ދަރިފުޅު ވައްޓާލި ދެމަފިރިންގެ މައްޗަށް މީހަކު މެރުމުގެ ކުށް ސާބިތެއް ނުވި
އައްޑޫ ސިޓީގެ މަރަދޫފޭދޫ ހޭޅިފަށުގައި ކުޑަކުއްޖަކު ވަޅުލާފައި އޮއްވާ ފެނުނު މައްސަލައިގައި ދައުވާ ކުރި އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗައް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ކޮތަޅަކަށްލާފައި އެކުއްޖާ ވަޅުލާފައި އޮއްވާ ފެނިފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގައެވެ.
ދައުލަތުގެ ފަރާތުން މިމައްސަލައިގައި ދައުވާ ކޮށްފައި ވަނީ އެ ކުއްޖާގެ މަންމަ، ސ. މަރަދޫ، ޝޭމްރޮކް އައިމިނަތު ޝާހީ އަދި ކުއްޖާގެ ބައްޕަ އަދި ޝާހީގެ ފިރިމީހާ ސ. މަރަދޫފޭދޫ، ފިނިފެންމާގެ އިބްރާހީމް ވިޝާމްގެ މައްޗަށެވެ. މި ދެމީހުންގެ މައްޗަށް ވެސް އުފުލީ ގަސްދުގައި ކުއްޖަކު މެރިކަމުގެ ދައުވާއެެވެ.
ދައުލަތުގެ ފަރާތުން މިމައްސަލައާއި ގުޅޭގޮތުން ފާހަގަ ކޮށްފައި ވަނީ ޝާހީ ބަނޑު ބޮޑު ވީއްސުރެ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށާއި، ބަނޑަށް 20 ހަފްތާގައި ދަރި ވައްޓާލުމުގެ ނިޔަތުގައި ދަރި ވައްޓާލުމަށް ބޭނުންކުރާ ޒާތުގެ ބޭހެއް ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި އެ ބޭހުގެ ސަބަބުން ލޭ އަންނަން ފެށުމުންވެސް ޝާހީ ހޮސްޕިޓަލަށް ގެންގޮސްފައި ނުވާ ކަމަށާއި، ނަމަވެސް ޝާހީ ވިހެއުމުން ވިސާމް އެ ކުއްޖާ ކޮތަޅަކަށް ލައިގެން މަރަދޫފޭދޫ ބިއުޓީރޯސްގެއާ ދިމާ އަތިރިމަތީގައި ކުއްޖާ ވަޅުލާފައިވާ ކަމަށް ވެސް ދައުލަތުގެ ފަރާތުން މިމައްސަލައާ ބެހޭ ގޮތުން ބުނެފައި ވެއެވެ.
މީގެ އިތުރުން ދުވަސް ނުފުރާ ވިހާފައިވާ ކުއްޖަކު ފެނިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން، ފުލުހުން އެތަނަށް ގޮސް، އެސަރަހައްދު ކޮނެގެން ބެލިއިރު ކުއްޖާ ފެނިގެން އެކުއްޖާ ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ކުއްޖާގެ ވިންދު ހުރި ކަމަށް ދައުލަތުން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. އަދި ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް އެ ހޮސްޕިޓަލުގެ ވަޒީފާގައި އުޅޭ ނަރުހެއް ބުނާ ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.
މި ދައުވާއަށް ޖަވާބުދާރީ ވަމުން ޝާހީ ބުނީ ކުއްޖާ މަރާލުމުގައި ބައިވެރިވެފައި ނުވާ ކަމަށާއި ދަރިވައްޓާލުމުގެ ނިޔަތުގައި އެއްވެސް ބޭހެއް ބޭނުން ނުކުރާ ކަމަށެވެ. ނަމަވެސް ބަނޑުގައި ރިއްސާތީ ހިތަދޫ ދިލްޝާދު ކްލިނިކުގައި މަސައްކަތް ކުރާ ޑޮކްޓަރެއް ދިން ބޭހެއް ކެއި ކަމަށް ޝާހީ ބުނެފައި ވެއެވެ.
ޝާހީ ބުނީ ބަނޑުން ވެއްޓުނު ކުއްޖާ ނުދެކޭ ކަމަށާއި އެކުއްޖާ ކޮތަޅަށްލީ ވިސާމް ކަމަށެވެ. ކުއްޖާ ނެގީ ވިސާމް ކަމަށާއި ފަހުން އެކުއްޖާ ނުދެކޭ ކަމަށް ވެސް ޝާހީ ވަނީ ކޯޓުގައި ބުނެފައެވެ.
އޭގެ ފަހުން ދައުލަތުގެ ފަރާތުން ވަކީލެއް ހަމަޖެއްސުމަށްފަހު، ޝާހީ ވަނީ ވަކީލާއެކު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ދައުވާއަށް އިންކާރު ކޮށްފައެވެ.
މި މައްސަލައިގައި ވިސާމް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އެގޮތުން މައްސަލައިގެ ތަހުގީގު ކުރި ފަރާތްތަކުން ނެގި ބަޔާނަކީ އަމިއްލަ ގަސްދެއް އޮވެގެން ނަގާފައިވާ ބަޔާނެއް ކަމުގައި ނުވާތީ އެބަޔާނަށް ވެސް ވިސާމް ވަނީ އިންކާރު ކޮށްފައެވެ.
ދިފާއުގައި އަމިއްލައަށް ވަކީލަކު ހަމަޖެއްސުމަށްފަހު ވިސާމް ވަނީ ވަކީލާއެކު ބޭއްވި އަޑުއެހުމުގައި ވެސް ދައުވާއަށް އިންކާރު ކޮށްފައެވެ. އަދި ގަސްދުގައި އެއްވެސް ކުއްޖަކު މަރާފައި ނުވާނެ ކަމަށް ވެސް ވިސާމް ބުނެފައިވެއެވެ.
ޝަރީއަތުގައި މި ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފައި ވަނީ، ދެމީހުން ވެސް ދައުލަތުން ކުރި ދައުވާއަށް އިންކާރު ކުރުމާ ގުޅިގެން، ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހެޅި ހެއްކަށް ބެލުމަށް ފަހުއެވެ.