މީހުން ދެން ފުރަމަލަ ލައިފްސްޓައިލް

އަލީ ރަޝީދު: އިސްވާރުން އުފެއްދުމުގައި އަރާހުރި އިސްވާރެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އޭނާ އަކީ އެންމެ ކުޑައިރުއްސުރެ ވެސް ފޮނި ހުވަފެންތަކެއް ދުށް ކުއްޖެކެވެ. އަނެކުންނަށް އިހްތިރާމް ކުރުމަށް އަބަދުވެސް އިސްކަންދީ އަނެކުން އުފާ ކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރި ދަރިވަރެކެވެ. އިސް ނަގައިގެން ކަންކަމުގައި އަބަދުވެސް މަޝްއޫލްވެ އުޅުމަށް ލޯބި ކުރި އިސްވާރެކެވެ.އޭނާގެ ފުށުން އެހެން މީހަކަށް އަބަދުވެސް ކޮންމެވެސް ކަހަލަ ކުރިއެރުމެއް ހޯދައިދެވޭތޯ މަސައްކަތްކުރި ނަމޫނާ ސަޚްސިއްޔަތެކެވެ. ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ އަލްއުސްތާޛު ޢަލީ ރަޝީދުގެ ތަޢާރަފްގައި މި ބަޔާން ކޮށްލެވުނީ ކުޑަ މިންވަރެކެވެ.

Ads by Sosun Fihaara

މިއަދު އޭނާ އަކީ ޒުވާނުންނަށް ޚިދުމަތް ކުރުމުގެ ދާއިރާގައި ގިނަ ހަރުފަތްތަކެއް ގިރާ ކޮށްފައިވާ ތަޖުރިބާ ކާރެކެވެ. އެގޮތުން މިއަދު ލީޑަރުންގެ ގޮތުގައި ފެންނަ ޒުވާނުންތަކެއްގެ ކާމިޔާބީގެ ފަހަތުގައި ވެސް ހުރީ އޭނާ އެވެ. ނަތީޖާއެއްގެ ގޮތުން 2019 ވަނަ އަހަރުގެ ގައުމީ ހިތްވަރު ދިނުމުގެ އިނާމް އޭނާއަށް ޒުވާނުންނަށް ހިލޭ ސާބަހަށް ހިދުމަތް ކުރުމުގެ ދާއިރާއިން ލިބުނެވެ.

ސުކޫލް ދައުރުގައި ވެސް ނަމޫނާއެއް

ސުކޫލް ދައުރުގައި ވެސް އަލީ ރަޝީދަކީ އެހެން ކުދިންނަށް ނަމޫނާ ދަރިވަރެކެވެ. އިސް ނަގައިގެން ގިނަ ކަންތައްތަކެއްގައި މަސައްކަތް ކުރި އިސްވާރެކެވެ. އެގޮތުން ޕްރައިމަރީ ގްރޭޑްތަކުގައި ވެސް އޭނާ ވަނީ އިސް ނަގައިގެން ގިނަ ކަންތައްތަކެއްގައި މަޝްއޫލުވެ އުޅެފައެވެ. އޭނާ ވަނީ އެހެން ދަރިވަރުން ގޮވައިގެން މަސައްކަތް ކޮށް އެ ދަރިވަރުންނަށް އެތައް ގޮތަކުން އެހީތެރިކަން ފޯރު ކޮށްދީފައެވެ.

ގްރޭޑް ހަތަކާ ހަމައަށް އުފަން ރަށުގައި ތައުލީމް ހާސިލް ކުރުމަށްފަހު އޭނާ ބަދަލުވީ ދާލު އަތޮޅު މީދޫގައި ހުންނަ އެ އަތޮޅުގެ، އަތޮޅު މަދަރުސާ އަށެވެ. ސާނަވީ ތައުލީމް ހާސިލް ކުރި ދުވަސްވަރަކީ އޭނާގެ ނަން ގިނަ ބަޔަކަށް އެނގިގެން ދިޔަ ދުވަސްވަރެކެވެ. އެގޮތުން އެ ސުކޫލްގައި އޭނާ އެންމެ ފުރަތަމަ ކްލަބެއްގެ ނައިބު ރައީސްކަން އަދާކުރި އިރު އެއަަށްފަހު ކްލަބެއްގެ ރައީސްކަން އަދާކޮށް، އޭގެ ފަހުން އޭނާ ވަނީ ހެޑް އޮފް ޕްރިފެކްޓްސްގެ މަގާމުގެ އިތުރުން ސުކޫލްގެ ކެޕްޓަން ކަމުގެ މަޤާމު ވެސް އަދާ ކޮށްފައެވެ.

ސާނަވީ ތައުލީމު ދާލު އަތޮޅު މަދަރުސާއިން ފުރިހަމަ ކުރުމަށްފަހު އަލީ ރަޝީދު މާލެ ބަދަލުވީ މަތީ ސާނަވީ ތައުލީމް ފުރިހަމަ ކުރުމަށް ޓަކައެވެ. މަތީ ސާނަވީ ތައުލީމް ފުރިހަމަ ކުރުމަށްޓަަކައި އޭނާ ޚިޔާރު ކުރީ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) އެވެ. އެ ސުކޫލްގައި އުޅުނު އިރުގައި ވެސް އޭނާ ވަނީ އެހެން ދަރިވަރުން ގޮވައިގެން އިސްވާރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އޭނާގެ ހުރި ޤާބިލުކަން ބޭނުން ކޮށްގެން އެހެން ކުދިންނަށް އެތައް އެއްޗެއް ދަސްކޮށްދީފައެެވެ. އޭނާގެ އިސްވާރު ކަމުގައި އެތައް ބަޔަކަށް އެތައް ފައިދާތަކެއް ހޯދައިދީފައެވެ. އެގޮތުން ގިނަ ކަންތައްތަކެއްގައި މަތީ ސާނަވީ ތައުލީމްގައި ވެސް އިސްނަގައިގެން އޭނާ އުޅުނުއިރު ސީއެޗްއެސްސީގެ ކްލަބެއްގެ ރައީސް ކަމުގެ މަޤާމުވެސް އޭނާ އަދާ ކުރިއެވެ.

އަބަދުވެސް ބޭނުންވަނީ އަނެކުން ބާރުވެރި ކުރުވަން

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ފަރާތުން ފެންނަ މަންޒަރަކީ ތިމާއަށްވުރެ އަނެކާ މޮޅުކަމަށް ފެނިއްޖެ ނަމަ ނުވަތަ ތިމާއަށްވުރެ ބޮޑަށް އަނެކާ ކުރިއަރައިގެން ދާހެން ހީވާނަމަ އެމީހެއްގެ ފައިގައި ދަތި އަޅުވާ ވައްޓާލަން މަސައްކަތް ކުރުމެވެ. "ލީޑަރުން"ގެ ނަމުގައި ތިބެގެން ވެސް މިފަދަ ވިޔާނުދާ، ފީކަޅާ ކަންތައްތައް ކުރާ މީހުން މަދެއް ނޫނެވެ.

އަލީ ރަޝީދުގެ ވިސްނުން މިކަމުގައި ތަފާތެވެ. އޭނާ ބޭނުންވަނީ ހަމައެކަނި އޭނާގެ ކުރިއެރުމެއް ނޫނެވެ. އަބަދުވެސް އަނެކުން އުފާވާނެހެން، އަނެކުން ބާރުވެރި ކުރުވޭނޭހެން މަސައްކަތް ކުރުމަކީ އޭނާގެ ލަނޑުދަނޑިއެވެ. އޭނާ އަބަދުވެސް ކުރަން ބޭނުންވާ ކަންތަކެވެ. ސުކޫލް ދައުރުގައި ޒިންމާދާރު އެތައް މަޤާމުތަކެއްގައި އޭނާ ފެނުނު އިރު ދުވަހަކު ވެސް އޭނާގެ ކިބައިން ބޮޑާކަމުގެ ކުލަވަރު ފެނިފައެއް ނުވެއެވެ. އޭނާގެ ގާތް ރަހުމަތްތެރިންނާއި އޭނާގެ ޓީޗަރުންގެ ފަރާތުން އޭނާއަކީ ވިޔާނުދާ މީހެކޭ ނުވަތަ ކަމުނުދާ މީހެކޭ ބުނާނެ ޖާގައެއް އޭނާ ނުދެއެވެ. މިވެނި މީހަކު ބާކީ ކޮށްލީއޭ މިވަނި މީހަކަށް ތަފާތު ކުރީއޭ ބުނާނެ ކުޑަ ނަމަވެސް ޖާގައެއް އޭނާ ނުދެއެވެ.

"ކްލަބެއްގެ ރައީސްކަން ކުރި އިރު ވެސް ބޭނުންވަނީ ހުރިހާ ކުދިން ގޮވައިގެން އުޅެން. އެއީ ހައުސް ކުދިން ކަމަށް ވިޔަސް ކްލަބް ކުދިން ކަމަށް ވިޔަސް. ކިޔެވުމުގައި ވިއްޔާ ކްލާސް ކުދިން ކަމަށް ވިޔަސް. އެހެންވީމަ އަބަދުވެސް ބޭނުންވަނީ އެހެން މީހުން ބާރުވެރި ކުރުވާން. އަޅުގަނޑަށް އެނގޭ ކޮންމެ ކަމެއް ވެސް އެމީހުންނަށް އެނގެން ޖެހޭނެ"

އަލީ ރަޝީދު

"ދެން"އާ ވާހަކަ ދައްކަވަމުން އަލީ ރަޝީދު އިތުރަށް ވިދާޅުވީ އޭނާ އަކީ "ބޮސް" ކަމުގައި އޭނާ ދުވަހަކު ވެސް ނުދެކޭ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރީ އޭނާގެ ފުށުން އަނެކުންނަށް ކޮންމެވެސް އެއްޗެއް ދަސްކޮށްދީ އަނެކުން ގޮވައިގެން މަސައްކަތް ކުރުމަށް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

އަލީ ރަޝީދު އެމްއެންޔޫއެސްޔޫއާ އެކު

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގައި އަލީ ރަޝީދުގެ ދަތުރުގެ ފެށުން

މަތީ ސާނަވީ ތައުލީމް ސީއެޗްއެސްސީ އިން ފުރިހަމަ ކުރުމަށްފަހު އިތުރަށް ތައުލީމް ހާސިލް ކުރުމަށް އަލީ ރަޝީދު ނިންމީ ޤާނޫނީ ދާއިރާއިންނެވެ. އެގޮތުން ޤާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށްޓަަކައި އޭނާ ޚިޔާރު ކުރީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއެވެ. 2014 ވަނަ އަހަރު ގައުމީ ޔުނިވާސިޓީއަށް އޭނާ ވަން އިރު އެ ދުވަސްވަރަކީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން ނުވަތަ އެމްއެންޔޫ ސްޓޫޑެންޓްސް ޔޫނިއަން އުފެދިގެން އައި ދުވަސްވަރެވެ.

2013ވަނަ އަހަރު އުފެދިގެން އައި އެމްއެންޔޫއެސްޔޫ ފިރުކެން ފެށި ދައުރުގައި ވެސް އެ ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި އަލީ ރަޝީދު އުޅުނެވެ. އެއަށްފަހު ރަސްމީ ގޮތެއްގައި ޔޫނިއަންގެ މަޤާމަކަށް އޭނާ އައީ 2015 ވަނަ އަހަރުގައެވެ އެންމެ ފުރަތަމަ ޔޫނިއަންގައި އޭނާ އަދާ ކުރި މަޤާމަކީ ޔޫނިއަންގެ ވިންގްސް ނައިބު ރައީސް ކަމެވެ. އެހެންކަމުން އެކި ފެކަލްޓީތަކުގައި އޮންނަ ވިންގްތަކާ އޭނާއާ އެ ދުވަސްވަރު އުފެދުނީ ގާތް ގުޅުމެކެވެ.

ޔޫނިއަންގެ ރައީސްކަން ދެ ދައުރު އަދާކުރި ހަމައެކަނި ރައީސް، ގިނަ ދަރިވަރުންނެއްގެ ފޭވަރިޓް

އަލީ ރަޝީދަކީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ދަރިވަރުންގެ އިހްތިރާމާއި ޤަދަރު ލިބިގެންވާ ބޭފުޅެކެވެ. އެކަން އޮންނަން ޖެހޭނީ ވެސް އެގޮތަށެވެ. މިހެން ދަންނަވަން ޖެހެނީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އޭނާ އަކީ އެ ޖަމިއްޔާގެ ރައީސްކަން ދެ ދައުރުގައި ކުރެއްވި ހަމަ އެކަނި ބޭފުޅާއެވެ. އަދި އޭނާގެ ރައީސްކަމުގެ ދެ ދައުރުގައި ވެސް އޭނާ ވަނީ ޔޫނިއަންއަށް އަގު ނުކުރެވޭ ފަދަ އެތައް ޚިދުމަތްތަކެއް ކޮށްދީފައެވެ.

ރައީސެއްގެ ހައިސިއްޔަތުން އަދި ދަރިވަރުންގެ މަންދޫބެއްގެ ހައިސިއްޔަތުން އޭނާ ދަރިވަރުންގެ ހައްޤުތައް ހޯދައިދިނުމުގައި ގިނަ މަަސައްކަތްތަކެއް ކުރެއްވިއެވެ. ދަރިވަރުންގެ އަޑު ހިމޭންވިޔަ ނުދީ ދަރިވަރުންގެ ކަންބޮޑުވުންތަކުގެ އަޑު އުފުލުމުގައި އޭނާ ދެމިހުންނެވިއެވެ. އެކަމުގައި ދިމާވި ގޮންޖެހުންތަކާއި އަޑިގުޑަންތަކާ އޭނާ އާއި އޭނާގެ ޓީމް ކުރިމަތިލެއްވީ ސާބިތުކަމާއި ވަރުގަދަ ކަމާއެކުގައެވެ. ތިމަންނާ މެންނަކަށް ނުވާނޭ ބުނެ "އިސްތިއުފާ" ދެއްވާ މަޤާމު ދޫކުރައްވަން ދުވަހަކު ވެސް ވިސްނުމެއް ނުގެންގުޅުއްވައެވެ.

2016 ވަނަ އަހަރަށް ޔޫނިއަންގެ ރައީސްކަމަށް އޭނާ ކުރިމަތިލީ ވަރަށް ވެސް ބޮޑު އުއްމީދުތަކަކާ އެކުގައެވެ. އަދި އިންތިޚާބުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމަކާ ވެސް އެކުގައެވެ. ސަބަބަކީ އެ ދުވަސްވަރު ޔުނިވާސިޓީގައި ލީޑު ކުރަން އުޅުނީ އޭނާ އާއި އަރުޝަދު ކަމަށްވާތީއެވެ. އެހެންކަމުން އެ ދެމީހުން އެއް ގަލަކަށް އަރައިފިނަމަ ހަމަ ޔަގީނުން ވެސް އިންތިހާބު ވާނެކަމުގެ ޔަގީންކަން އޮތް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

2016 ވަނަ އަހަރުގެ ދައުރު ނިންމުމަށްފަހު 2017 ވަނަ އަހަރު އޭނާ ހުރީ މަގާމަށް ކުރިމަތިލާކަށް ނޫނެވެ، ސަބަބަކީ އެއީ އޭނާގެ ޑިގްރީގެ ފަހު އަހަރަށް ވެސް ވާތީއެވެ. އެހެން ނަމަވެސް ގިނަ ދަރިވަރުންތަކެއްގެ އެދުމާއެކު އޭނާ ނިންމީ ޑިގްރީގައި އުޅެމުން ވެސް ޔޫނިއަން އަށް އޭނާގެ ކޮންމެވެސް ވަގުތެއް ހުސް ކުރުމަށެވެ. އެ ނިންމުން އޭނާ ނިންމީ އޭނާގެ ހިތުގައި ޔޫނިއަންްއަށް ޓަކައި އޮތް ލޯބީގެ ބޮޑު ކަމުންނެވެ. ޔޫނިއަން އަށް ޚިދުމަތް ކޮށްދިނުމަކީ އޭނާ އަބަދުވެސް ނުހަނު ބޭނުންވާ ކަމަކަށް ވާތީއެވެ.

ޔޫނިއަންގެ ރައީސްކަން، ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި

ޒިންމާދާރު މަޤާމެއް އަދާ ކުރާ ކޮންމެ މީހަކަށް ވެސް އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަން ގައިމެވެ. އަދި އެ ބައެއް ފަހަރަށް، ފާޑު ކިޔުންތަކާ ވެސް ކުރިމަތިލާން ޖެހޭނެއެވެ. އެހެން ނަމަވެސް ގޮންޖެހުންތަކާ ކުރިމަތިވާ ކޮންމެ ފަހަރަކު ހިތްވަރު އެލުވާލައި މަސްއޫލިއްޔަތު އަދާ ނުކުރެވޭނެ ކަމަށް ނިންމުމަކީ ހައްލެއް ނޫނެވެ.

މިއަދު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމަކީ ކާމިޔާބު އެތައް މަސައްކަތްތަކެއް ކޮށްފައިވާ ތާރީހެއް އޮތް ޖަމިއްޔާއެެކެވެ. އަދި މިހާރު ގިނަ އަދަދެއްގެ ދަރިވަރުން ޔުނިވާސިޓީގެ ހަރަކާތްތަުގައި މަޝްއޫލްވެ އުޅޭ މަންޒަރު ވެސް ފެނެއެވެ. އެހެން ނަމަވެސް މީގެ ހަތަރު އަހަރު ކުރިން އަލީ ރަޝީދުގެ ޒަޢާމަތުގައި މިކަން އޮތީ މިގޮތަކަށް ނޫނެވެ. އެ ދުވަސްވަރު ޔޫނިއަންގެ ހަރަކާތްތަކުގައި ޝާމިލުވެ އުޅޭ ދަރިވަރުންގެ އަދަދު ވަރަށް ވެސް މަދެވެ. އަދި ޔޫނިއަން އަކީ އެ ދުވަސްވަރު ދަރިވަރުންގެ މެދުގައި މާ ބޮޑު މަގުބޫލުކަމެއް އޮތް ތަނެއް ނޫނެވެ. އެހެންކަމުން އެންމެ ބޮޑު ގޮންޖެހުމަަކަށް ދިމާވީ ރައީސްކަމާ ހަވާލުވީ އިރު ޔޫނިއަންގެ ހަރަކާތްތަކަށް އަންނަ ދަރިވަރުންގެ އަދަދު މަދުވުން ކަމުގައި މާޒީގެ ޞަފްހާތައް ނިއުޅާލަމުން އަލީ ރަޝީދު ކިޔައިދިނެވެ.

މީގެ އިތުރުން، އެ ދުވަސްވަރު ޔޫނިއަންއިން މެންބަރުން ވަރަށް ގިނައިން ވަކިވާ ކަމަށް ވެސް އަލީ ރަޝީދު ފާޙަގަ ކުރެއްވިއެވެ. އެގޮތުން ޔުނިވާސިޓީއަށް ޔޫނިއަންގެ ކަމެއްގައި ފޯމު ލާނަމަ އެންމެ ގިނައިން ދަރިވަރުން ލައިފައިވަނީ ޔޫނިއަން އިން ވަކިވުމަށް ލާ ފޯމުތައް ކަމުގައި އަލީ ރަޝީދު ކިޔައިދިނެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށް ޔޫނިއަންގެ އެކްސްކޯއަށް އެވަގުތު މަޖުބޫރު ވިއެވެ. ސަބަބަކަށް ވަނީ ދަރިވަރުންނަކީ ޔޫނިއަންގެ އެންމެ ބޮޑު ރައުސުލްމާލަށް ވެފައި ދަރިވަރުން ޔޫނިއަންގެ ހަރަކާތްތަކުގައި ބައިވެރިވުން ކުޑަވާ ކަމުގައި ވަނީ ނަމަ ޔޫނިއަން ދެމި ނޯންނާނެތީއެވެ

"ވޮލެންޓިއާރކޮށް މަސައްކަތް ކުރަން އަންނަ ކުދިން މަދީ. ހަރަކާތްތަކުގައި ބައިވެރިވޭ. ފުޓްބޯޅަ މުބާރާތުގައި ވެސް މަދަހަ މުބާރާތުގައި ވެސް ބަހުސް މުބާރާތުގައި ވެސް ބައިވެރިވޭ. އެކަމަކު މިހާރު މި އޮންނަހެން ލީޑަރޝިޕް ނަގައިގެން އަންނަ ކުދިން މަދީ. އެއީ އެންމެ ބޮޑު ޗެލެންޖު"

އަލީ ރަޝީދު

ޔޫނިއަންއަށް ހިތްހަމަ ޖެހޭ ފަދަ ޚިދުމަތްތަކެއް ކޮށްދެވުނު

ކުރިން ވެސް ފާހަގަ ކޮށްފައިވާނެ ހެން ޔޫނިއަންގެ ރައީސްކަމުގެ މަޤާމުގައި ދެ ދައުރު ހުންނަން ލިބުނު ހަމައެކަނި ރައީސަކީ އަލީ ރަޝީދެވެ. އެހެންކަމުން ޔޫނިއަންގެ މުގުލުގައި ހުރެ ޔޫނިއަންއަށް ޚިދުމަތް ކުރުމުގެ އެންމެ ބޮޑު ފުރުސަތެއް ލިބުނީ އޭނާއަަށޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެގޮތުން ޔޫނިއަންގެ ރައީސްކަމުގައިހުރި ދެ ދައުރުގައި ހިތްހަމަ ޖެހޭފަދަ މަސައްކަތްތަކެއް ކުރެވުނު ކަމުގައި އަލީ ރަޝީދު ވިދާޅުވިއެވެ.

ޚިދުމަތްތަކުގެ ވާހަކަ ދައްކަވަން ފަށަމުން އަލީ ރަޝީދު އެންމެ ފުރަތަމަ ވެސް އަލިއަޅުވާލީ އޭނާގެ ކުރިން ރައީސް ކަމަށް ވަޑައިގެންނެވި ބޭފުޅުންގެ މަސައްކަތްތަކަށެވެ. އެގޮތުން ޔޫނިއަންގެ ފުރަަތަމަ ދައުރާއި ދެވަނަ ދައުރުގެ އިތުރުން ތިން ވަނަ ދައުރުގައި ވެސް ވަރަށް "ސަޅި" މަސައްކަތްތަކެއް ކޮށްފައިވާ ކަން އޭނާ ފާހަގަ ކުރިއެވެ. އަދި ޔޫނިއަން މިއަދު މިހާ ވަރުގަދަކޮށް އޮތުމުގެ އަސްލަކީ ފުރަތަމަ އެކްސްކޯ އިން ފެށިގެން ވެސް އިހްސާންތެރިކަމާއެކު ކޮށްދިން ޚިދުމަތްތައްކަން އޭނާ ފާހަގަ ކުރިއެވެ.

އަލީ ރަޝީދު ރައީސްކަމާ ހަވާލު ވުމަށްފަހު އޭނާ ވިސްނީ ކުރީގެ އެކްސްކޯތަކުން އަދި އޭނާ ނައިބު ރައީސްކަމުގެ މަޤާމުގައި ހުރި ދައުރުގައި ވެސް ޔޫނިއަން އަށް ދަރިވަރުންގެ މާ ބޮޑު ޝައުގުވެރިކަމެއް ނުހުންނަނީ ކޮން ސަބަބަކާ ހުރެތޯއެވެ. ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމަކީ ކޮބައިކަން ނޭނގިފައި އޮންނަންވީ ކޮން ސަބަބަކާ ހުރެ ތޯއެވެ. އަދި ޔޫނިއަން އިން ކުދިން މާ ގިނައިން ކެނޑި ޔޫނިއަންގެ ހަރަކާތްތަކުގައި ވޮލެންޓިއަރ ކޮށް މަސައްކަތް ކުރަން ކުދިން ނާންނަނީ ކޮން ސަބަބަކާ ހުރެ ތޯއެވެ.

އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފެކަލްޓީތަކަށް ބަހާލައިގެން ކުދިން ޔޫނިއަންއިން ވަކިވާ ސަބަބު ހޯދުމުގެ މަސައްކަތް އަލީ ރަޝީދު އާއި އޭނާގެ ޓީމުން ކުރިއެވެ. އެގޮތުން އެކަންތައްތަކުގެ ސަބަބު ހޯދައި އެންމެ ފުރަތަމަ އަލީ ރަޝީދު ޔޫނިއަންގެ ނައިބު ރައީސް ކަމުގަ މަޤާމުގައި ހުރިއިރު ޔޫނިއަންގެ ގޮފިތަކަށް ފައިސާ ދިނުމަށް ނިންމުނެވެ. އެގޮތުން ގޮފިތަކުން ހިންގާ ހަރަކާތްތަކަށް ޔޫނިއަންގެ ފަރާތުން ވަކި މިންވަރެއްގެ ބަޖެޓެއް ދިނުމަށް ނިންމުނެވެ. އެއީ އަލީ ރަޝީދު ޔޫނިއަން އަށް ކޮށްދިން ފުރަތަމަ ޚިދުމަތެވެ.

ދެވަނަ ކަމަކަށް ޔޫނިއަންގެ ނަން ނުވަތަ ޔޫނިއަން އަކީ ކޮބައިކަން ދަރިވަރުންނަށް ނޭނގިފައި އޮންނަނީ ކީއްވެތޯ ބަލައި އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް އަލީ ރަޝީދާއި އޭނާގެ ޓީމުން ފެށިއެވެ. އެގޮތުން ޔޫނިއަން އިން ކުރިއަށް ގެންދާ ހަރަކާތްތައް ކަވަރު ކުރުމަށް އަދި ދަރިވަރުންނާ ހިސާބަަށް ފޯރު ކޮށްދިނުމަށް ވެބްސައިޓެއް އުފެއްދުމުގެ މަސައްކަތް އޭނާގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި ފެށިއެވެ. އަދި ވެބްސައިޓް ކާމިޔާބު ކަމާއެކު ލޯންޗު ކުރެވިގެން ދިޔައެވެ. އޭރު އެ ސައިޓު އެންމެ ފުރަތަމަ ވެސް ތައްޔާރު ކުރީ ޔޫނިއަންގެ ކޮންމެ ގޮތްޕަކަށް ވެސް ކޮލަމްތައް ދީގެންނެވެ.

"ދެން ޤަބޫލު ކުރެވުނު އެއް ކަމެއް އެއީ ވެބްސައިޓާ ހިސާބަކުން އަދި ނުނިމެޔޭ. ވެބްސައިޓް މި ބަލަނީ އަޅުގަނޑުމެންގެ ކުދިން. އެހެންވީމަ ބޭނުންވީ ރާއްޖޭގެ ހެޑްލައިންތައް މޭކް ކުރަން. ރާއްޖޭގެ ޚަބަރުތަކުގެ ސުރުހީތަކަށް ޔޫނިއަންގެ ހަބަރުތައް އަރަން"

އަލީ ރަޝީދު

ޔޫނިއަންގެ އަޑު މުޅި ރާއްޖެއަށް ގުގުމާލުމަށް ވިސްނި ވިސްނުމުގައި ކުލަ ޖެއްސުމަށްޓަކައި ރައީސްކަމުގެ ފުރަތަމަ ދައުރުގައި އޮންލައިން ނޫސް "ސަން"އާ އެކު ފަހުމުނާމާއެއް ގައި ޔޫނިއަން އިން ސޮއި ކުރިއެވެ. އަދި ސަން އަކީ ޔޫނިއަންގެ މީޑީއާ ޕާރޓްނަރުގެ ގޮތުގައި ނިންމިއެވެ. އަދި ޔޫނިއަންގެ ހަރަކާތްތަކުގައި ވެސް ސަންގެ ލޯގޯ ބޭނުން ކުރަން ފެށިއެވެ.

އެމްއެންޔޫއެސްޔޫ ޓު އޯލް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ހުރެއެވެ. އެހެންކަމުން ދަރިވަރުންގެ ގުޅުމުގެ މަސައްކަތްތައް ހަމައެކަނި އޮންނަން ޖެހޭނީ މާލޭގައި ނޫން ކަމަށް އަލީ ރަޝީދު އާއި އޭނާގެ ޓީމަށް ޤަބޫލު ކުރެވުނެވެ. އެހެންކަމުން "އެމްއެންޔޫއެސްޔޫ ޓު އޯލް"ގެ ނަމުގައި މަސައްކަތްތަކެއް ކުރެވެން ފެށުނެވެ.

ޔޫނިއަންގެ ހަރަކާތްތަކަށް އަތޮޅުތެރޭގެ ކެމްޕަސްތަކުން ބާރު ހޯދުމަށްޓަކައި އަތޮޅު ތެރޭގައި ހުރި އެމްއެންޔޫގެ 4 ކެމްޕަހަށް އަލީ ރަޝީދު އާއި އޭނާގެ ޓީމުން ދަތުރު ކުރިއެވެ. އަދި އެކަމަށް މަސައްކަތް ކޮށްގެން ލާމު އަތޮޅު ގަމުގައި ޔޫނިއަންގެ ގޮތްޕެއް އުފެދުނެވެ. އެގޮތުން "ޢަހުރަ"ގެ ނަމުގައި އުފެދިގެން އައި މި ވިންގުން އެ އަހަރު ތަފާތު ދެއްކި ކަމަށާއި ގިނަ ހަރަކާތްތަކެއް ހިންގި ކަމުގައި އަލީ ރަޝީދު ފާހަގަ ކުރިއެވެ

މަޤާމުގައި ހުރި އިރު ފާޑުކިޔުންތަކަކާ ކުރިމަތިވި

ޒިންމާދާރު މަޤާމެއްގައި ހުންނައިރު ކޮންމެ މީހަކަށްވެސް ފާޑުކިޔުންތަކާ ކުރިމަތިވާނެ ކަން ޔަގީނެވެ. އެގޮތުގެ މަތީން އަލީ ރަޝީދުއަށް ވެސް އެކި ގޮތްގޮތުން ފާޑުކިޔުންތައް ކުރިމަތިވިއެވެ.

މިހާރު ވެސް އަދި ކުރިން ވެސް ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ހަރަކާތްތަކަށް ޚަރަދު ކުރުމަށް ކޮންމެ ސެމިސްޓާއަކު ވެސް ކޮންމެ ދަރިވަރެއްގެ އަތުން ވެސް 50 ރުފިޔާ ނެގެމުން ދެއެވެ. އަދި އެ ފައިސާގެ މައްސަލަ އަކީ ނުވަތަ ފައިސާ ނަގާތީ ކުރާ ޝަކުވާ އަކީ އަބަދުވެސް ދަރިވަރުން ކުރާ ޝަކުވާއެކެވެ. އެގޮތުން އަލީ ރަޝީދުގެ ދެ ދައުރުގައި ވެސް ދަރިވަރުންގެ ފަރާތުން މި ޝަކުވާއާ އޭނާ ކުރިމަތިލާން ޖެހިފައިވެއެވެ.

އަލީ ރަޝީދު ވިދާޅުވީ ދަރިވަރުންގެ ފަރާތުން ޝަކުވާ އަންނަނީ އެ ފައިސާ ދަރިވަރުންގެ އަތުން ނަގާތީ ނޫން ކަމަށެވެ. ނަމަވެސް އެ ޝަކުވާއާ ކުރިމަތިވަނީ ދަރިވަރުންނަށް އެ ފައިސާ ހަރަދުވާ ގޮތް ނޭނގޭތީ ކަމަށް އޭނާ ފާހަގަ ކުރިއެވެ. ނަމަވެސް އެއީ ހަޤީގަތެއް ނޫން ކަމަށާއި ފައިސާ ހަރަދުކުރެވޭ ގޮތް ދަރިވަރުންނަށް އެނގޭނޭހެން ވެބްސައިޓްގައި އަދި ޔޫނިއަންގެ ނޯޓިސް ބޯޑުގައި ވެސް ބެހެއްޓިފައި ހުންނަ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

"ފަންސާސް ރުފިޔާ ދޭން ޖެހޭތީއެއް ނޫން ކުދިން ކަންބޮޑުވަނީ. ޚަރަދުވާ ގޮތް ނޭނގޭތީ. އަސްލު ޚަރަދުވާ ގޮތް ނޭނގެނީ އެކަށީގެންވާ މިންވަރަށް ނުބަލާލެވޭތީ. އަހަރީ އާންމު ޖަލްސާތަކަށް ކިޔަސް ހާޒިރުވާ ކުދިންގެ އަދަދު އެހާ މަދު."

އަލީ ރަޝީދު

މީގެ އިތުރުން އަލީ ރަޝީދުއަށް އެންމެ ބޮޑަށް ކުރިމަތިވާ އެންމެ ބޮޑު ފާޑުކިޔުމަކީ ޔޫނިއަންގެ ހަރަކާތްތަކުގައި އަބަދުވެސް އެއްބަޔަކު އުޅޭކަމަށް ބުނެ ކިޔާ ފާޑު ކިޔުމެވެ. ނަމަވެސް އެކަމުގައި އަލީ ރަޝީދު ފާހަގަ ކުރި އަމިއްލައަށް އިސް ނަގައިގެން އައިސް މަސައްކަތުގައި އުޅޭ ދަރިވަރުން ބާކީ ނުކޮށްލެވޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ދަރިވަރުންނަކީ އަމިއްލައަށް ފެނިގެން އަންނަ ދަރިވަރުން ކަމަށާއި ޔޫނިއަން އިން އެދިގެން އަންނަ ދަރިވަރުން ނޫން ކަން ވެސް އޭނާ ފާހަގަ ކުރިއެވެ.

އެފަދަ ފާޑުކިޔުންތައް އޭނާއާ އަމާޒު ކުރާ މީހުންގެ ތެރެއިން އޭނާއާއެކު މަޝްވަރާ ކުރަން ބޭނުންވާ ފަރާތްތަކާ އެކުގައި އިށީނދެ ވާހަކަ ދެކެވުނު ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި އެމީހުންނަށް ކަންތައްތައް އޮންނަ ގޮތް އޮޅުން ފިލުވައިދީ ހެދުނު ކަމުގައި ވެސް ވިދާޅުވިއެވެ އެހެން ނަމަވެސް އެކުގައި އިށީންދެ ވާހަކަ ދައްކަން ބޭނުން ނުވާ މީހުންގެ ބަސްތަކަށް އަޅާނުލާ ކަމުގައި ފާހަަގަ ކުރިއެވެ.

އިތުރަށް އަލީ ރަޝީދު ފާހަގަ ކުރީ ހަގީގަތުގައި އެ ދުވަސްވަރު އޭނާއަށް ފާޑު ކިޔައި އޭނާއާ ދެކޮޅަށް ވަކާލާތު ކުރި މީހުންނަށް އޭނާ "ސެލިއުޓް" ކުރާ ކަމަށެވެ. ސަބަބަކީ ފާޑު ކީ މީހުންގެ ބޮޑު އިންސައްތަ މީހުން އޭނާ ދެއްކި ވާޙަކަތައް އަޑު އެހުމެވެ. އޭނާ ދެއްކި ވާހަކަ ތައް ބަލައިގަތުމެވެ.

"ފާޑު ކިޔާނީ ކޮންމެވެސް ކަމެއް ނޭނގޭތީތާ. އަޑު އެހީމަ އެނގޭނެ އެއްނު. އެބައި ވަރަށް ސަޅި އެމީހުންގެ"

އަލީ ރަޝީދު

ޔޫނިއަންގައި އަލީ ރަޝީދުގެ އެންމެ ބޮޑު ކާމިޔާބީ

ޔޫނިއަންގެ ރައީސްކަމުގައި އަލީ ރަޝީދު ހޭދަކުރި ދެ ދައުރުގެ ތެރޭގައި އޭނާ ވަނީ ޔޫނިއަންއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ، އަދި ގިނަ ކާމިޔާބީތަކެއް ޔޫނިއަންއަށް ހޯދައިިދިނުމުގައި މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާގެ ޓާގެޓަކަށްވީ ޔޫނިއަން ޕްރޮމޯޓް ކުރުން ކަމަށްވާތީ ރާއްޖޭގެ ކޮލެޖް ޔުނިވާސިޓީތަކަށް ހުޅުވާލައިގެން ބާއްވާ ހުރިހާ މުބާރާތެއްގެ ތަށި އެމްއެންޔޫއެސްޔޫގައި ބެހެއްޓޭތޯ މަސައްކަތް ކުރި ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

އޭނާ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތްތަކެއް ވެސް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން 2016 ވަނަ އަހަރު ބައިވެރިވި ހުރިހާ މުބާރާތެއްގެ ތަށި އަންހެން ވިޔަސް ފިިރިހެން ވިޔަސް އެމްއެންޔޫ އެސްޔޫ އިން ހޯދި ކަމުގައި ފަޚުރުވެރިކަމާއެކު އަލީ ރަޝީދު ފާހަގަ ކުރިއެވެ.

"ކުޅިވަރު އެކަންޏެއް ނޫން. އެވާހަކަ ފާހަގަ ކޮށްލަން ބޭނުން. ކުޅިވަރު އެކަންޏެއް ނޫނޭ، އިލްމީ މުބާރާތްތައް ވެސް، އަންހެން ވެސް ފިރިހެން ވެސް ބައިވެރި ވިއްޔާ ވީ ހުރިހާ އެއްޗަކުން ތަށި"

އަލީ ރަޝީދު

"ތިހެން ބުނީމަ ވެސް ފާޑަކަށް ހީބިހި ނަގާލައިފި"

ޔޫނިއަންގެ ގޮފިތަކާ ބެހޭ ނައިބު ރައީސްކަން އެއް އަހަރު އަދި ރައީސްކަން ދެ އަހަރު ކުރުމަށްފަހު ޔޫނިއަންއާ ވަކިވި ވަގުތު ކުރެވުނީ ކޮން އިހްސާސެއް ތޯ ސުވާލު ކޮށްލުމުން އެންމެ ފުރަތަމަ ވެސް އަލީ ރަޝީދު ވިދާޅުވީ މިހެންނެވެ. " ތިހެން ބުނީމަ ވެސް ފާޑަކަށް ހީބި ނަގާލައިިފި" ކަމަށެވެ. އޭނާގެ އެ ވާހަކައިން ވެސް ޔޫނިއަން ދެކެ އޭނާ ވާ ލޯތްބާއި ޔޫނިއަން ދޫކޮށް ވަކިވާން ޖެހުމުން އޭނާ ވީ ދެރަ ވަރަށް ރަނގަޅަށް އެނގިގެން ދިޔައެވެ.

އަލީ ރަޝީދު ވިދާޅުވީ އެރޭގެ އިހްސާސްތަކަކީ ބުނެދޭން ނޭނގޭ އިހްސާސްތަކެއް ކަމަށެވެ. ސަބަބަކީ ޔޫނިއަން އަކީ އޭނާގެ ދެވަނަ އާއިލާއަށް ވުމެވެ. އޭނާ ނުހަނު ލޯބިވާ ތަަނަކަށް ވުމެވެ. އަދި ނައިބު ރައީސް ކަމުގައި ދައުރެއް އުޅެފައި ރައީސްގެ މަޤާމުގައި ދެ ދައުރު އުޅުމުގެ ފުރުސަތު ލިބުމުން ޔޫނިއަންއަށް ހުރީ ވަރަށް ލޯބި ޖެހިފައި ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

"ނޭނގެ ދެން ބުނެދޭކަަށް ޢާލިމް ދެން ކީކޭ ބުނާނީ. ވަރަށް ދެރަވި ހިތަށް އަރާފަ ކުރިން ކުރި މަސައްކަތް ނުކުރެވޭނެޔޭ ޔޫނިއަންއާ އެއްކޮށްނެެއް. ކުރިން ރައީސެއްގެ ގޮތުންތާ ގޮތް ނިންމާ ހަދާނީ، އެ ހުރިހާ އިހްސާސްތަކަކާ އެކު ވަރަށް ދެރަވި، ވަރަށް އަސަރު ކުރި، ދެން ވަރަށް ފޮނި ހިތި ރެޔެއް." ޔޫނިއަން ދޫކޮށް ވަކިވާން ޖެހުނު ރޭގެ ހަނދާންތައް އައު ކުރަމުން އަލީ ރަަޝީދު ކިޔައިދިނެވެ.

އެ ރެޔަކީ އަލީ ރަޝީދު ކިތަންމެ ދެރަަވި ދުވަހެއް ކަމުގައި ވިޔަސް އޭނާ އުފާ ކުރާ އެއް ކަމެއް އެބައޮތެވެ. ގިނަ ޚިދުމަތްތަކެއް ޔޫނިއަންއަށް ކޮށްދިނުމަށް ފަހު އޭނާ ޔޫނިއަން ދޫކޮށް ދިއުމުން ޔޫނިއަން ވަޅު ޖެހުމަކީ އޭނާ ގަބޫލު ކުރާ ކަމެއް ނޫނެވެ. އަދި އެ އިސްވާރުކަން ދެމެހެއްޓުމަކީ ކޮންމެ ތަނަކަށް ވެސް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖެވެ.

އެރޭގެ އެންމެ އުފާވެރި ކަމަކީ އަރުޝަދު ކަހަލަ ސޭފް ހޭންޑަކަށް ޔޫނިއަންގެ ލޯ، ދައްމަރު ނަގާ ހަވާލު ކުރެވުން އަސްލު. އެކަމާ ވަރަށް އުފާވޭ. މިއަދު ވެސް ވަރަށް އުފާވޭ

އަލީ ރަޝީދު

އަލީ ރަޝީދަށް ފަހު ޔޫނިއަންގެ ރައީސްކަމާ ހަވާލުވީ އަރުޝަދު އަޝްރަފެވެ. އޭނާ އަކީ ޔޫނިއަންގައި އަލީ ރަޝީދު މަސައްކަތް ކުރަން ފެށީއްސުރެ ވެސް އެހީތެރިކަން ފޯރުކޮށްދިން މަދަދުޤާރެކެވެ. އަލީގެ ތައުރީފްތައް އަރުޝަދަށް ބަންޑުން ކޮށްލި އިރު އަލީ، އަރުޝަދު ސިފަ ކުރީ އަމާނާތްތެރިއެއްގެ ގޮތުގައެވެ.

އެރޭގެ އިހުސާސްތައް ބުނެދިނުން އަލީ ރަޝީދަށް ވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް އެއީ އޭނާއަށް އެތައް އިހުސާސްތަކެއް ކުރެވުނު ރެޔެކެވެ. އުފާވެރިކަމާއި ހިތާމަވެރިކަމާއި އަދި ފަޅުކަން ވެސް އޭނާއަށް އެރޭ އިހްސާސްވިއެވެ.

ޚާއްސަކޮށް މަޤާމު ދޫކޮށްފައި އައިސް ޔޫނިއަން އޮފީހުގައި އިށީން ވަގުތު. ދެން ނޭނގެ. ބުނެދޭން ނޭނގޭ އިހުސާސެއް. ރައީސެއް ނޫނޭ މެންބަރެއް ނޫނޭ. ދެން އާންމު މެންބަރެކޭ

އަލީ ރަޝީދު

އަލީ ރަޝީދު ޔޫނިއަންގެ ރައީސްކަން އަރުޝަދުއާ ހަވާލު ކުރަނީ

ވާހަކަ ދެއްކުންތެރިކަމުގައި މިވަރެއް ނެތް!

އަލީ ރަޝީދު އަކީ ދިވެހިބަސް ދެކެ ލޯބިވާ ދިވެހިބަހަށް މިހާތަނަށް ވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޒުވާނެކެވެ. އެގޮތުން އެންމެ ބޮޑަށް އޭނާ ފާހަގަ ކޮށްލެވޭ ދާއިރާއަކީ ވާހަކަ ދެއްކުމުގެ ދާއިރާއެވެ. ވާހަކަ ދެއްކުންތެރިކަމުގެ ބައެއް ހަނދާންތައް ވެސް އަލީ ރަޝީދު "ދެން"އާ ހިއްސާ ކުރިއެވެ.

އޭނާގެ މާޒީގެ ސަފްހާތައް ނިއުޅުވާލީ ޔޫނިއަންގައި އޭނާ މަސައްކަތްކުރި ދުވަސްތަކާ ހަމައިންނެވެ. އެ ދުވަސްވަރު ރޭޑިއޯގެ ވާހަކަ ދެއްކުމުގެ މުބާރާތުގައި ޔޫނިއަނުން ބައިވެރިވި ހަނދާންތަކުގެ ވާހަކަ އޭނާ ކިޔައިދިނެވެ. އެގޮތުން އެ ދުވަސްވަރު ޔޫނިއަންގެ ޢިލްމީ ނައިބު ރައީސް އުޝާމް އިބްރާހިމާއެކު އެ މަސައްކަތުގައި ވަރަށް ގިނައިން އުޅެވުނު ކަމުގައި އަލީ ރަޝީދު ކިޔައިދިނެވެ.

އޭގެ ފަހުން ހަމަ ކޮންމެ އަހަރަކު ބައިވެރިވަމުން، ތަށި ނަގަމުން، ދެން ރަނަރަޕްކަން ހޯދަމުން ދިޔައީ. އަހަރެމެންގެ ޔޫނިއަންގެ ބަހުސް މުބާރާތް ވެސް ވީހާ ވެސް ފުޅާ ކުރަން މަސައްކަތް ކުރެވުނު

އަލީ ރަޝީދު

ވާހަކަ ދެއްކުންތެރިކަމުގެ ހުނަރު ކުރިއެރުވުމުގެ ފުރުސަތު އަލީ ރަޝީދަށް ލިބުނީ އޭނާ ޔޫނިއަންގެ މަޤާމު ދޫކޮށްލި ފަހުން ކަމުގައި އޭނާ ގަބޫލު ކުރެއެވެ. ސަބަބަކީ ޔޫނިއަންގެ ރައީސް ކަމުގެ މަޤާމުގައި ހުރެގެން އޭނާއަށް އެހެން ފެކަލްޓީތަކަށް ގޮސް ކިޔަވައިދީ، ބަހުސަށް ފަރިތަ ކޮށްދީ ނުހެދެއެވެ.

މިއަދު އަލީ ރަޝީދަކީ ވާހަކަދެއްކުންތެރިން ތަމްރީން ކުރާ ކުޅަދާނަ ޓީޗަރެކެވެ. ވާހަކަ ދެެއްކުމުގެ ކުލާސްތައް ނަގައިދިނުމަށް އޭނާ ވަނީ އަތޮޅު ތެރޭގެ ރަށްރަށުގެ ސުކޫލްތަަކަށް ވެސް ގޮސްފައެވެ. އަދި މުބާރާތްތަކުގައި ފަނޑިޔާރެއްގެ ގޮތުގައި ވެސް އަލީ ވަނީ މަސައްކަތް ކޮށްފައެވެ.

އަލީ ރަޝީދުއާއެކު ހޭދަކުރެވުނު 45 ވަރަކަށް މިނެޓުގެ ތެރޭގައި ވެސް އޭނާ ވާހަކަ ދެއްކީ މައް ދިވެހި ބަހުންނެވެ. އެވަގުތު ކޮޅުގައި އޭނާ އަޅުގަނޑުގެ ގާތުގައި ބުނި ވާހަކައެއް ހަނދާން އައު ކޮށްލާނަމެވެ އިނގިރޭސި ބަހާއި އަރަބި ބަހުން ވެސް އަލީ ރަޝީދަށް ވާހަކަ ދައްކަން އެނގެއެވެ. އަދި ދިވެހި ބަހުގެ ފުރިހަމަ ކަމާއި ރީތިކަމާއި ޗާލޫކަން އޭނާއަށް އެނގުނީ އެހެން ބަސްބަހުން ވާހަކަ ދައްކަން އުނގެނުމުން ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

އިތުރު ބަސްތައް އެނގުނީމަ މި އެނގެނީ ދިވެހި ބަހުގައި ހުރި މުއްސަނދިކަން، އޭގެ ހުރި ރީތި، ނަލަ ޗާލުކަން، ނަޔާކަން، ހިތްގައިމުކަން. އަސްލު ހާދަ ރީއްޗޭ ހާދަ މުއްސަންޖޭ. ހާދަ މޮޅޭ ތަރުތީބު ވެގެން އައިސްފައި ހުރި ގޮތް

އަލީ ރަޝީދު

ހިތްވަރު ދިނުމުގެ އިނާމު ލިބުމުން އުފާވި، ސްޓޭޖުން ފޭބީ ޒިންމާއެއް ހަނދާން ކުރަމުން

ޒުވާނުންނަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާއިން ގައުމީ ހިތްވަރުދިނުމުގެ އިނާމު އަލީ ރަޝީދަށް ލިބުމަކީ އޭނާ ވަރަށް އުފާވި ކަމެކެވެ. އެ އުފާވެރިކަމަކީ ބަޔާން ކުރަން ވެސް ދަތި އުފާވެރި ކަމެކެވެ. އެެހެންނަމަވެސް އެ އުފާވެރިކަމާއެކު އޭނާއަށް ޒިންމާއެއް ވެސް ހަނދާން ކޮށްދިނެވެ. މިއީ އަދި އޭނާގެ މަސައްކަތުގެ ނިމުން ނޫން ކަމެވެ. މިއީ އަދި ފެށުން ކަމެވެ.

އެއީ މި ދެނީ ޚިދުމަތެއް ގައުމަށް ކޮށްދޭތީ ރައީސުލްޖުމްހޫރިއްޔާ ގައުމީ އިނާމެއް ދެއްވަނީ "ހިތްވަރެކޭ" ކިޔާފަ. މި ދެނީ އަދި ހިތްވަރެކޭ. ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ބުރަކަށީގައި ފިރުމާލައްވާފަ، ކޮބާ ވަރަށް ރަނގަޅޭ، އަދިވެސް ކުރިއަށް ދައްޗޭ ވިދާޅުވުން ކަހަލަ ކަމެއްތާ ހިތްވަރޭ ކިޔާފަ އެވޯޑެއް އެރުވުމަކީ

އަލީ ރަޝީދު

އިނާމު ލިބުމުން އަލީ ރަޝީދު ނުހަނު އުފާވި ނަމަވެސް ރައީސްގެ އަތްޕުޅުން އެ އިނާމު ލިބުމުންް އެ އިނާމު ހިފައިގެން އޭނާ ފައިބައިގެން ދިޔައީ ޒިންމާ ހަނދާން ކުރަމުންނެވެ. އަދި މިހާރު އޭނާ ކުރާ މަސައްކަތް އިތުރަށް ކުރުމަށް އަޒުމު ކަނޑައަޅަމުންނެވެ.

މީގެ އިތުރުން ވެސް އަލީ ރަޝީދު ވަނީ ޒުވާނުންނަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައެވެ. ޒުވާނުންނަށް އެކަންޏެއް ނޫނެވެ. މުޅި މުޖުތަމައުއަށް ވެސް މެއެވެ. އެގޮތުން ގާނޫނީ ވަކީލަކަށް ވުމުން ލިބިދޭ ހައްގުތަކުގެ ތެރެއިން އެޓެސްޓު ކޮށްދިނުމުގެ މަސައްކަތް އޭނާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރަނީ އެއްވެސް އަގަކައި ނުލައެވެ. އަދި ބައެއް މައްސަލަތަކުގައި ހިލޭސާބަހަށް އޭނާ ވަނީ ގާނޫނީ ލަފާ ދީފައެވެ.

ޚާއްސަ މީހެއްގެ ފަރާތުން އަލީ ރަޝީދަށް ޚާއްސަ މެސެޖެއް

އަލީ ރަޝީދުއާ އެކު އެންމެ ގާތުން މަސައްކަތް ކުރެވިފައިވާ އެކަކީ ހަމަ ޔަގީނުން ވެސް އެމްއެންޔޫއެސްޔޫގެ 2018 ވަނަ އަހަރުގެ ރައީސް އަރުޝަދު އަޝްރަފް (އަރޫ) އެވެ. އަލީ ރަޝީދު، އަރޫ ސިފަ ކުރަނީ ކަމެއް ޖެހިއްޖެނަމަ، ނުވަތަ ކަމަކަށް އެދިއްޖެ ނަމަ އެއްވެސް ފަސްޖެހުމެއް ނެތި އެކަމެއްގައި ވަރަށް ގާތުގައި އަބަދުވެސް ހުރެދޭ ރަހުމަތްތެރިއެއްގެ ގޮތުގައެވެ.

އަލީ ރަޝީދުގެ ދެ ދައުރަށްފަހު ޔޫނިއަންގެ ރައީސްކަމާ ހަވާލުވީ އަރޫއެވެ. އަރޫ ކިޔައިދިން ގޮތުގައި އެއީ އޭނާ ދުވަހަކުވެސް އުއްމީދު ކުރި ކަމެއް ނޫނެވެ. ނަމަވެސް އަލީ ރަޝީދުގެ ދެ ދައުުރު ނިމި އޭނާ އަރޫއަށް ކުރި އިތުބާރަކީ އެކަމާ ހަވާލުވާން އަރޫއަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމުގައި އަރޫ ފާހަގަ ކުރިއެވެ.

"ބުނެލަން ބޭނުން ވަނީ ދަރިވަރުންގެ ޔޫނިއަން ދެމިއޮތްހާ ހިނދަކު ޔޫނިއަންގެ ހުރިހާ ރައީސުންނާއި އަލީ ކޮށްދިން މަސައްކަތް ޔޫނިއަންއާއެކު ދެމި އޮންނާނޭ"

އަލީ ރަޝީދު

އަލީ ރަޝީދުގެ ޝުކުރުގެ ލިސްޓު

ހިލޭ ސާބަހަށް މަސައްކަތް ކުރުން ނުވަތަ "ވޮލެންޓަރީ" މަސައްކަތުގައި އުޅުމަކީ ވަރަށް ގިނަ ވަގުތުތަކެއް އެކަމުގައި ހޭދަވާ ކަމެކެވެ. އެހެންކަމުން އާއިލާއަށް ދޭން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެއެވެ. އާއިލާއާއެކު ހޭދަ ކުރަން ލިބޭ ވަގުތުތަކުގައި ވެސް ކޮންމެވެސް ކަމަކާ އޭނާ ބިޒީ ވެގެން ދާން ޖެހިދާނެއެވެ. އެހެންކަމުން އާއިލާއިން އެފަދަ ކަންކަމުގައި "އަންޑަސްޓޭންޑް"ވާ މިންވަރާއި އެކަންކަމުގައި ދޭ ހިތްވަރަކީ އޭނާ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ. އެހެންކަމުން އޭނާގެ ޝުކުރުގެ ލިސްޓުގައި އެންމެ ފުރަތަމަ ވެސް ހިމެނުނީ އޭނާގެ އާއިލާއެވެ.

އެހެންވީމަ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ހަމަ އަޅުގަނޑުގެ މަންމަ އާއި ބައްޕަ، އަންހެނުން އަދި އެއްބަނޑުއެއްބަފާ މީހުން

އަލީ ރަޝީދު

އަލީ ރަޝީދު ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއާއެކު

މީގެ އިތުރުން ދިރިއުޅުމުގައި ކުރިއަށް ދިއުމަށް މަގު ދައްކައިދިން ބައެއް ފަރާތްތަކުގެ ނަން އަލީ ރަޝީދު ފާހަގަ ކުރިއެވެ. އެގޮތުން އޯލެވެލްގައި ކިޔެވިއިރު އޭނާގެ ދިވެހި ޓީޗަރު އައިޝަތު ލަތީފާ އާއި އޭނާގެ އިސްލާމް ޓީޗަރު ޝެއިޚް އިސްމާއިލް ނަސީރުގެ ނަން އޭނާ ފާހަގަ ކުރިއެވެ. އަދި މީގެ އިތުރުން ވާހަކަ ދެއްކުމުގެ ދާއިރާގައި މުހައްމަދު ޝިފާންގެ ނަން އޭނާ ފާހަގަ ކުރިއެވެ. އަދި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއަށް ވެސް އޭނާ ޝުކުރު އަދާކުރިއެވެ. އަދި މީގެ އިތުރުން ވެސް އޭނާއަށް އެކި ގޮތްގޮތުން އެހީތެރިވީ އެންމެހާ ފަރާތްތަކަށް އަލީ ރަޝީދު ޝުކުރު އަދާކުރިއެވެ.

 

މިއަދުގެ ޒުވާނުން ނަމޫނާއެއްގެ ގޮތުގައި ބަލަން އަލީ ރަޝީދަކީ ހަމަ ގައިމުވެސް އެންމެ ރަނގަޅު އެއް މިސާލެވެ. އޭނާ އަކީ އޭނާގެ އަމިއްލަ ކާމިޔާބީއަށް ވުރެ ބޮޑަށް އަނެކާއާ ދޭތެރޭ ވިސްނާ މީހެކެވެ. މުޖުތަމައުއާ ދޭތެރޭ ވިސްނާ ޒުވާނެކެވެ. އަޅުގަނޑާއި "ދެން" ޓީމުގެ ފަރާތުން އަލީ ރަޝީދަށް އެދެނީ ކާމިޔާބީއަށެވެ.

Ads by HDC
  1. ހުސައިން

    އަލްއުސްތާޛު ޢަލީ ރަޝީދަކީ ހަޤީޤަތުގައިވެސް ވަރަށް ވަރަށް މާތް ބޭފުޅެއް، އެ ބޭފުޅާއާ ވަރަށް ގާތުން އަޅުގަނޑުވެސް މަސައްކަތް ކުރިން، އެބޭފުޅާގެ އެންމެ ޚާއްޞަ ޞިފައެއްގެ ގޮތުން އަޅުގަނޑަށް ފާހަގަވީ އެ ބޭފުޅާއަކީ ދުވަހަކުވެސް އަމިއްލަ ކްރެޑިޓް ބޭނުންވާ ބޭފުޅެއް ނޫން އަބަދުވެސް ދަށުން މަސައްކަތް ކުރާ މީހުންނަށް އެމީހުން ކުރާ މަސައްކަތް ފާހަގަ ކުރާ ވަރަށް ހިތްތިރި ލީޑަރޝިޕެއްގެ ވެރިއެއް! އަދި އަބަދުވެސް ސަބޯޑިނޭޓްސްއަށް ހެޔޮކޮށް ހިތާ ނަސޭހަތް ދީ ވަރަށް ގާތް ގުޅުމެއް ބާއްވާ ބޭފުޅެއް! ދުވަހަކުވެސް ރުޅި ވެރިކަމާއެކީ ވާހަކަ ދައްކަނިކޮށް ނުދެކެން! ކުރިމަގަށް އަބަދުވެސް އެދޭ، ރަނގަޅު މަގު ޚިޔާރު ކުރުމަށް ނަސޭހަތް ދޭ ބޭފުޅެއް! އަޅުގަންޑުގެ ޙަޔާތުގައިވެސް ދިމާވި ހުރިހާ ލީޑަރުންގެ ތެރެއިން އެންމެ ރަނގަޅު ލީޑަރުގެ ގޮތުގައި އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަ ކުރަން! އަދި އެ ބޭފުޅާގެ މަސައްކަތައް ހުރަސް އަޅާ އެބޭފުޅުންނަށް ދުވަހަކު ވެސް ރައްދު ދެއްވާ ބޭފުޅެއްވެސް ނޫންކަން އަޅުގަޑު ފާހަގަ ކޮށްލަން! މަސައްކަތުގައި އެހާނމެ އިޚްލާސްތެރި ބޭފުޅެއް! ވިސްނުންފުޅު ރަނގަޅު ޢިލްމީ ބޭފުޅެއް! ކޮންމެ ކަމެއްގައިވެސް އެހީތެރިވެދެއްވާނެ! އަޅުގަނޑަށް ފެނުނީ އެބޭފުޅާގެ ކިބައިން ވަރަށްވެސް އާދަޔާ ޚިލާފު ރަނގަޅު ޞިފަތަކެއް! الله سبحانه وتعالي އެ ބޭފުޅާގެ މަސައްކަތުގައި ބަރަކާތްލައްވާ އަބަދުވެސް ފަލާޙާ ކާމިޔާބު ލައްވާށި. آمين.

  2. ގެންޒޯ

    ޢަލީ އަކީ ފިސާރި ބޭފުޅެއް. ރަޢީސްގެ ދެ ދައުރުގައި ވަރަށް ކައިރިން މަސައްކަތް ކުރި މީހެއްގެ ޙައިސިއްޔަތުން ބުނެލަން ބޭނުންވަނީ، “ތިޔައީ ރަޢީސެ އަދު ލޮބުވެތި މި ޔޫނިއަން ފަޚުރުވެރިވާ..”
    “ރަޢީސް” އަކީ ޢަލީގެ ލަޤަބު. ރަޢީސް އޭ ބުނެފިއްޔާ އޭރުގަ މަސައްކަތް ކުރި ހުރިހާކުދިންނަށް އެނގޭނެ އެއީ ދެގޮތެއް ނުވާ ޢަލީ ރަޝީދު ކަން. އަބަދުވެސް ކާމިޔާބަށް އެދެން.

  3. އަބުސީ

    ވަރަށް ރަނގަޅު ލިޔުމެއް ދެރައީ އޭނާ އޭނާގެ ރަށު ސްކޫލު ޓީޗަރަކަށް އުޅުނު ދުވަސްވަރުގެ ވާހަކަ ކޮޅެއް ނެތީމަ. އަދި ރަށު ކައުންސިލުގަ ހުރެ ކޮށްދިން އަގު ނުކުރެވޭ ބުރަ މަސައްކަތް ތީގައި ނެތުމުން