ޚަބަރު

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ކަނޑުމަގުން ދަތުރު ފަށަން މަސައްކަތްކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއާއި ބަންގުލަދޭޝްއާ ދެމެދު ވައިގެ މަގުން ކުރާ ދަތުރުތަކުގެ އިތުރުން ކަނޑުގެ މަގުން ދަތުރުތައް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބަނގްލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވަމުންނެވެ.

ރާއްޖެއާ ބަނގުލަދޭޝްގެ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބަންގުލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ޙަސީނާ ބައްދަލު ކުރައްވައި ދެ ޤައުމުގެ މެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކާއި އަދި ބަންގުލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ފާހަގަ ކުރައްވާފައެވެ.

ހަމައެހެންމެ މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީ ފަދަ ދެ ޤައުމުން އިސްކަންދޭ ބައިނަލްއަޤްވާމީ މައްސަލަތަކާ ބެހޭގޮތުންނާއި ދެ ޤައުމުގެ މެދުގައި ވިޔަފާރިއާ އިންވެސްޓުމަންޓުގެ ފުރުޝަތުތައް އިތުރުކުރުމަށް ކަންކަން ފަހިކޮށްދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައި ވާކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ދެޤައުމުގެ ވެރިންގެ ރަސްމީ ވާހަކަފުޅުތަކުގެ ތެރޭގައި ބަންގުލަދޭޝްގެ ބޮޑުވަޒީރު ވަނީ ވަރަށް އަވަހަށް ރާއްޖެއާ ބަންގުލަދޭޝްއާ ދެމެދު އެ ޤައުމުގެ ޤައުމީ އެއަރލައިން، "ބައިމަން ބަންގުލަދޭޝް އެއާރލައިންސް"ގެ ދަތުރުތައް ފަށާނެކަން އިޢުލާނު ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނގުލަދޭޝް ސަރުކާރުގެ އެ ނިންމެވުމަށް މަރުޙަބާ ވިދާޅުވެފައެވެ.

ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ދެއްވި ގުޅިފައިވާ ބަޔާން ނިންމަވާލައްވަމުން މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަނގުލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އަދި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދަށް ބަނގުލަދޭޝްގެ ސަރުކާރުން އަދާ ކުރެއްވި މެހުމާންދާރީއާ ބެހެއްޓެވި ގާތްކަމަށްޓަކައި އެ ޤައުމުގެ ބޮޑުވަޒީރާއި ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ ބަންގުލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ވެސް ދަޢުވަތު ދެއްވާފައެވެ.

Ads by Allied Insurance
  1. އާދަނު

    ވަގަށް އެތެރެ ކުރެވޭ މީހުންގެ އަދަދު މަދުވީމަ ގެނެވޭނެ އެހެން ގޮތެއްހޯދީ ދޯ