ފަޒީލް މަގާމުން ސަސްޕެންޑް ކުރަން އެމްއާރްއެމް އިން ރައީސްގެ އަރިހުން އެދިއްޖެ
ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އަހުމަދު ފަޒީލްގެ މައްޗަށް ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއެކު އޭނާ މަގާމުން ސަސްޕެންޑްކުރަން، އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.
ޒުވާން އަންހެނުންނަށާއި ކުޑަކުދިންނަށް އެކި ކަހަލަ ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެ ބައެއް މީހުން ދަނީ ފަޒީލަށް ތުހުމަތު ކުރަމުންނެވެ. ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި އޮރިޔާން ފޮޓޯ ފޮނުވުން އެ ތުހުމަތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެމްއާރްއެމް އިން މިރޭ ބުނީ އެ ޕާޓީގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓްރީގެ މަގާމެއްގައި ހުރި ފަޒީލަށް ޖިންސީ ފުރައްސާރައިގެ ތުޙުމަތުތަކެއް ކުރެވިފައިވާތީ މައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރިކޮށްދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން މިރޭ އެދިވަޑައިގެންފައިވާނެ ކަމަށެވެ.
މި މައްސަލަ ބަލައި ނިމެންދެން އެމްއާރްއެމް އިން ވަނީ އެ ޕާޓީގެ ހަރަކާތްތަކުން ވެސް އޭނާ ދުރުކޮށްފައެވެ. އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކާއިއެކު ފުރިހަމައަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް އެމްއާރްއެމް އިން ވަނީ އަރުވާފައެވެ.