Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނަމާދު ކުރާނެ ގޮތް އެންގެވީ ހެއްދެވި ފަރާތުން، އެކަން އެޗްޕީއޭއަކަށް މިނިސްޓްރީއަކަށް ބަދަލެއް ނުކުރެވޭނެ: ޑރ.އިޔާޒް

ނަމާދު ކުރާނެ ގޮތް އެންގެވީ ހެއްދެވި ފަރާތުން، އެކަން އެޗްޕީއޭއަކަށް މިނިސްޓްރީއަކަށް ބަދަލެއް ނުކުރެވޭނެ: ޑރ.އިޔާޒް

ނަމާދު ކުރާނެ ގޮތް އެންގެވީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމަށާއި ނަމާދު ކުރަން ޖެހޭނީ އެކަލާނގެ ރަސޫލާ މުޙައްމަދު ސ.އ.ވ. އެކަން ކުރެއްވި ގޮތަަށް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ލަތީފް ވިދާޅުވެއްޖެއެވެ.

"ދެން" އަށް ދެއްވި އިންޓަރވިއުއެއްގައި އިޔާޒް ވިދާޅުވީ، ނަމާދު ކުރަންވީ ގޮތް ވަކި ބަޔަކަށް ކިޔާ ނުދެވޭނެ ކަމަށާއި މިއަދު ރާއްޖެ މިއޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އަދި ނަމާދު ކުރާނެ ގޮތް މީގެ އެތައް އަހަރުތަކެއް ކުރިން ރަސޫލާ އަޅުގަނޑުމެންގެ އުންމަތަށް ދަސްކޮށްދެއްވި ކަމަށާއި މިއަދު އެކަން ބަދަލު ކުރުމުގެ ބާރެއް، އިޚްތިޔާރެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަކަށްވެސް ނުވަތަ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަކަށްވެސް ނޯންނާނެ ކަމަށް އިޔާޒް ވިދާޅުވިއެވެ.

"ވަރަށް ނުރައްކާތެރި ހާލަތެއްގައި އިނގޭތޯ ރާއްޖެ މިއޮތީ. ނަމާދު ކުރާނެ ގޮތެއް އެޗްޕީއޭ އަކަށް، އިސްލާމިކް މިނިސްޓްރީއަކަށް ކަނޑައެއް ނޭޅޭނެ." އިޔާޒް ވިދާޅުވިއެވެ. "މައުމޫންގެ ވެރިކަމުގައި ކުރިން މޭ މަތީގައި ހަށަން ބަނީމަ، ނޫނީ ރުކޫއިން ތެދުވެ ސަމިޢަﷲ އަށް އަތް ނުނެގީމަ، ސިފައިންގެ މަރުކަޒަށް ގެންދާ ޒަަމާނަށް މިހާރު ރާއްޖެ މިވެއްޓެވީ"

Advertisement
Allied Insurance — Square (box)

އިޔާޒް އިތުރަށް ވިދާޅުވީ، ނަމާދު ކުރާއިރު ސަފުތައް ގައިދުރުކޮށް ހެދުމަށް ބައެއް މިސްކިތްތަކުގައި ނުގޮވާތީ، މިސްކިތްތަކުގެ އިމާމުންނަށް އިންޒާރު ސަރުކާރުން ދެމުން އަންނަ ކަމަށާއި މިއީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

"އަޅުގަނޑު ވަރަށް ތާޢީދު ކުރަން އިނގޭތޯ މިސަރުކާރަށް، އެކަމަކު ނަމާދު ގައިދުރުކޮށް ކުރަން ސަރުކާރުން ނިންމި ނިންމުމަށް އެއްވެސް ވަރަކަށް އަޅުގަނޑުގެ ތާޢީދެއް ނެތް" ގައިދުރުކޮށް ނަމާދު ކުރުމަކީ ނަމާދުގެ ފުރިހަމަކަން ގެއްލޭ ކަމެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ޑރ،އިޔާޒް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށްވަނީ އަންގަވާފައެވެ. އަދި ކޮންމެ ނަމާދެއްގެ ކުރިން މިވާހަކަ ހަރު އަޑުން މައިކްއިން ދަނީ ގޮވަމުންނެވެ.

މިކަންކަމާ ގުޅޭ ގޮތުން އިޔާޒްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ނަމާދަށް ސަފު ހަދާއިރު އަރަބި ބަހުން ކިޔާ އެއްޗަކާ ދިވެހިން ކިޔާ އެއްޗަކާ ދިމާނުވާ ކަމަށާއި އެކަން މިއަދު "ޖޯކް" އަކަށް ވެފައިވާ ކަމަށެވެ.

"ޤަމަތް ދިނުމަށްފަހު އަރަބިން މިކިޔަނީ ރަސޫލާގެ ސުންނަތާ އެއްގޮތަށް ސަފުތައް ހައްދަވާ ތަރުތީބު ކުރައްވާށޭ. ހަމަ އެއާ ވިދިގެން ދިވެހިން މިކިޔަކީ ގައިދުރުކޮށް ސަފުތައް ހަދާށޭ. މި ހަމައެއް ނުޖެހޭ ނޫންތޯ؟ ރަސޫލާގެ ސުންނަތުގައި ގައިދުރުކޮށް ސަފު ހަދަން ނޯންނާނެ" މިނިސްޓްރީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އިޔާޒް ވިދާޅުވިއެވެ.

ގައިދުރުކޮށް ނަމާދު ކުރުމާމެދު އިޔާޒް އާއި ރާއްޖޭގެ ބައެއް ޢިލްމުވެރިން ދަނީ ނުރުހުންވުން ފާޅު ކުރަމުންނެވެ. ނަމަވެސް ރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ ގައިދުރުކޮށް ނަމާދު ކުރުމަކީ މަކްރޫހަ ކަމަކާއި ނުލާ ހުއްދަ ކަމެއް ކަމަށް ބަޔާންކޮށް ފަތުވާ ނެރުއްވާފައެވެ.

އެޗްޕީއޭއިން އިއްޔެވަނީ ރެސްޓޯރެންޓް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއެކު ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިތުރުކޮށްފައެވެ. އިޔާޒް ވިދާޅުވީ، އުންމީދަކީ ދީނީ ޢިލްމުވެރިންގެ ކަންބޮޑުވުންތަކުގެ އަޑު އަހައި ރަމަޟާން މަހަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރާނެ ކަމަށެވެ.

"ތަރާވީޙް ނަމާދު އިމާމްވެ ކުރަން އަޅުގަނޑުވެސް. ބޭނުންވަނީ އެންމެ ފުރިހަމައަށް ނަމާދުގެ ޘަވާބު ހޯދަން. އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އިސްލާމިކް މިނިސްޓްރީންވެސް ގައިދުރުކޮށް ނަމާދު ކުރުމާމެދު ދެވަނަ ވިސްނުމަކަށް ދާން. އެޗްޕީއޭއިންވެސް ދެން ދޭ އެންމެ ފުރަތަމަ ލުއި އަކީ މިކަން އުވާލުން ކަމުގައި ވެގެން ދިއުމަކީވެސް އަޅުގަނޑުގެ އުންމީދެއް" އިޔާޒް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ހޮސްޓް ސްޕޮޓްތަކުގެ ގޮތުގައި މިހާތަނަށް މިސްކިތްތައް ކަނޑައަޅާފައެއް ނުވެއެވެ. މިސްކިތްތަކުން ކޮވިޑް-19 ޖެހޭ ކަމެއްވެސް އެޗްޕީއޭއަކުން އަންގާފައެއް ނުވެއެވެ. ނަމަވެސް މިސްކިތްތަކަށް އަމާޒުކޮށް އެޗްޕީއޭއިންވަނީ ގިނަ އުސޫލުތަކެއް ހަދާފައެވެ. މިގޮތުން ހުކުރު ޚުތުބާ ކުރުމާއި، ނަމާދުގައި ކުރު ސޫރަތްތައް ކިޔަން އެންގުމާއި ވަކި އުމުރެއްގެ ބަޔަކު ނަމާދަށް މިސްކިތަށް ނުދިއުމަށް އިރުޝާދު ދިނުމާއި ނަމާދުކޮށް ނިމިގެން މިސްކިތުގައި މަޑު ނުކުރުން ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް