ކޮވިޑް ދިފާޢު: ދެ ވައްތަރު ދެ ޑޯޒެއް ނުޖެހޭނެ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ، ދެ ވައްތަރުގެ ދެ ޑޯޒެއް ނުޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ދޭން ފަށާފައިވާ ކަމަށާއި މިއީ ކުރިން ފުރަތަމަ ޑޯޒް ނުޖަހާ ތިބި ފަރާތްތަކަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.
ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހަންވާނީ އެއް ވައްތަރެއްގެ ދެ ޑޯޒް ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ރާއްޖޭގައި މީގެ ކުރިން ޖަހަން ފެށީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ހަދިޔާކުރި އަސްޓްރާ ޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ. އެވެކްސިންގެ ދެވަނަ ޑޯޒް އެންމެ އަވަހަށް ވެސް ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 1 ގައި ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ސިނޮފާމް ވެކްސިން ގެ ފުރަތަމަ ޑޯޒް މިއަދު ދޭން ފަށާފައިވާއިރު، މި ވެކްސިން ޖެހެނީ އުމުރުން 60-18 އަހަރުގެ މީހުންނަށެވެ. އަދި މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖަހާތާ 4-3 ހަފްތާ ފަހުން ކަމަށް ވެސް ބުނެފައިވެއެވެ.