ހިތާމަތައް ލުއިކުރެވޭނެ ބައެއް ގޮތްތައް
ނުތަނަވަސްކަމާއި ދަތި އުނދަގޫތައް ކުރިމަތިވާ އެތައް ދުވަހެއް އާދެއެވެ. ހިތްދަތިކަމުން ގިސްލެވޭ ކިތަންމެ ކަމަކާ ބައްދަލުވެއެވެ. ހިތް ނޭދުނަސް ބަނަ ވިލާތަކަކުން ފަރުދާ ކޮށްލާ ކިތަންމެ އުފާވެރިކަމެއް މާޒީވެދެއެވެ. އެއީ ދުނިޔޭގެ އުސޫލެވެ. އަހަރެމެން ވާން ޖެހޭނީ އެ ހުރިހާ ހާލަތްތަކަކަށް ކެތްތެރިވާ ބަޔަކަށެވެ. ދިމާވާ ދަތިތަކަށާއި ހިތާމަތަކަށް ލުއި ހޯދާ ބަޔަކަށެވެ.
ހިތާމައާއި ހިތްދަތިކަމުން ލުއި ހޯއްދަވަން އެދޭ ނަމަ މި ކަންކަމަށް ސަމާލުވެލައްވާށެވެ.
# ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވާށެވެ.
ޞަޙީޙު މުސްލިމުގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ ” މާނަ : ” އެންމެހައި މަޚްލޫޤުންތަކުންގެ މިންވަރު ﷲ ތަޢާލާވަނީ އުޑުތަކާއި ބިން އުފެއްދެވުމުގެ ފަންސާސް ހާސް އަހަރުކުރިން ލިޔުއްވާފައެވެ. “
މި ޙަދީޘްފުޅުން އެނގޭފަދައިން އަޅުގަނޑުމެންގެ ޙަޔާތުގައި ކުރިމަތިވާނެ މުޞީބާތްތައްވެސް އުޑުތަކާއި ބިންހެއްދެވުމުގެ 50ހާސް އަހަރުކުރިން ލިޔުއްވިފައެވެ.
# މުޞީބާތްތަކަށް ކެތްތެރިވުމުން ލިބޭ މަތިވެރި އަޖުރު ހަނދާން ކުރާށެވެ.
((مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ)) [رواه مسلم]
މާނައީ: “އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާ ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ފާފަފުއްސަވައި ނުދެއްވާނެގޮތަކަށް (މީއިން އެއްވެސްކަމެއް) ނުޖެހެއެވެ.”
# އެހީއާއި މަދަދު ދެއްވުމުގައި އެއިލާހު ދެމިވޮޑިގެންވާކަން އަބަދުވެސް ހަނދާން ބަހައްޓާށެވެ.
و رحمتي وسعت كل شيء :
އަދި ތިމަންރަސްކަލާނގެ رحمة ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ._
= سورة الأعراف ١٥٦=
އެކަލާނގެ އޯގާވަންތަވެރިކަން މައިވަންތަ ކުލުނާއި އަޅާލުމަށްވުރެ ވެސް ބޮޑު ވެގެން ވެއެވެ.
އެކަލާނގެއާމެދު ރަނގަޅުގޮތުގައި ހީކުރާ އަޅާއަށް އެކަލާނގެ އިޙްސާންތެރިވެ ވޮޑިގެން ވެއެވެ.
އެހީއާއި މަދަދު ދެއްވުމުގައި އެއިލާހު ދެމިވޮޑިގެންވާކަން އަންގައިދޭ ބައެއް އިސްމުފުޅުތަކުގެ ތެރޭގައި المَوْلَى ، النَّصِيرُ ، المُجِيبُ އަދި الفَتَّاحُ ހިމެނެއެވެ.
المَوْلَى ގެ މާނައަކީ އެހީތެރިވެވޮޑިގެންވާ އިލާހެވެ.
النَّصِيرُ ގެ މާނައަކީ ނަޞްރުދެއްވާ އިލާހެވެ.
المُجِيبُ ގެ މާނައަކީ ދުޢާ އިޖާބަކުރައްވާ އިލާހެވެ.
﴿وَاعْتَصِمُوا بِاللهِ هُوَ مَوْلاكُمْ فَنِعْمَ المَوْلَى وَنِعْمَ النَّصِيرُ﴾ [سورة الحج 78]
މާނައީ: “އަދި ތިޔަބައިމީހުން ﷲ ގެ ދީނުގައި ގަދަޔަށް ހިފަހައްޓާށެވެ! އެއިލާހީ ތިޔަބައިމީހުންނަށް ނަޞްރުދެއްވާ، އެހީތެރިވަންތަ އިލާހެވެ. ފަހެ، އެހީތެރިވެވޮޑިގެންވާ އިލާހު މޮޅުކަމާއެވެ! އަދި ނަޞްރުދެއްވާ އިލާހު މޮޅުކަމާއެވެ!”
﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ﴾ [سورة غافر 60]
މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާ ކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.”
# ދުނިޔެވީ ޙަޔާތުގެ ޙަޤީޤަތް ދަންނާށެވެ.
"ދުނިޔެއަކީ އިމްތިޙާނެކެވެ." މިއީ ވަރަށް ގިނައިން އަޅުގަނޑުމެންނަށް އިވޭ ބަސްކޮޅެކެވެ. މުސްލިމުންގެ އަޤީދާއަކީ މި ދުނިޔޭގައި އަޅުގަނޑުމެން ހޭދަކުރާ މަދު ދުވަސްކޮޅަކީ އަންނަން އޮތް ދުނިޔެއަށް ތައްޔާރުވުމަށްޓަކައި ލިބިފައިވާ ވަގުތުކޮޅެއްކަމެވެ.
# ތަވައްކަލުކުރުން
ތަވައްކަލްކުރުމަކީ ކަންކަން ޙާސިލުކުރެވެން އޮތް ސަބަބުތަކުގައި ހިފުމާއެކު، އެކަންކަމަށް ތިމާ ވާސިލުކޮށްދެވޭނެ ހަމައެކަނި ފަރާތަކީ މާތް ﷲ ކަމުގައި ހިތުގެ އަޑިން ޔަޤީންކޮށް، ޢަމަލީގޮތުން އެފަދައިން މަސައްކަތްކުރުމެވެ. ކަންކަމުގައި އެއިލާހަށް ތަވައްކަލްކުރަން ޖެހެނީ އެއިލާހީ ހުރިހާ ކަމެއް ތަދުބީރުކުރައްވާ އަދި އެންމެހާ މަޚްލޫޤުންގެ ވެރި އިލާހުކަމުގައިވާތީއެވެ.
﴿إِنِّي تَوَكَّلْتُ عَلَى اللَّـهِ رَبِّي وَرَبِّكُم مَّا مِن دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ﴾ [سورة هود ٥٦]
މާނައީ: “ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ވެރި އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް ތިމަންކަލޭގެފާނު ވަކީލު ކޮށްފީމެވެ. ހިނގާބިނގާ އުޅޭ އެއްވެސް ދިރޭ އެއްޗެއް، އެ އެއްޗެއްގެ ناصية ގައި އެއިލާހު ހިއްޕަވާ ޙާލުގައިވާ ކަމުގައި މެނުވީ ނުވެއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރައްބު ވޮޑިގެންވަނީ، ސީދާވެގެންވާ މަގުގައެވެ. (ނޯޓު: ناصية އަކީ، ނިތްކުރިމަތީގެ އިސްތަށިގަނޑެވެ. ناصية ގައި ހިއްޕެވުމުގެ މުރާދަކީ، ހުރިހާ ބާރެއް އެއިލާހަށް މިލްކު ވެގެންވުމެވެ.)”
# އޯގާތެރިކަމާއި އިޙްސާންތެރިކަމުގެ ސަބަބުން އިލާހީ މަދަދު ލިބުމަށް މެދުވެރިވެއެވެ.
މޫސާގެފާނު مدين ގެ ފެންވަޅުގެ ކައިރިޔަށް ވަޑައިގެންނެވިހިނދު އެ ފެންވަޅުގެ ކައިރީގައި ތިބި ދެ އަންހެނުންގެ ޖަނަވާރުތަކަށް ފެން ދެއްވިއެވެ. ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ.
﴿رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ﴾ [سورة القصص ۲٤]
އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.
މޫސާގެފާނު ގެ މި ދުޢާ މާތްﷲ އިޖާބަކުރެއްވިއެވެ.މިކުޑަކުޑަ ދުޢާގެ ސަބަބުން އެކަލޭގެފާނުގެ އެންމެހާ ޙާޖަތްތައް މާތްﷲ ފުއްދަވައިދެއްވިއެވެ. އެކަލޭގެފާނަށް ހިޔާވައްސަކާއި،ޞާލިޙް އަންތްބެއް ދެއްވެވިއެވެ. މި ދުޢާ އިޖާބަކުރެއްވުމުގެ އެއް ސަބަބަކީ ބަޔަކަށް ހެޔޮކަމެއްކޮށްދިނުމަށްފަހު ގަދަ ކީރިތިވަންތަ އިލާހުގެ މަދަދަށް އެދުން ކަމުގައި ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
ޙަޔާތުގެ ބަނަ ދުވަސްތަކާއި ކުރިމަތިވާހިނދު، މިކަންކަން ހަނދާނުގައި ބަހައްޓާށެވެ.
- ތިބާ އަށް ތިޖެހިފައިވާ ފަދަ މުސީބާތްތައް ޖެހިފައިވަނީ ހަމައެކަނި ތިބާ އަކަށް ނޫނެވެ.
- ﷲ ތަޢާލާ ކޮންމެ ކަމެއްވެސް މިންވަރު ކުރައްވަނީ މަތިވެރި ޙިކުމަތަކަށްޓަކައެވެ.
- ތިބާއަށް ފައިދާއެއްވެސް އަދި ތިބާއަށް ގެއްލުމެއްވެސް ދެވޭނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އެހެންކަމުން ތިބާ ﷲ ތަޢާލާ ފިޔަވާ އެހެންފަރާތަކަށް ބަރޯސާ ނުވާށެވެ.
- ތިބާއަށް ޖެހުނު މުސީބާތަކީ ތިބާ ފަހަނަ އަޅާ ދާން އޮތް މުސީބާތެއްނޫނެވެ. ތިބާއަށް ލިބުނު އެއްޗަކީ ތިބާއަށް ނުލިބި ދާން އޮތް އެއްޗެއް ނޫނެވެ.
- މި ދުނިޔޭގެ ހަޤީޤަތް ދެނެގަންނާށެވެ. މިދުނިޔެއަކީ ފަނާވެ ދަނިވި ކުޑަކުޑަ ހިނދުކޮޅެއްގެ ތަނެކެވެ.
- ތިބާގެ ވެރި ރައްބާއި މެދު ހެޔޮކޮށް ހީކުރާށެވެ.
- ﷲ ތަޢާލާ ތިބާއަށްޓަކާ ޙިޔާރު ކުރައްވާ ގޮތްތައް ތިބާ،ތިބާގެ އަމިއްލަ ނަފްސަށް ޚިޔާރު ކުރާ ގޮތްތަކަށް ވުރެ ހެޔޮކަންބޮޑުވެގެންވެއެވެ.
-މުސީބާތްތައް ބޮޑުވާވަރަކަށް މުސީބާތުން ފިއްލެވުން ނުވަތަ ދިންނެވުމުގެ މަގު އަންނަ ވަގުތު ކައިރިވަމުން ދެއެވެ.