ކޮވިޑް ދިފާޢު: މާލެ ސަރަޙައްދުގައި މިއަދު ވެކްސިނެއް ނުޖަހާ، އަތޮޅުތެރެއިން 449 މީހުންނަށް ވެކްސިން ދިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު މާލެ ސަރަޙައްދުގައި ވެކްސިން ދީފައިނުވި ނަމަވެސް އަތޮޅުތެރެއިން 449 މީހަކަށް ވެކްސިން ދީފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 449 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 218،046 މީހުންނަށް ވެކްސިން ދީފައި ވެއެވެ.
މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 121،630 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 96،416 މީހަކަށް ވެކްސިން ދީފައި ވެއެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 104 މީހުންނާއި، އަތޮޅުތެރެއިން 21 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 14 މީހުންނާއި ކަނޑު އުޅަނދުފަހަރުން 5 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 22،292 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 19،773 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 65 މީހުން ނިޔާވެެފައިވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 120 މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 598،676 ސާމްޕަލް ނަގައިފައި ވެއެވެ.