46% މީހުންނަށް ވެކްސިން ޖަހައިފި

ރާއްޖޭގެ އާބާދީގެ 46 އިންސައްތަ މީހުންނަށް ވެކްސިން ޖަހައިފިއެވެ.
މިހާރު އެޗްއީއޯސީ އިން ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގެ 46 އިންސައްތަ މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހިފައިވާނެ ކަމަށެވެ.
“ރާއްޖޭގެ އާބާދީގެ މިހާރު 46% މީހުންނަށް މިހާރު ވެކްސިން ދެވިފައި ވާނީ. އެއީ ޖުމްލަ 206،114 މީހުން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ވީހާ ވެސް ގިނަ މީހުންނަށް ވެކްސިން ދިނުމަށް” ނަޒްލާ ވިދާޅުވިއެެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 7،908 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 206،114 މީހުންނަށް ވެކްސިން ދީފައިވެއެވެ.
މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 116،636 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 89،478 މީހަކަށް ވެކްސިން ދީފައި ވެއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 96 މީހުން ފައްސި ވެފައިވާއިރު 128 މީހުން ބަލިން ރަނގަޅު ވެފައިވެއެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 21،572 މީހުން ފައްސި ވެފައި ވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 19،095 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 64 މީހުން ނިޔާވެފައި ވެއެވެ.