"ހިތް ނުބައި ދުޝްމިނަކަށް ވުރެ، އަޑި ނުބައި އެކުވެރިއަކު މާ ނުރައްްކާތެރިއެވެ."
މީގެ ދެތިން ދުވަހެއްގެ ކުރިން އަޅުގަނޑުގެ ރައްޓެއްސަކު ފޭސްބުކުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި އޭނާ ލިޔެފައި އޮތީ މިހެންނެވެ. ހިތް ނުބައި ދުޝްމިނަކަށް ވުރެ އަޑި ނުބައި އެކުވެރިއަކު މާ ނުރައްކާތެރިކަމަށެވެ. ކޮންމެއަކަސް މި ޕޯސްޓު ފެނިފައި މި ކަމާމެދު ވިސްނާލުމަށް ވެސް އަޅުގަނޑަށް މަޖުބޫރު ވެއްޖެއެވެ.
ހުސްވަގުތެއް ހޯދާލައިގެން އެ ޕޯސްޓު ދެތިން ފަހަރަކު ކިޔާލީމެވެ. އެ ބުނެފައިވާ ބުނުމަކީ މާނަފުން ބުނުމެކެވެ. ބުނެދޭން އެ އުޅެނީ އެތައް ވާހަކަ ތަކެކެވެ. ނަގައިދޭން އެ އުޅެނީ ލައްކަ ފިލާވަޅެވެ. ވިސްނާ ފިކުރުކޮށްފި ބަޔަކަށް އެ ދެނީ އެތައް އިބުރަތެކެވެ. އެއީ ހަގީގަތެވެ. ދުނިޔެ އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކުމެ ދައްކަމުންދާ ހިތި ހަގީގަތެވެ.
ތިމާއާއި ހިނިތުންވެ ވާހަކަ ދައްކާ ކޮންމެ މީހަކީ ތިމާއަށް ހެޔޮ އެދޭ މީހެއް ނޫނެވެ. ބޭރު ފުށުން ބަލާލަން ކިތައްމެ ރީތި މޭވާއެއްގެ ވެސް ރަހަ ނުބައި ވެދާނެއެވެ. ބަލާލަން ރީތި ހެދުމެއް ގަޔަށް އުނދަގޫ ވެދާނެއެވެ. މީހެއްގެ ބޭރުފުށަށް ބަލައި ނިޔާ ކަނޑައެޅުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.
އަޅުގަނޑު ވަރަށް ވިސްނީމެވެ. ހިތްނުބައި ދުޝްމިނަކަށް ވުރެން އަޑިނުބައި އެކުވެރިއަކު ނުރައްކާތެރި ވާންވީ ކީއްވެގެން ބާވައެވެ. ވިސްނާލުމުން އަޅުގަނޑަށް އެތައް ކަމެއް އެނގިގެން ދިޔައެވެ. ހިތްނުބައި ދުޝްމިނަކު ހަމަލާ ދީފާނެ ކަމަށް ތިބާ އަބަދުވެސް ވިސްނާނެއެވެ. އަދި އެކަމާ މެދު ހުޝިޔާރު ވެސް ވާނެއެވެ. އަދި ތިބާގެ އަމިއްލަ ކަންތައްތަކާއި ތިބާގެ ސިއްރުތައް އެ މީހެއްގެ ގާތަކު ނުކިޔާނެއެވެ.
ނަމަވެސް އަޑި ނުބައި އެކުވެރިޔާ ނުރައްކާތެރިއެވެ. ތިބާގެ ގައިގައި ތިބާއަށް ނޭނގި ހުއްޓާ މީހަކު ޖެހުމުން ވާ ތަދު ހުށިޔާރުވެގެން ހުއްޓާ ޖެހުމުން ވާ ތަދަށް ވުރެ މާ ގަދަވާނެއެވެ. އެ ތަދުގައި މާ ވޭން އެކުލެވޭނެއެވެ. ތިބާގެ ވާހަކަތައް ތިބާގެ އެކުވެރިންނާ ހިއްސާ ކުރާނެކަން ގައިމެވެ.ތިބާގެ ވާހަކަތަކާއި ތިބާގެ ސިއްރުތައް އެނގިހުރެ ތިބާއަށް ލަނޑެއް ދިނުން އެމީހަކަށް މާ ފަސޭހަވާނެއެވެ.
މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ މީހަކުވެސް އުޅެނީ އަމިއްލަ ފައިދާއަށެވެ. އެކުވެރިއަކަށް ދެރައެއް ލިބިދާނެތީ މިވެނި ކަމެއް ތިމަން ނުކުރާނަމޭ ބުނެ ހުއްޓާލާނީ މަދު މީހެކެވެ. އެކުވެރިޔާ ހިތުގައި ޖެހިދާނެތީ އެކުވެރިޔާއަށް ޓަކައި އެއްޗެއް ގުރުބާން ކުރާނީ މަދު މީހެކެވެ. މިއީ ދުނިޔެ ދެކެމުން އަންނަ ހަގީގަތެވެ. ގިނަ ފަހަރަށް ތިބާ އެންމެ ދެރަވާން ޖެހޭފަދަ ކަމެއް ކުރާނީ ތިބާގެ ތިޔަ ކިޔާ "އެކުވެރިޔާއެވެ".
އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ އެ ފަދަ މީހުންނަކީ "އެކުވެރިން" ގެ ލަގަބު ދޭން ހަމަ އެންމެ ރަނގަޅު މީހުން ބާއެވެ. އަޅުގަނޑަކަށް ހިޔެއް ނުވެއެވެ. ސަބަބަކީ ހަގީގީ އެކުވެރިންނަކީ ތިބާ ވެއްޓޭ ނަމަ އެހެން މީހަކަށް ތިބާ ވެއްޓެން އުޅޭކަން ވެސް އެނގުމުގެ ކުރިން ތިބާ ނަގާ މީހާއެވެ. ތިބާއަށް ހިތާމައެއް ކުރިމަތިވެއްޖެ ކޮންމެ ހިނދެއްގައި ތިބާއަށް ޓަކައި ހުންނަ މީހާއެވެ. ތިބާއަށް ހިތާމައެއް ކުރިމަތި ވެއްޖެ ނަމަ ތިބާ އުފާކޮށްދޭން މަސައްކަތް ކުރާ މީހާއެވެ. ތިބާއަށް ކުރިމަތިވާ ހިތާމަތަކާމެދު އުފާކުރާ މީހާއަކީ ތިބާގެ އެކުވެރިއެއް ކަމަށް ދެކޭކަށް ނުވާނެއެވެ.
ހުށިޔާރުވެގެން ހުއްޓާ ލިބޭ އަނިޔާގައި ވާ ޒަހަމަށް ވުރެން ނޭނގި ހުއްޓާ ތިބާގެ އެއް އަތްކަމުގައި ދެކިގެން އުޅުނު "އެކުވެރިޔާ" ދޭ އަނިޔާގެ ޒަހަމް މާ ބޮޑު ވާނެކަން ދަންނާށެވެ.