ރިޕޯޓް

މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއް އިނަރ މޯލްޑިވްސްގެ އެމްޑީ ފިރާގް އަށް!

ދެން އެމްވީ ، ދެން އޮންލައިން

ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ މިދުވަސްވަރު ވަރަށް އާއްމުވަމުން އަންނަ މައްސަލަތަކެކެވެ. ގޭތެރެއިންނާއި ބޭރުން، ލޯބިވެރިންގެ ފަރާތުންނާއި އެކުވެރިންގެ ފަރާތުން، ޓީޗަރުންގެ ފަރާތުންނާއި އެކުގައި މަސައްކަތް ކުރާ މީހުންގެ ފަރާތުން ވެސް ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމުގެ ވާހަކަތައް މިދުވަސްވަރު މިއަންނަނީ ފެންމަތިވަމުންނެވެ. މީގެ ތެރެއިން ގިނަ ވާހަކަތަކަކީ ކޮންމެވެސް ސަބަބަކާއިހެދި ކުރިން ނުދައްކާ ފޮރުވިގެން ނުވަތަ ކަނޑުގެ ފުންމިނަށް ގަންބާލެވިގެން ދިޔަ ވާހަކަތަކެވެ.

Ads by STELCO

ނަމަވެސް މިހާރު، ޖިންސީ ފުރައްސާރައާއި ރޭޕް އާއި ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލަން ފެށުމުން، ކުރިން ގަންބާލެވިފައިވާ ވާހަކަތައް ވެސް މިވަނީ ފެނުން މައްޗަށް އަރަން ފަށާފައެވެ. އެވާހަކަތައް ދެއްކުމުގެ ހިތްވަރު މީހުންނަށް ލިބެން ފަށައިފިއެވެ. ބޭއިންސާފުން ނިންމާފައިހުރި ނިންމުންތައް ވެސް ހާމަވާން ފަށައިފިއެވެ.

މިއީ އިނާރ މޯލްޑިވްސް، އޭސް އޭވިއޭޝަން ގެ މެނޭޖިންގ ޑިރެކްޓާރ މުޙައްމަދު ފިރާގް، އޭނާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއްގެ ވާހަކައެވެ. އެގޮތުން މިކަން އެންމެ ފުރަތަމަ ސަމާލުކަމަށް އައިސްފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަގާމުން ދުރުކުރުމުން އޭނާ ކުރި ޓްވީޓަކަށް ފިރާގް ވެސް ކޮމެންޓު ކުރުމުން ފިރާގަށް އައިސްފައިވާ ރައްދަކުންނެވެ.

ފިރާގް، އަލީ ވަހީދަށް ބުނެފައިވަނީ އެއީ ފެއިލްވެފައި ހުރި މިނިސްޓަރެއް ކަމަށެވެ. ފިރާގްގެ އެކޮމެންޓަށް ކުއްޖަކު ރައްދުދެމުން ބުނެފައިވަނީ އެދެއްކުންތެރިކަން ފިރާގަކީ ކާކުކަން ނޭނގޭ މީހުންނަށް ދެއްކުމަށާއި ފިރާގް އާއި އެއްކޮށް މަސައްކަތްކުރި އެއްވެސް އަންހެން މުވައްޒަފަކަށް ފުރައްސާރައާއި ކުރިމަތިނުވެ ނެތް ކަމަށެވެ. އެހެންކަމުން އެހެންމީހުންނަކީ ފެއިލްވެފައިތިބި ބައެއް ކަމުގައި ނުބުނުމަށްވެސް އެކުއްޖާ ބުނެފައިވެއެވެ.


ފިރާގަށް ދީފައިއެވާ ރައްދާއި ގުޅޭގޮތުން އެކި ގޮތްގޮތުން މައުލޫމާތު ހޯދޭތޯ ބެލީމެވެ. އެގޮތުން ނަންހާމަ ނުކުރުމަށް އެދި "ދެން" އަށް މީހަކު މައުލޫމާތު ބުނީ ފިރާގް ވަނީ އޭނާގެ އަންހެން ޖޫނިއާރ މުވައްޒަފުން ތަކަކަށް ޖިންސީ ގޮތުން ފުރައްސާރަ ކޮށްފައި ކަމަށެވެ.

އޭގެ ތެރެއިން އެއްކުއްޖެއްގެ ވާހަކަ ކިޔައިދެމުން ބުނެފައިވަނީ އެކުއްޖާ އެއިރު އެންމެ ފުރަތަމަ މަސައްކަތް ކުރީ އެއާލައިނެއްގެ ޚިދުމަތްދޭ އޮފީހެއްގައި ކަމަށެވެ. ފިރާގް އެތަނަށް ދިޔައީ ޓިކެޓެއް ނަގަން ކަމަށާއި އެއީ އައްޑޫގައި ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ. އެދުވަހު އެކުއްޖާއާއި ވަރަށް އެކުވެރިކޮށް ވާހަކަދެއްކުމަށްފަހު އެއަންހެން ކުއްޖާ އެފްބީ އިން އެޑްކޮށް މެސެންޖަރ އިން ވާހަކަދައްކާ، އޭނާއާއެކު މަސައްކަތް ކުރުމަށް ވަޒީފާއަށް އެދި ހުށަހެޅުމަށް ވެސް ބުނިކަމަށް ބުންޏެވެ.

ވަރަށް ވިސްނުމަށްފަހު އެކުއްޖާ ވަޒީފާއަށް އެދުނު ކަމަށާއި ނަމަވެސް އިންޓަވިއުއަށްކީ އެއް ރެއެއްގެ 8:30 ގައި ކަމަށް ބުންޏެވެ. އެކަމާއި އެވަރަށް ނުވިސްނާ އެރޭ އެއޮފީހަށް އިންޓަވިއުއަށް ދިޔަ ކަމަށާއި އިރުގަނޑެއް ވަންދެން އިންތިޒާރު ކުރުވުމަށްފަހު ފިރާގް އެތަނަށް ދިޔައީ އެހެން މީހަކާއެކު ކަމަށް ވެސް ބުންޏެވެ. އަދި އެއަންހެން ކުއްޖާގެ ޑޮކިއުމެންޓުތައް ނެގުމަށްފަހު ރަނގަޅަށް އެއަށް ބަލާވެސް ނުލާ، އިންޓަވިއުއެއްގައި ކުރަންވާ ސުވާލުތައް ވެސް ނުކޮށް ފޮނުވާލި ކަމަށް ބުންޏެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން އެއަންހެން ކުއްޖާއަށް އެއޮފީހުން ގުޅާފައި ވަޒީފާއަށް ހޮވުނުކަމަށް ބުނި ކަމަށްވެސް މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.'

ކޮންމެހެނަކަސް އެއިރު އެކުއްޖާއަށް އެންމެ 17 އަހަރެވެ. އެހެންކަމުން ކަންކަމާއި އެހާ ނުވިސްނާ، ރަނގަޅު ތަނަކުން ވަޒީފާ ލިބުމުން އޭނާވެސް އުފަލުން އެތަނަށް ދިޔައީ ކަމަށް ބުންޏެވެ.

އައްޑޫގައި ހަދާ އޮފީހުގެ މަސައްކަތްތައް ބަލާލުމަށް ވަރަށް ގިނައިން ފިރާގް ދާކަމަށާއި އެއްދުވަހު އޮފީހަށް ގޮސް އެކުއްޖާއަށް ކައުންޓްލައިނުން ޗޮކްލެޓެއް ދިން ކަމަށްވެސް ބުންޏެވެ. އެކުއްޖާވެސް އެކަމާއި މާބޮޑަށް ނުވިސްނާ ވަރަށް އުފަލުން، ފިރާގް އޭނާއަށް ޗޮކްލެޓެއް ދިނީ ކަމަށް އޮފީސް ކުދިން ގާތު ބުންޏެވެ. އެކުއްޖާއަށް ފިރާގް ވަރަށް ގިނައިން ޓެސްޓު ކުރާކަމަށް ވެސް ބުންޏެވެ. އޮފީހުގެ ކަންކަމުގައާއި އެކި ކަންކަމުގައި ކަމަށް ވެސް ބުންޏެވެ. އެއިރުވެސް އޭނާ ހީކުރީ އެއީ ހަމަ އެކުވެރި "ބޮސް އެއް" ކަމަށް އެކުއްޖާ ކިޔައިދިން ކަމަށް ވެއެވެ.

ނަމަވެސް އެއްރޭ ފިރާގް އޭނާއަށް މެސެޖު ކޮށްފައިވަނީ ފިރާގަށް "ހަގް އެއް" ދިނުމަށް ކަމަށް އެކުއްޖާބުނި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އެކަމަށް އެކުއްޖާ އިންކާރު ކުރިކަމަށާއި ފިރާގް އަކީ މީހެއްގެ ފިރިއެއް ކަމަށާއި އޭނާގެ ވެސް "ބޯއީފްރެންޑެއް" ހުންނަ ކަމަށް ބުނިކަމަށް ވެއެވެ. އެހެންކަމުން އެފަދަ ކަމެއް ކުރުން ވާނީ ބޭވަފާތެރިވުން ކަމުގައި ވެސް ބުނިކަމަށް ބުންޏެވެ. ޖަވާބުގައި ފިރާގް ބުނީ އެކަކަށް އެކައްޗެއް ވެސް ކޮންމެހެން އިނގެން ނުޖެހޭ ކަމަށެވެ.

އެއްދުވަހު ފިރާގް އޮފީހަށް ދިޔައިރު އޮފީހުގައި އިނީ އެއަންހެން ކުއްޖާ އެކަނި ކަމަށާއި، މަސައްކަތް ކުރަން އިންދާ ފަހަތުގައި މަޑުކޮށްފައި އަންހެން ކުއްޖާގެ އަތުގައި ފިރާގު އަތްލި ކަމަށް ބުންޏެވެ. އަދި އަތުގައި އިސްތަށި ހުންނަ މީހުން ދެކެ "ލައިކް" ވާ ކަމަށް ބުނި ކަމަށް ވެސް ބުންޏެވެ. އެއީ އޭނާ އެގޮތަށްއެއަންހެން ކުއްޖާ ގައިގާ އަތްލި ފުރަތަމަ އަދި ފަހު ފަހަރު ކަމަށް ވެސް ބުންޏެވެ.

އަންހެން ކުއްޖާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އެކުއްޖާގެ ކޮނޑުގައި ވެސް އަތްލާން ފެށިކަމަށާއި ބްރާގެ ވައުގަނޑަށް ދަމާލާފައި "ކޮން ސައިޒެއް" ތޯއާއި އޭނާ ދެން އަންނަ ފަހަރަކުން އައު ބްްރާއެއް ގެނެސްދޭން ވެގެން އެހީ ކަމަށް ވެސް ބުންޏެވެ. އަންހެން ކުއްޖާ ބިރުން ތުރުތުރު އެޅިކަމަށާއި ނަސީބަކުންް އެވަގުތު އެތަނަށް ކަސްޓަމަރެއް ދިޔުމުން ފިރާގް އަވަސް އަވަހަށް އެތަނުން ދިޔައީ ކަމަށް ވެސް ބުންޏެވެ. ނަމަވެސްް އޭނަ ދިޔައީ މާދުރަކަށް ނޫނެވެ. އަންހެން ކުއްޖާގެ ކުރިމަތީގައި އިށީންދެފައި ބިރުގަތީހޭ އަހާފައި މެސެޖު ކުރި ކަމަށް ވެސް ބުންޏެވެ.

އެކަމާއި ބިރުން އަންހެން ކުއްޖާ ދުވަސްކޮޅެއް ވަންދެން އޮފީހަށް ނުގޮސް މަޑުކުރިއެވެ. ނަމަވެސް ވަޒީފާއަށް ނުނިކުންނާތީ އެޗްއާރް އިން އިންޒާރު ދިނުމުން އަނެއްކާވެސް ވަޒީފާއަށް ދާން ފެށިއެވެ. އަދި އެކުގައި މަސައްކަތް ކުރާ ބައެއް ކުދިންގާތު އެވާހަކަ ހިއްސާ ކުރިއެވެ. އެމީހުން އެވާހަކަ އެހާ ސީރިއަސްކޮށް ނުނެގި ކަމަށާއި ނަމަވެސް ކަންތައްތައް ގޯހުން ގޯހަށް ދިޔައީ އެހިސާބުން ކަމަށް ބުންޏެވެ.

އޮފީސް ތެރޭގައި އެވާހަކަ ދެކެވެމުންދާކަން ކޮންމެވެސް ގޮތަކުން ފިރާގްގެ ކަންފަތުގައި ޖެހުނެވެ. އަދި އެޗްއާރްގެ ސްޓާފަކާއި ކަންޓްރީ މެނޭޖަރަކާއެކު ތިން މީހުންގެ ހާޒިރުގައި އަންހެން ކުއްޖާ މީޓިންގަކަށް ގެންދިޔައެވެ. އެކުއްޖާގާތު ސުވާލުކުރީ ދޮގު ވާހަކަ ފަތުރަނީ ކީއްވެތޯއެވެ. އެންމެން ކުރިމަތީ ފިރާގް ދޮގު ހަދާތީއާއި އެހާ ޅައުމުރުގައި އެފަދަ ކަމަކާއި ކުރިމަތިވުމުން ގަނެފައި ހުރި ބިރުން އެއަންހެން ކުއްޖާ ބުނީ އޭނާ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ.

އެކަންތައްތަކުގެ ސަބަބުން މާޔޫސްވާން ފެށިކަމަށާއި އެހެންކަމުން ވަޒީފާއަށް އިސްތިއުފާ ދިން ކަމަށް އެކުއްޖާ ބުނެފައިވެއެވެ. އަދި އިސްތިއުފާ ދޭން ވެގެން ލިޔުނު އީމެއިލްގައި އެކުއްޖާވަނީ އެވާހަކަތައް ބަޔާން ކޮށްފައި ކަމަށް ވެސް ބުންޏެވެ. ނަމަވެސްް ހަމައެކަނި ލިބުނު ޖަވާބަކީ "ކުރިން ނުބުނީ ކީއްވެތޯ" ކަމަށް ވެސް އެކުއްޖާ ބުނެފައިވެއެވެ.


އެކުއްޖާ ފޮނުވި މެއިލް ފަހުން ސިސްޓަމުން ވަނީ ޑިލީޓު ކޮށްފައި ކަމަށާއި ނަމަވެސްް ފިރާގް ވައިބަރ އިން ފޮނުވި މެސެޖުތައް އަދިވެސް އެބަހުރި ކަމަށް އެކުއްޖާ ބުނެފައިވާ ކަމަށް ވެސް މައުލޫމާތު ދިންް މީހާ ބުންޏެވެ.

މިނިމުނީ އެއް ވާހަކައެވެ. ދެވަނަ ހާދިސާއެއް ވެސް އެތަނުގައި ވަނީ ހިނގާފައެވެ. ނަމަވެސް އެހާދިސާ އެހެން ރިޕޯޓެއްގައި ގެނެސްދޭނަމެވެ.

މިތުހުމަތުތަކާއި ގުޅޭގޮތުން އިނާރ މޯލްޑިވްސް، އޭސް އޭވިއޭޝަން ގެ އެމްޑި މުޙައްމަދު ފިރާގު އަށް "ދެން" ގެ ފަރާތުން ގުޅާލުމުން ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައެއް ކަމަށާއި އެފަދަ ކަމެއް އުޅޭނަމަ އެކަން ރިޕޯޓު ކުރެވޭނެ ކަމާއިބެހޭ ފަރާތްތައް ތިބި ކަމަށެވެ. އެފަރާތްތަކަށް ރިޕޯޓު ކުރުމަށާއި، ރިޕޯޓު ކުރުމުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ފިރާގް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ފިރާގް ވިދާޅުވީ ރިފަރެންސަކަށް އެތަނުގައި އުޅޭ އެހެން މުވައްޒަފުން ގާތުވެސް ކަމުގެ ހަގީގަތް ހޯދާލުން ރަނގަޅުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުންފުންޏަށް 21 އަހަރު ވެފައިވާއިރު އެކި ލެވެލްތަކުގައި އުޅެވިފައިވާނީ. އަޅުގަނޑުމުން ސްޓާފުންނަށް ޕްރޮޓެކްޝަން ދެންް. އެކަމަކު ކޮންމެ ކަމެއްގައި ވެސް ހުންނާނެ ދެއްތޯ ވަކި އުސޫލުތަކެއް. މިހާ ހިސާބަށް އާދެވިފައި މިހުރީ ކޮންމެވެސް ކަހަލަ ޕްރިންސިޕަލްތަކެއް ވެސް ހުރެގެން. ބޭސްލެސް ވާހަކަތަކެއް އެއީ. އަޅުގަނޑު ވަރަށް އެދެން އެހިނގިކަމެއް ތަފްސީލުކޮށް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާ ބެއްލެވުން." ފިރާގް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!