ދުނިޔެ

މިޔަންމާ ބަޣާވާތް: އުމުރުން 7 އަހަރުގެ ކުޑަކުއްޖެއް ގަޔަށް ބަޑިޖަހާ މަރާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިޔަންމާގައި ކުރަމުންދާ ބަޣާވާތުގައި، އުމުރުން 7 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ގަޔަށް އެޤައުމުގެ ސިފައިން ބަޑިޖަހާ މަރާލައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާގޮތުގައި މިއީ މިދިޔަ މަހުން ފެށިގެން މިޔަންމާގައި ކުރަމުން އަންނަ ބަޣާވާތުން މަރުވި މީހުންގެ ތެރެއިން، އުމުރުން އެންމެ ހަގު ކުއްޖާއެވެ.

އެކުޑަ ކުއްޖާ އިއްޔެ މަރާލާފައި ވަނީ މަންޑަލޭގައި ހުންނަ އޭނާގެ ގޭތެރެއަށް ސިފައިން ވަދެ ކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައި ވެއެވެ. ރިޕޯޓުތަކުން ބުނީ މިޔަންމާ ސިފައިން މަސައްކަތް ކުރީ އެކުއްޖާގެ ބައްޕަ ގަޔަށް ބަޑި ޖަހަން ކަމަށާއި، ނަމަވެސް ބަޑި ޖެހުނީ ބައްޕަގެ އުނގުގައި އިން އެ ކުޑަ ކުއްޖާގެ ގަޔަށް ކަމަށެވެ.

އެކުއްޖާ ސަލާމަތް ކުރެވޭތޯ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭރު އެކުއްޖާ ވަނީ މަރުވެފައި ކަމަށާއި ކުޑަ އަންހެން ކުއްޖާގެ ގަޔަށް ބަޑި ޖެހުމަށްފަހު މިޔަންމާ ސިފައިން ވަނީ އެކުއްޖާގެ 19 އަހަރުގެ ބޭބެ ހައްޔަރު ކޮށްގެން ގެންގޮސްފައި ކަމަށެވެ.

މިދިޔަ މަހުގެ 1ވަނަ ދުވަހުން ފެށިގެން ސިފައިންގެ އަތް ދަށަށް މިޔަންމާގެ ބާރު ދިޔުމުން، އެޤައުމު ވަނީ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފައެވެ.

"ސޭވް ދަ ޗިލްޑްރެން" ނަމަކަށް ކިޔައި ޙައްޤުތަކަށް ވަކާލާތުކުރާ ގްރޫޕަކުން ބުނި ގޮތުގައި މި ބަޣާވާތާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި މިހާރުވެސް މިޔަންމާއިން 20 އަށްވުރެ ގިނަ ކުޑަކުދިން ވަނީ މަރާފައެވެ.

މި ހަމަނުޖެހުންތަކުގެ ތެރެއިން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު 164 އަށް އަރާކަމަށް އެޤައުމުގެ ސިފައިން ބުނި ކަމުގައި ވިޔަސް އެސިސްޓެންސް އެސޯސިއޭޝަން ފޮ ޕޮލިޓިކަލް ޕްރިޒަނާސް (އޭއޭޕީޕީ) އިން ބުނީ މަރުވި މީހުންގެ ޖުމްލަ އަދަދު މަދުވެގެން 261 އަށް އަރާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!