1700 އަށް ވުރެ ގިނަ މީހުން މިއަދު ވެކްސިން ޖަހައިފި
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު އަތޮޅު ތެރެއިން 1775 މީހުންނަށް ވެކްސިން ދީފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 1775 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 214،486 މީހުންނަށް ވެކްސިން ދީފައި ވެއެވެ.
މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 121،630 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 92،856 މީހަކަށް ވެކްސިން ދީފައި ވެއެވެ.
އިއްޔެ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް މާލޭގައި ޖެހުން ވަނީ ނިންމާލާފައެވެ. ނަމަވެސް މިތާރީހުގެ ފަހުން ވެސް ބައެއް ފަރާތްތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭނެ ފަރާތްތައް ވަނީ ކަނޑައަޅާފައެވެ.
އެއީ:
▪︎ ބަލިން ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދޭ ފަރާތްތައް (އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން)
▪︎ ޕޮސިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
▪︎ ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
▪︎ ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރު ކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުން
▪︎ ބައްޔެއްގެ ސަބަބުން، ޞިއްޙީ ޙާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނެވެ.
ވެކްސިންގެ މައުލޫމާތު ދެއްވަން އެޗްއޯއީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ އިތުރު ވެކްސިން ލިބުމުގެ މަގުމަތީގައި ވާކަމަށާއި އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ދެލައްކަ ވެކްސިން ޑޯޒް ލިބޭނެ ކަމަށާއި އަދި ކޮވެކްސް ވެކްސިންގެ 12000 ޑޯޒް މިހާރު ލިބި ބޭނުން ކުރަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން ކޮވެކްސްގެ ބާކީ ހުރި ވެކްސިން ޑޯޒްތައް ވެސް ލިބޭނެ ކަމަށާއި އަދި ފައިޒާގެ އިތުރު 5850 ޑޯޒް ވެކްސިން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.