ރިޕޯޓް

އުމުރުން 106 އަހަރުގެ އަބްދުއްރަޙްމާން: ދިރިއުޅުނީ ވަރަށް މުރާލިކަންމަތީގައި!

ދެން އެމްވީ ، ދެން އޮންލައިން

މިއީ މުޅި ރާއްޖެ ވެސް މިއަދު ސިއްސުވާލި އެއް ޚަބަރެވެ. ރާއްޖޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ ނިޔާވި ހިތާމަވެރި ޚަބަރެވެ.

Ads by STELCO

އުމުރުން 106 އަހަރުގެ އަބްދުއްރަޙްމާން މޫސާ ނިޔާވީ މިއަދު ހެނދުނު ކުއްލިގޮތަކަށް ހދ. ހަނިމާދޫގައެވެ.

ޢަބްދުރަޙުމާނުގެ އައިޑީކާޑުގައި ވާގޮތުން އޭނަގެ އުފަން ތާރީޚަކީ 11 ނޮވެމްބަރު 1913އެވެ.

"ޕީއެސްއެމް" އަށް މައުލޫމާތު ދެމުން އަބްދުއްރަޙްމާންގެ އެންމެ ހަގު ފިރިހެން ދަރިފުޅު އަބްދުއްރަޝީދު (57އ.) ބުނީ އޭނާގެ ބައްޕަގެ ދިރިއުޅުން ކޮންމެ ދުވަހަކުވެސް ބެހެއްޓީ ވަރަށް ތަރުތީބުކޮށް ކަމަށެވެ. އަދި މި އާދަ އޭނާގެ ދަރިންވެސް އޭނާ ބެލެހެއްޓުމުގައި ހިފަހައްޓާފައިވާކަމަށް އަބްދުއްރަޝީދު ބުނެފައިވެއެވެ.

އަބްދުއްރަޙްމާނަކީ ފެށުނީއްސުރެ އާމްދަނީ ހޯދަން މަސައްކަތްކުރި ހީވާގި މީހެކެވެ. އެގޮތުން އޭނާ އެންމެ ބޮޑަށް ކުރި މަސައްކަތަކީ މަސްވެރިކަމެވެ.

އެންމެ ފުރަތަމަ މަހަށް ދިޔައީ އާއިލީ ދޯންޏެއްގައެވެ. އެދޯނި ވިއްކާލުމާއި ހަމައަށް އޭގައި ވަރަށް ގިނަ ޒަމާން ވަންދެން މަސައްކަތް ކުރިއެވެ. ފަހުން މަހަށް ދިޔައީ ކުޑަ ދޯންޏެއްގައި އަމިއްލައަކަށެވެ.

މަސްވެރިކަމަކީ އަބްދުއްރަޙްމާން ވަރަށް ކުރާހިތުން ކުރާ ކަމަކަށް ވުމުން، އުމުރުން ދުވަސްވުމުން ވެސް އާއިލާއިން އެކަން ހުއްޓުވާފައެއް ނުވެއެވެ.

އަބްދުއްރަޝީދު ބުނި ގޮތުގައި އޭނާގެ ބައްޕަގެ ސިއްޙީ ހާލަތު ވަރަށް ފަހަކާއި ޖެހެންދެން ވެސް ރަނގަޅު ކަމަށާއި އަމިއްލައަށް ހިނގާބިނގާވެ އުޅެ، ފަސޭހަކަމާއެކު މީހުންނާއި ވާހަކަވެސް ދައްކާ އުޅުނު ކަމަށެވެ.

ނަމަވެސް އަބްދުއްރަޙްމާން އަށް ސްޓްރޯކެއް ޖެހުންފަހުން ބައެއް ސިއްޙީ މައްސަލަތައް ދިމާވި ކަމަށާއި އެގޮތުން އެއްދުވަހު ފާޚާނާ ކުރަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓި ފައިގެ އުކުޅުވަޅު ކައިރިން ބިންދައިގެން ދިޔަ ކަމަށް ވެސް އަބްދުއްރަޙީމް ގެ ދަރި ބުންޏެވެ.

އެހެންކަމުން ކުރި އޮޕަރޭޝަނަކަށް ފަހު ފަހުން އަބްދުއްރަޙްމާން އަށް ބިންމަތީގައި ފައި ނާޅަން ޑޮކްޓަރުން ލަފާ ދިން ކަމަށް ވެސް އަބްދުއްރަޝީދު ބުންޏެވެ.

މިއޮޕަރޭޝަން ކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުގައެވެ. ނިޔާވުމާއި ހަމައަށް ވެސް އަބްދުއްރަޙްމާން އެނދުމަތީގައި އޮތް ނަމަވެސް ކައިބޮއެ ހެދުމަށާއި މީހުންނާއި ވާހަކަ ދެއްކުމަށް އެނދުމަތީގައި އިށީންދެގެން އިނެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދު ވެސް ހެނދުނު އަބްދުއްރަޙްމާން ސާފު ކުރުމަށްފަހު އޭނާގެ ދަރިން އޭނާއަށް ސައިދިނެވެ.

ނަމަވެސް ސައިބުއިމަށްފަހު އުނދަގޫތަކެއްވާ ވާހަކަ 7:00 ޖަހާކަންހާއިރު ބުނިކަމަށާއި އެމަޖެންސީކޮށް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރި ކަމަށް އަބްދުއްރަޝީދު ބުނެފައިވެއެވެ.

އަބްދުއްރަޙްމާން ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލޭންސް ތެރޭގައެވެ.

"ބައްޕައެއް އުނދަގޫތަކެއްވާތީ ބެލީ އަވަހަސް ހޮސްޕިޓަލަށް ގެންދެވޭތޯ. ހޮސްޕިޓަލަށް ގެންދިޔުމަށް ބައްޕަ ގޮވައޮގެންވެސް ދިޔައީ އަޅުގަނޑު. އެންމެ ފަހު ވަގުތުކޮޅު ހެދަކުރެވުނީ އެމްބިއުލަންސްގެ ތެރޭގައި. އޭރު ގާތްގަނޑަކަށް 7:15 ވާނީ. ހޮސްޕިޓަލަށް ގެންދިޔުމުން ޑޮކްޓަރު ބަލާފައި ބުނީ ގުދުރަތީ މަރެއްކަމަށް." ޢަބްދުއްރަޝީދު ބުންޏެވެ.

ޢަބްދުއްރަޙުމާނު ވަޅުލާފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު ހަނިމާދޫ ސަހަރާގައެވެ. އެންމެ ކައިވެންޏެއް ކޮށްފައިވާއިރު އެކައިވެންޏަށް 6 ދަރިން ލިބިފައިވެއެވެ. އެއީ ދެ ފިރިހެން ދަރިންނާއި 4 އަންހެން ދަރިންނެވެ. އަބްދުއްރަޙްމާން ނިޔާވިއިރު، ކާފަކިޔާ 40 ކުދިންނާއި މުނިކާފަކިޔާ 38 ދަރިން ދުނިޔެގައި އެބަތިއްބެވެ.

މާތް ﷲ އަބްދުއްރަޙްމާން ގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި، އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!