ރާއްޖެއާއި ބަނގްލަދޭޝްއާ ދެމެދު ގުޅުން ބަދަހި ކުރުމަށް 4 އެއްބަސްވުމެއް!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބަނގްލަދޭޝްއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ 4 އެއްބަސްވުމެއްގައި މިއަދު ސޮއި ކުރައްވައިފިއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއާއި ބަނގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި މިއަދު ސޮއި ކުރެވުނު މިއެއްބަސްވުންތަކުގެ ތެރެއިން ދިވެހިރާއްޖެއާއި ބަނގްލަދޭޝްއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ދެ ޤައުމުގެ ދެމެދު ހަރުދަނާ އުސޫލެއްގެ މަތީން މަޝްވަރާތައް ކުރުމަށްޓަކައި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ މޯލްޑިވްސް-ބަންގްލަދޭޝް ޖޮއިންޓް ކޮމިޝަން އޮން ކޮމްޕްރިހެންސިވް ކޯޕަރޭޝަން" ގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ޑރ. އޭ.ކޭ ޢަބްދުލް މޮމެން އެވެ.
ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު އެކިއެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ބައިލެޓްރަލް ކޮންސަލްޓޭޝަންސް" ގައި ސޮއިކުރެއްވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދާއި، ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްޞޫދު ބިން މޮމެން އެވެ.
ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށާއި އެކަމާގުޅޭ މަޝްވަރާތަކަށް މަގު ފަހި ކުރުމަށްޓަކައި ދެ ސަރުކާރު ދެމެދު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ ފީލްޑް އޮފް ފިޝަރީޒް އެންޑް ޕެލަޖިކް ފިޝިންގ" ގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް ލައިވްސްޓޮކް އެސް.އެމް. ރިޒާއުލް ކަރިމް އެވެ.
ދިވެހި ސަރުކާރާއި ބަންގްލަދޭޝްގެ ރައްޔިތުންނާ ގުޅުން ޤާއިމު ކުރުމަށްޓަކައި ދެ ޤައުމުގެ އާދަކާދަ އާއި ސަޤާފަތް ދަސްކުރުމަށާއި އެކަމަށް އަހުލުވެރިވުމަށްޓަކައި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމް (ސީ.އީ.ޕީ) ފޮރ 2022-2025 ގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރ އޮފް ކަލްޗަރަލް އެފެއާޒް ކޭ.އެމް. ޚާލިދެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ކުރިން ބަނގްލަދޭޝްގެ ބޮޑުވަޒީރުގެ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބަނގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ވަކިން ބައްދަލު ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ދޭދޭ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވެސް ވަނީ މިއަދު ވާހަކަފުޅުތައް ކުރިއަށް ގެންގޮސްފައެވެ.