ރިޕޯޓް

ކީރިތި ކުރައްވާ ހިތް ތިރި ރައީސް ، އިބޫ އޯކޭ؟

ދެން އެމްވީ ، ދެން އޮންލައިން

ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކުގެ ވާހަކަ މިއަދަކު ދެން ދައްކާނެ ކަމެއްނެތެވެ. ގައުމީސަލާމަތަށް ނުރައްކާ ނުވަނީ ކޮންކަމެއްގައި ހެއްޔެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން އަރައެއް ނުގަނެވުނެވެ. ބިދޭންސީން ހަމަޔަކަށް ނޭޅުވުނެވެ. ޖިންސީ ފުރައްސާރަ ކުރުން ހައްލެއް ނުކުރެވުނެވެ. ރައްޔިތުންނަށް އިންސާފު ހޯދައެއް ނުދެވުނެވެ. ތޮއްޖެހިފައިވާ މާލޭގެ ތޮއްޖެހުމަށް ލުޔެއް ހޯދައެއް ނުދެވުނެވެ. ރައްޔިތުން ދަރަނިވެރިވުމުން ސަލާމަތެއް ކޮށެއްނުދެވުނެވެ. ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުތަކެއް ނުދެއްކުނެވެ. ރަށްރަށުގެ ދަނޑުވެރިންނާއި މަސްވެރިން އުފައްދާ ތަކެތި ފަސޭހަކަމާއެކު ވިއްކޭނެ ގޮތެއް ހަދައެއް ނުދެވުނެވެ. ވަޒީފާގެއްލިފައިވާ މީހުނަށް ވަޒީފާއެއް ހޯދައެއް ނުދެވުނެވެ. ޑޮލަރުގެ އަގު އެރުން ނުހުއްޓުވުނެވެ.

Ads by Sosun Fihaara

އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުނަށް ފިޔަވަޅެއް ނޭޅުނެވެ. ރައްޔިތުން ގެ މަޖިލީހުން އަދުލުއިންސާފު ގާއިމުކުރުމުގެ ބާރަށް ނުފޫޒު ފޯރުވުމެއް ނުހުއްޓުވުނެވެ. ސިވިލް ސާވަންޓުންގެ އިނާޔަތްތައް ރުޖޫޢަކޮށެއް ނުދެވުނެވެ. ގައުމީ ސަލާމަތީ ޚިދުމަތްތައް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ޖާގަ ހޯދައެއް ނުދެވުނެވެ. މަރުކޮމިޝަނުން އެއްވެސް މަރެއްގެ ހަގީގަތެއް ނުހޯދުނެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ހޯދާދެވުނު ރިކަވަރީއެއް ނެތެވެ. ފްލެޓްކޮމިޝަނުން ފްލެޓްތައް ހަވާލުކުރެވުނު ކަމަކަށް ނުވިއެވެ. އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަން ހިފެހެއްޓުމެއް ނެތި ދޫކޮށެއް ނުލެވުނެވެ. ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ތަޅުއެޅުވުމަށް މަސައްކަތްނުކޮށް ހަޖަމެއް ނުވިއެވެ. ގެއްލުމުގެ ބަދަލުގެ ނަމުގައި ދައުލަތުގެ ފައިސާ ނުބަހައެއް ނުވިއެވެ. އަރާފައިބަން ދަތިރަށްރަށުގެ ވީރާނާ ބަނދަރުތައް ހަދައެއް ނުދެވުނެވެ. ބައި އަޅައިގެން މާލިއްޔަތު ކައިހުސްކޮށް ނަގާއިރު އަޅާކަހާވެސް ނުލައެވެ. އަންތަރީސް ވާވަރުވަނީ ރައީސުލްޖުމްހޫރިއްޔާ ކީރިތިކުރައްވަން ޖެހިވަޑައިނުގަންނަވާ ކަމަކާ ދިމާނުވާތީއެވެ.

ވާނީ އެހެންތާއެވެ. ދައުލަތުގެ ބޭނުމަށް ޓޫރިޒަމް މިނިސްޓްރީގެ މުއައްޒަފުން ކަރަންޓީނުކުރުމަށް މާގިރި ހޮޓާ ހިފީ ކޮވިޑް19 ފެތުރުން ހުއްޓުވުމަށް މީހުންނާ އެމުއައްޒަފުން ބައްދަލުވެ އުޅުން ހުއްޓުވާށެވެ. އެތާ ކަރަންޓީނުވެގެން ތިބި ސިޔާސީ ވެރިންގެ ކޮޓަރިތަކަށް މާލެތެރެއިން ފުރަމެންދަމު ކުދިން ގެންގޮސްގެން ގެންގުޅެ ފަތިސްވީމާ ފޮނުވާލިޔަސް އެއީ މައްސަލައަކަށް ނުވެއެވެ. މޮޅުގޮތަކަށް ކަރާފަޅާލާފައި ސިޔާސީ އެހެން ވެރިންނާއި ރޫމް ޝެއަރކުރި މުއައްޒަފުން ހިމާޔަތްކުރެވުނީމަ ނިމުނީތާއެވެ.

ކޯލިޝަން ޕާޓްނަރ އިމްރާން ފްރޭމްކޮށް އޭނާގެ މަޤާމު ގެއްލުވާލެވުމުން ނޫނީ މައިޕާރޓީ އެކަނި ކުރާވެރިކަމަކަށް އެކަމެއް ނުވާނެތާއެވެ. ކޮއްކޮ ފިރިމީހާގެ ރޭޕްކޭސް ރޯޔަލް ވެގެން ދިޔަހެން އިމްރާނާއި އަލީވަހީދުގެ ކަންތަކެއް ނުގެންދެވޭނެތާއެވެ. ޖިންސީ ފުރައްސާރައިގެ ވާހަކަ އެއްވާނަކަށް ދައްކާ އާދައިގެ ކަމަކަށް އެކަން ހަދާލުމުން އެނިމުނީތާއެވެ.

ގާނޫނާ ޚިލާފަށް އުޅުނަސް ބިދޭސީންގެ ނުރުހުމުގައި ބިދޭސީންނަށް ފިޔަވަޅެއް އެޅެން ނެތްކަމަށް ބުނެ އެކަންވެސް ފަނުފުލުން ދުއްވާލީމާ ނިމުނީތާއެވެ. މުސާރަނުދެ ކުންފުނިތަކުގެ ވަތްގަޑަށް އަތް ނުބޭނުނެއްކަމަކު ހަލާލު ގޮތުގައި ބޮޑު ހޭދަކޮށްގެން ފިހާރަތަކާއި އެހެން ވިޔާފާރިތަކުގެ ވަތްގަނޑަށް އަތްބާނައިގެން ޓެކުހުގެ ނަމުގައި ދައުލަތުން ޓެކުމަކީ މައްސލައެއް ނޫންތާއެވެ.

ފަނޑިޔާރަކު ކުރާ ހުކުމަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅުމަކީ ޤާނޫނު އަސާސީން މަނާ ކުރާކަމަކަށްވިޔަސް ރައްޔިތުންގެ މަޖިލީހުން ހުކުމާ މެދު ގޮތްނިންމާ ހިސާބަށް ދިޔައިމާ މަތީ ކޯޓުތަކުގެ ބޭނުމެއް މިހާރަކުނެތެވެ. ފަނޑިޔާރަކު ރިޝްވަތުނެގިކަމަށް ޝައްކުވީމާ ކަންކުރަން ޖެހޭގޮތް އޮތްތާ އޮއްވާ މަޖިލީހަކީ ތަންފީޒީ ބާރަކަށް ވެނިމުނީތާއެވެ.

ދައްކާފަ ނުދައްކާނެ ވާހަކައެއްނެތެވެ. އިސްލާމްދީނުގައި ކަމެއް އޮންނަގޮތް ބުނެދޭ ކޮންމެ އިލްމުވެރިއަކީ ހައްދު ފަހަނަ އަޅާފައިވާ މީހެއްކަމުގެ ޓެގް އަޅުވާ އެމީހެއްގެ އަގުވައްޓާލަނީއެވެ. ދީނަށް ފުރައްސާރަކުރާ އެއްވެސް މީހަކާމެދު ތަހުގީގެއް ނުހިންގެއެވެ. އަވަސް ފިޔަވަޅެއް ނޭޅެއެވެ. ބަރަހަނާ ސައިޓްތަކަށް ވަދެ ބޭނުން އެއްޗެއްބަލާ ހެދުމަށް އެޅޭ ހުރަހެއް ނެތެވެ. ޓެލެކޮމް އޮތޯރިޓީ އެއްވެސް އޮވެއެވެ.

ބޭނުންވާ ރާގަކަށް ބޭނުންވާ ވާހަކައެއް ފަތުރަންވީމާ ނޫސްވެރިން ވަރެއް ނުއޮވެއެވެ. ހިތާނުވާ އެއްޗެއް ބުނެފި ނޫހެއް ނޮޅާކަށިކާލައެވެ. ބިރުދެއްކުމާ ހުރަސްއެޅުމާ ޖުރުމަނާ ކުރުމަކީ އޮތް ހައްލުކަމަށް ދެކެއެވެ. ކޮންމެ ދުވަހަކު ފަލަސުރުހީން ޖާގައެއް ހޯދައިގެން މަޝްހޫރުކަން ހޯދަން ދައްކާ ވާހަކައިގައި ތެދެއް ދޮގެއް ބެލުމެއް ނޯވެއެވެ. ހައްތަހާވެސް ހިތާ ހިތުގެ ގުޅުމެވެ.

އިންތިޒާމެއްގެތެރެއިން ދައުލަތް ހިނގާނަމަ ވާނީ މިވަރެއް ނޫނެވެ. ނޫސްކޮންފަރެންސް ބާއްވާފައި އެހެން ހަދާނަން މިހެން ހަދާނަމޭ ބުންޏަކަސް ކަމަކުނުދާނެއެވެ. ރައްޔިތުމީހާގެ ޖީބުގައި ހަތަރުއަނާ ގަނޑުވެސް ނެތެވެ. ތާރީޚުދުށް އެންމެ ބޮޑު ދެބަޖެޓް ހަވަޔަށް އަރައިގެން ދިޔައީ ހުދުކާފޫރަށް ވެގެންނެވެ. މިހާރު ދައްކާނެ މާރީތި ބަހަނާއެއް އެބައޮތެވެ. ކޮވިޑް19 އެވެ. ކޮންމެ ކަމެއް ކޮވިޑް19 އަށް ކަނޑާލައިގެން ފަރަކު ނުޖެއްސޭނެއެވެ. ކޮވިޑް19 އާއި ގުޅިގެންވެސް އެތައް މިލިޔަން ޑޮލަރެއް ލިބިތަޅާ ހުސްވި އިރު ވީކަމެއް ހަރާމެވެ. ސިއްހީ ފަންނާނުންގެ ހިތްވަރު ގަދަކަމުން މުސީބާތެއްގެ ސިފައިގައި ފެތުރިގެން ނުދިޔަ ނަމަވެސް ސިޔާސީ ގޮތުން ސަރުކާރާއި ސަރުކާރާ ގުޅުން ހުރި ގިނަ މީހުނަށް ކޮވިޑް19ވެގެން ދިޔައީ ޖީބުތައް ފުއްޕާށާއި ޝަހުވަތްތެރިކަން ފުއްދަން ލިބުނު ރަނުގެ ފުރުޞަތަކަށެވެ. ކަރާފަޅާލުމުގެތެރެއިން ބުރައިގެން ދިޔަ އޮށަށްވުރެ ސިއްހީ ދާއިރާއާއި ޕޮލިހާއި ސިފައިންގެ ކަރަންޓީނު ފެސިލިޓީތަކުގެ އަނދިރި ފަރާތް ތާހިރެއް ނުވާނެއެވެ. ތިލަވާ ވީޑިއޯ ގިނަވެފައި ހުތުރުވާނެއެވެ. ވަގުތުން ދޮގުކޮށް އެވާހަކަ ދައްކާ ބަޔަކު ކުށްވެރިކުރަން ދުއްވައިގަންނަލެއް އަވަސްވާނެއެވެ.

އެނގޭހާ ވެސް ކަމަކީ މުޅިދައުލަތުގެ ހީރަސް ކެނޑިފަ އޮތްކަމެވެ. އުޑެއް ބުޑެއް ނޭނގިތިބެ ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް މަޖިލީހުން ކަންކަން ކުރާއިރު ރައީސުލް ޖުމްހޫރިއްޔާއެއް ވެސް ހުންނަކަމެވެ. ނޭނގޭކަމަކީ ރައީސްގެ ފައިދަތި އަޅުވާއިރު ރޯލަރޯލާ ހުންނަނީ ކީއްވެކަމެވެ. އިތުބާރު ނެތްކަމުގެ ވޯޓުދެކެ ބިރުންބާވައެވެ. އަނދިރި ފަރާތުގެ އަނދިރިކަން ބޮޑުކަމުން ވާނުވާ ނޭނގެނީ ބާވައެވެ. ބަޔަކަށް ދައުލަތް ދަވާލަން ދީގެން ކަހާތަން ހިރުވާނުލާ ހުންނަނީ ނޫންބާވައެވެ. ވެރިކަން ނިމޭނެއެވެ. ރައްޔިތުން ތިބޭނެއެވެ. ރައްޔިތުން ދާއިމީ ގިލަންވެރިކަމަކަށް ވައްޓާލައިގެން ތިބެނީ ރައްޔިތުންގެ އެބާރުތައް އިތުބާރުކޮށްފައި ދިނުމުގެ ބަދަލެއްގެ ގޮތުން ހެއްޔެވެ. ގައުމުގެ ހާލަތު މިހާ ހިސާބުގައި އޮތް އިރު އަދިވެސް އިބޫ ހަމަ އޯކޭ ހެއްޔެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!