ރާއްޖޭގެ ވިސާ ކާޑުތަކުން ރާއްޖޭގައި ޑޮލަރުން މުއާމަލާތްނުކުރެވޭނެ: އެމްއެމްއޭ
ރާއްޖޭގައި ހިންގާ ބޭންކްތަކުން ދޫކުރާ ވިސާ ކާޑުތަކުގެ މުއާމަލާތްތައް ރާއްޖޭގައި ޑޮލަރުން ނުހިންގޭނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
އެމްއެމްއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފާއިތުވި 2020 ވަނަ އަހަރު ތެރޭގައި ވިސާ އިން ދިވެހިރާއްޖޭގައި 'ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް' ތައާރަފު ކުރުމާއިއެކު ރާއްޖޭގައި ހިންގާ ވިސާ ކާޑުގެ ޓްރާންސެކްޝަން ތަކަށް، ކާޑު ދޫކުރާ ބޭންކުން ޕޭމަންޓް ބަލައިގަތުމުގެ ހިދުމަތް ދޭ ފަރާތް، ކަސްޓަމަރުން ހަދާ ކާޑު ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ދިވެހި ރުފިޔާއިން ހެދޭނެ އިންތިޒާމް ހަމަޖެހިގެން ދިޔަކަމަށެވެ.
އަދި ވިސާ ގެ 'ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް' ތައާރަފު ކުރުމުގެ ކުރިން ވިސާ ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތައް، އެއީ ދިވެހި ރުފިޔާއިން ހިންގި ޓްރާންސެކްޝަނެއް ކަމުގައި ވީނަމަވެސް، އެ ޓްރާންސެކްޝަންތަކަށް ހިދުމަތް ދިނުމުގައި ހަރަކާތްތެރި ވާ ފަރާތްތަކުގެ މެދުގައި ސެޓްލްމަންޓް ހެދޭނެ ގޮތް ހަމަޖެހިފައިވަނީ ޔޫ.އެސް ޑޮލަރުން ކަމަށެވެ.
އެމްއެމްއޭއިން ބުނީ ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ވިސާ ކާޑުތައް މެދުވެރިކޮށް ރާއްޖޭގައި ހިނގާ އެންމެހާ ކާޑު ޕޭމަންޓްތައް ބަލައިގަތުމުގައި ދިވެހި ރުފިޔާ ބޭނުން ކުރުމަށް، ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި ކާޑު ޕޭމަންޓް އެކުއަޔަރ ކުރާ ފަރާތްތަކަށް އެމްއެމްއޭ އިން އަންގާފައިވާނެކަމަށެވެ. މި ބަދަލަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ 15 އޭޕްރީލް 2021 އިން ފެށިގެންނެވެ.
މި ބަދަލާއި ގުޅިގެން ރާއްޖޭގެ ހުރިހާ މާޗަންޓް އައުޓްލެޓްތަކުން، އެ ފަރާތްތަކުގެ މުދަލާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަރާތުން، ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫ ކޮށްފައިވާ ވިސާ ކާޑަކުން ފައިސާ ބަލައިގަންނަނަމަ، އެ ފައިސާ ބަލައިގަނެވޭނީ ހަމަ އެކަނި ދިވެހި ރުފިޔާއިންނެވެ.
އަދި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އެ ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ހެދުމަށް ބޭނުން ކުރެވޭނީވެސް ހަމަ އެކަނި ދިވެހި ރުފިޔާއެވެ. މީގެ ސަބަބުން ކާޑު ޓްރާންސެކްޝަންތައް ސެޓްލް ކުރުމަށް ބޭންކް ތަކުން ޔޫ.އެސް ޑޮލަރަށް ބަރޯސާވާންޖެހޭ މިންވަރުވެސް ކުޑަ ވެގެންދާނެއެވެ.