ޚަބަރު

ޤަތަރަށް ނޮން ރެސިޑެންޓް ސަފީރެއް އައްޔަން ކުރަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖެއިން ޤަތަރަށް ނޮން ރެސިޑެންޓު ސަފީރެއް އައްޔަން ކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

ސަފީރު އައްޔަން ކުރުމަށް ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޤަތަރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

މިކަން ހާމަކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ސަފީރު އައްޔަން ކުރަން ނިންމާފައިވާ ކަމަށާއި، އެކަމަށް ޤަތަރުގެ ތާއީދު ވެސް މިހާރު ލިބިފައިވާ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ ޤަޠަރުގެ އަމީރު ހުންނަވާ ގަނޑުވަރަށް ވަޑައިގެން ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ އާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ޤައުމުގެ އިސް ވެރިން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން، ދެ ޤައުމު ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީ ވާހަކަފުޅުތަކުގައި ދެ ޤައުމަށް ވެސް ފައިދާ ވާ ކަންތައް ތަކުގައި، ދެޤައުމަށް ވެސް ފުރުޞަތުތައް ހޯދައި އެކުގައި މަސައްކަތްޕުޅު ކުރެއްވުމަށް މަޝްވަރާ ކުރެއްވެވިއެވެ.

ގަތަރާއި ކޮމަންވެލްތާ އެކު އަލުން ހާރިޖީ ގުޅުން ގާއިމް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ރާއްޖެއާއި ގަތަރާ ދެމެދު އެންމެ ފުރަތަމަ ހާރިޖީ އަދި ސިޔާސީ ގުޅުން ގާއިމު ކުރީ 1984 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައެވެ. ގަތަރަކީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރު ކޮށްދޭ، އަދި ބޮޑެތި އިންވެސްޓްމެންޓްތަކެއް ވެސް ގެނެސްފައިވާ ގައުމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!