މުއިއްޒު ހާޒިރުކުރީ އިންތިހާބަށް ނުފޫޒު ފޯރުވާކަށް ނޫން: އޭސީސީ
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، އިއްޔެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރީ ކުރަމުން ދިޔަ ތަހުގީގަކަށް ދުރަލާ ޕްލޭން ކޮށްގެން ކަމަށް އޭސީސީއިން ބުނެފިއެވެ.
އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކަކީ، ދުރާލާ ޕްލޭން ކުރެވިގެން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ކުރިއަށްގެންދާ ތަޙުޤީޤުތަކެއް ކަމަށެވެ. އެގޮތުން، މައްސަލަތަކުގެ ތަޙުޤީޤު ފަށާނެ ނުވަތަ ތަޙުޤީޤު ނިންމުމަށް ޓާގެޓް ކަނޑައަޅައި މައްސަލަތައް ތަރުތީބު ކުރަނީ، ސިޔާސީ ވިސްނުމަކަށް ނުވަތަ އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ނޫން ކަމަށެވެ.
އަދި ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭންކޮށް ތަޙުޤީޤު ކުރިއަށް ގެންދާނެގޮތާއި ތަރުތީބު ކަނޑައަޅާނީ ކޮމިޝަނުން ކަމަށް އޭސީސީ އިން ބުނެއެވެ.
ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކާ ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދިނުމުގައި، ތަޙުޤީޤުތަކަށް ހާޒިރުކުރާ ފަރާތްތަކާއި އެފަދަ ފަރާތްތައް ހާޒިރުކުރާ ދުވަސްތަކުގެ މަޢުލޫމާތަކީ، އާންމު އުސޫލުން ކޮމިޝަނުން ދެމުންދާ މަޢުލޫމާތެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރާކަން މީޑިއާއަށް ދީފައި ވަނީ ކޮމިޝަނުން ނޫންކަމަށް ވާއިރު، އެހެން ފަރާތަކުން އެކަން މީޑިއާއަށް ހިއްސާކޮށް، ކޮމިޝަނުގެ ތަޙުޤީޤަށް ހާޒިރުކުރާ ކުރުމަކީ އަދި ސިޔާސީ ވަކި ވިސްނުމެއްގައި ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
“23 މާރިޗު 2011 ގައި ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ދިމާކޮށް ނުފޫޒު ފޯރުވަން ކަމަށް ވާހަކަ ދެކެވޭއިރު، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު އިޢުލާނު ކުރި ފަހުން ވެސް މީގެކުރިން ޑރ.މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރު ކޮށްފައި ވާނެއެވެ. ނަމަވެސް، އޭރުގައިވެސް ކޮމިޝަނުގެ ފަރާތުން އެކަން މީޑިއާއަށް ހިއްސާކޮށްފައެއް ނުވާނެއެވެ” ބަޔާނުގައި ވެއެވެެ.
އޭސީސީއިން ބުނީ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރު ކުރުމަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކޮމިޝަނުން ކުރާ ކަމެއްކަމާއި، އެއީ ވަކި ފަރާތަކުން އަންގައިގެން ކޮމިޝަނުން ކުރާ ކަމެއްކަމަށް ދެކެވޭ ވާހަކަތަކަކީ، ޙަޤީޤަތާ ޚިލާފަށް އަދި ކޮމިޝަނާމެދު އާންމުންގެ މެދުގައި ނުބައި ތަޞައްވުރެއް އުފެއްދުމަށް ދެކެވޭ ވާހަކަތަކެއް ކަމަށެވެ.