ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ. ކޭ. ޢަބްދުލް މޮމެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ އިންޓަރ ކޮންޓިނެންޓަލް ހޮޓަލުގައެވެ.
މި ބައްދަލުކޮށްލެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިޚް މުޖީބުއްރަޙްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމާ ގުޅިގެންނާއި މި އަހަރަކީ ބަންގްލަދޭޝްގެ މިނިވަންކަމަށް ރަންޔޫބީލް ފުރުން ފާހަގަކުރާ އަހަރު ކަމަށްވާތީ އެޤައުމުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ސަރުކާރުން އެކި ގޮތްގޮތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަ ކުރައްވާ، އަދި ވަކިން ހާއްސަކޮށް ކޮވިޑް-19 އާއި ގުޅިގެން ފޯރު ކޮށްދެއްވި ދީލަތި އެހީތެރިކަން ފާހަގަ ކުރައްވާ އެކަމަށްޓަކައި ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ މި ނުރައްކާތެރި ހާލަތަކީ ހުރިހާ ޤައުމަކަށް ވެސް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަ ކުރައްވާފައެވެ.
އަދި ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ އެހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތް ފުރިހަމަކަމާ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ބަންގްލަދޭޝް އެއަރ ފޯސްގެ ޞިއްޚީ ޚިދުމަތްތެރިންގެ 2 ޓީމެއް ކުރެއްވި މިންނެތް މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުގައި އޮތް ގުޅުން ބަދަހި ކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މި ގޮތުން ވާހަކަފުޅު ދެއްކެވި ދާއިރާތަކުގެ ތެރޭގައި ދެ ޤައުމުގެ ދޭދޭ ގުޅުން ވަރުގަދަ ކުރުމަށާއި، ތަރައްޤީގެ ރޮނގުން އެކުގައި މަސައްކަތް ކުރުމަށާއި، ހާއްސަ ގޮތެއްގައި އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމަށާއި، ބައިނަލްއަޤުވާމީ މަޝްރަހުގައި އެކުގައި މަސައްކަތް ކުރުމަށާއި، ހިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރެއްވެވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ކޮވިޑް-19 ގެ ހާލަތުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވުނުކަމަށް ޓަކައި އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި ފޮރިން މިނިސްޓަރ ވަނީ، ޞައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އަމިއްލައަށް އެދިގެން އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުންނަށް އެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސަރުކާރުން އިސް ނަގައިގެން ހިންގާ ޕުރޮގުރާމަށް ތަޢުރީފު ކުރައްވާފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ، މިފަދަ ދަތި ހާލަތެއްގައި ޤައުމެއްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ބޭފުޅާކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ އެކަމުން ދޭހަ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރައްވާ އިތުބާރު ކަމަށެވެ
މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ދުޅަހެޔޮ ކަމަށާއި، ރައްކާތެރިކަން މި ސަރުކާރުން ފޯރު ކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ދިރިއުޅެމުންދާ އެންމެހާ ރައްޔިތުންނަށް ހިލޭ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިން ދެމުން ގެންދަވާނެކަމުގެ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.