ދީން

އިއްޔެ ދުނިޔެ ދޫކުރި މީހުން ވެސް މިއަދަށްޓަކައި އުއްމީދުތަކެއް ކުރިއެވެ.

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ ޙަޔާތަކީ މަދު ދުވަސްތަކެކެވެ. އިއްޔެ އަހަރެމެންނާ ވަކިވެގެން ގޮސްފައިވާއިރު މާދަމާ ލިބޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. އުއްމީދެއް އޮތީ ހަމައެކަނި މިއަދާ މެދުގައެވެ. ހިނގަމުން މިދާ މިވަގުތާ މެދުގައެވެ.

Ads by Sosun Fihaara

މި ދުނިޔެއާ ވަކިވެގެން ދާން ޖެހޭ ކަމީ ވަކި ދީނެއްގެ ، ވަކި މީހެއްގެ ފަރަގެއް ނެތި ، އެންމެން ޤަބޫލު ކުރާ ކަމެކެވެ. ސުވާލަކީ އެ ވަކިވެދިޔުމަށް ތިބާ ތައްޔާރު ތޯއެވެ؟ އެންމެ ފަހުގެ ނޭވާ ދޫކޮށްލާނީ ހިތްހަމަ ޖެހުމާއެކުގައިތޯއެވެ. ޙަޔާތުން 20 އަހަރު ، 30 އަހަރު ނުވަތަ 60 އަހަރު ފާއިތުވެގެން ދިޔައިރު ތިބާ ތި ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އަދިވެސް ﷲގެ މަގަށް ރުޖޫޢަވާނޭ ވަގުތު ނުޖެހެނީ ހެއްޔެވެ؟

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

وَمَا الْحَيَاةُ الدُّنْيَا إِلَّا لَعِبٌ وَلَهْوٌ ۖ وَلَلدَّارُ الْآخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ

"ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައި މެނުވީ ނުވެއެވެ. تقوى ވެރިވާ މީހުންނަށް آخرة ގެ ގޮވަތި ހެޔޮކަން މާބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟"

އޭ އަޚާއެވެ! އޭ އުޚްތާއެވެ! ﷲގެ މި ސުވާލަކީ މި ވަޙީ ބަސްފުޅަކީ ތިބާއަށާއި އަހަރެމެން އެންމެންނަށް އޮތް ސުވާލެކެވެ. އެ ސުވާލާ މެދު ވިސްނާލާކަށް ނުވޭތޯއެވެ؟ އަހަރެމެންގެ ކޮންމެ ޢަމަލެއް ކޮންމެ ބަހެއް ، އަހަރެމެންގެ ޢަމަލުތަކުގެ ފަތްފުށްތަކުގައި ލިޔެވެމުންދާއިރު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުރެ ޢަމަލުތަކުގެ ހިސާބު ދޭންޖެހޭއިރު އެކަމަށް ކުޑަ ނަމަވެސް ފިކުރެއް ކޮށްލިންތޯއެވެ؟ 50،000 އަހަރުގެ ދިގު ، ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާމެދު ޒައްރެއްގެ މިންވަރު ވެސް ނެތީ ހެއްޔެވެ؟

އެކުވެރީންނެވެ. ތިބާ މި ލިޔުން ކިޔާއިރު އަދި ތިޔަ ގެންދަނީ ނޭވާ ލަމުންނެވެ. އަދި ވަގުތު ފާއިތެއް ނުވެއެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަ ވާށެވެ. ﷲގެ އަޅެއް ކަމަށް ޤަބޫލުކޮށް އެއަޅުވަންތަ ކަމުގެ ހިތްހަމަ ޖެހުން ލިބިގަންނާށެވެ. ފާފައިން އެމީހުންގެ ނަފްސުތައް އިސްރާފުކޮށްފައިވާ މީހުންނަށް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ބަސްފުޅާ މެދު ފިކުރުކޮށް އެއިލާޙުގެ އޯގާވަންތަކަން އިހްސާސް ކޮށްލައްވާށެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ."

އެކުވެރީންނެވެ. އިއްޔެ ދުނިޔެ ދޫކުރި މީހުން ވެސް މިއަދާ މެދު ހުވަފެންތަކެއް ދުށްޓެވެ. އުއްމީދުތަކެއް ކުރިއެވެ. ނަމަވެސް އެމީހުންވެސް ވަކިވެ އެދިޔައީ އެ އުއްމީދުތައް ޙާޞިލް ނުކުރެވިއެވެ. ތިބާ ވެސް އެ ދުވަސް ދެކޭނެއެވެ. ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާ އެހެން މީހެއްގެ އަނތްބަކަށް ނުވަތަ ފިރިއަކަށްވެ ހިނގައިދާނެއެވެ. ތިބާގެ މާލާއި މުދާ އެހެން މީހެއްގެ ނުވަތަ ބައެއްގެ ތަކެއްޗަށް ވާނެއެވެ. ތިބާގެ ނަމުގައި ހުރި ގެދޮރާއި އަގުބޮޑު މުދާތަކުގެ ރަޖިސްޓްރީތައް އެހެން މީހުންގެ ނަމަށް ބަދަލުވެގެންދާއިރު ތިބާގެ ނަން އޮންނާނީ ހަމައެކަނި މަހާނަ ގަލުގައެވެ.

ޔާﷲ! އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ! އިބަ އިލާހުގެ މަގުގައި އަޅަމެން ސާބިތު ކުރައްވާށިއެވެ. އަޅަމެންގެ ނިމުން ރިވެތި ކުރައްވާށިއެވެ! އާމީން

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!