އިންސާފު ލިބޭތޯ 1412 އަށްވެސް ގުޅިން، ނަމަވެސް މަންމަ ބުނީ "ކޭސް ކްލޯޒް" ކޮށްލަން
އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގެ ތެރޭގައިވެސް ޖިންސީ ގޯނާގެ ޝިކާރައަށް ވެފައިވާ އެތައް ބަޔަކު އެބައުޅެއެވެ. ޖިންސީ ގޯނާގެ ޝިކާރައަށްވެ އެވާހަކަ ދައްކަން ނުކެރިފައިތިބި އެތައް ބަޔަކުވެސް އެބަތިއްބެވެ.
މިވާހަކަ އަކީ ދިވެހި އަންހެން ކުއްޖަކު ޖަސްޓިސް ފޯރ ސަވައިވާރސްގެ ގޫގްލް ފޯރމްސް މެދުވެރިކޮށް ކިޔާދީފައިވާ ވާހަކައެކެވެ.
މި ކުއްޖާއަށް 3 ފަހަރެއްގެ މަތިން ވަނީ ޖިންސީ ފުރައްސާރަ ކޮށްފައިވެއެވެ. އެކި ފަހަރު އެކި ގޮތަށެވެ. އަދި އެކި މީހުންގެ ފަރާތުންނެވެ.
" އަހަރެން އެންމެ ފުރަތަމަ ޖިންސ ފުރައްސާރައާ ކުރިމަތިލާން ޖެހުނީ އަހަރެންގެ އަމިއްލަގެއިންނެވެ. އެއީ 2014 ވަނަ އަހަރުއެވެ އަހަރެންގެ ބޭބެ އަހަރެން ސިޑިން ފައިބާ ވަގުތު ތަކުގައި އަދި އެހެން ވަގުތު ތަކުގައިވެސް އަހަރެނެގެ ގައިގައި އޭނާގެ ފުނަލުން ޖަހާ ހަދައެވެ. ވަރަށް ބާރަށެވެ. އަދި އެހެން ގޮތްގޮތުންވެސް އަހަރެންނަށް އަނިޔާ ކޮށް އަހަރެންގެ ގާތުގައި އަމިއްލައަށް މަރުވާށޭ ބުނާނެއެވެ.
އަހަރެން މި އަނިޔާތަކާ ކުރިމަތި ލަމުން ގެންދާތާ 2 އަހަރު ވެއްޖެއެވެ. ނަމަވެސް ދެން އަހަރެންނަށް މި އަނިޔާތަކާ ކެތެއް ނުވާނެއޭ އަހަރެންގެ ހިތަށް އެރިއެވެ. އަދި އަހަރެން މިވާޙަކަ ކޮންމެވެސް މީހަކަށް ކިޔާދޭން ބޭނުންވިއެވެ. ނަމަވެސް އާއިލާގައި ވެސް އަހަރެންނާ އެހާ ގާތް މީހެއް ނެތުމުގެ ސަބަބުން އަހަރެންނަށް ޖެހުނީ ޗައިލްޑް ހެލްޕް ލައިން 1412 އަށް ގުޅާށެވެ. އެހެން ކަމުން އަހަރެން އެމީހުންނަށް ގުޅީމެވެ. އަދި ބޭބެ އަހަރެންނަށް ކުރަމުން ގެންދާ އަނިޔާ ތަކުގެ ވާޙަކަ އަހަރެން އެ މީހުންނަށް ކިޔާދިނީމެވެ.
އެމީހުން އެދުނީ އަހަރެންގެ މަންމަ ގެ ނަންބަރު އެމީހުންނަށް ދިނުމަށެވެ. އެއްވެސް ދެކޮޅު ހެދުމަކާ ނުލައި އަހަރެން އެމީހުންނަށް އަހަރެންގެ މަންމަގެ ނަންބަރު ދިނީމެވެ. އަހަރެން ހީކުރީ އަހަރެންގެ އަމިއްލަ މަންމަ އަހަރެންނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ. ސަބަބަކީ އެހުރިހާ ކަންކަމެއްވެސް ހިނގަނީ މަންމަގެ ކުރިމަތީގައި ކަމަށް ވާތީއެވެ. ނަމަވެސް ކަންތައްވީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. މަންމަ އެމީހުން ގާތުގައި އެދުނީ އެ ކޭސް ކްލޯޒް ކޮށްލުމަށެވެ.
މިހާރުވެސް އަހަރެންގެ ބޭބެ އަހަރެންނަށް އެކި ގޮތްގޮތުން އަނިޔާ ކޮށް ހަދައެވެ. އަދި މީހަކަށް އެވާހަކަ ތައް ކިޔާދީފި ނަމަ އަހަރެންގެ އަނގަމަތި ފަޅާލާނެ ކަމަށް ބުނެ ބިރު ދައްކާ ހަދައެވެ. ނަމަވެސް އަހަރެންނަށް ހަމަ ޖެހެނީ ހުންނާށެވެ.
އަހަރެންނަށް ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު 2 ވަނަ ފަހަރަކީ 2017 ވަނަ އަހަރުއެވެ. އެއީ އަހަރެން އުމުރުން އެންމެ 12 އަހަރުގައެވެ. އަހަރެންނާއި އަހަރެންގެ އެކުވެރިއަކު ތިބީ ގޭގެ ޓެރެސްގައި ފިނިވައި ޖައްސާލުމަށެވެ. އެގޮތަށް ތިއްބާ އަހަރެންގެ އަވައްޓެރި ފުލުހަކު އަހަރެމެންގެ ގާތަށް އައެވެ. އަދި އަހަރެންގެ ގައިގައި އަހަރެންގެ ހުއްދަނެތި އަތްލާން ފެށިއެވެ. އަދި އަހަރެންގެ ޖިންސީ ގުނަވަންތަކުގައި އެއްވެސް ލަދެއްނެތި އަތްލާން ފެށިއެވެ.
ހަޅޭއްލަވައިގަތުމަށް ފަހު އޭނާ ކޮއްޕާލުމަށް އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ އަނގަމަތީގައި އަތްއަޅާ އޭނާ އަހަރެންނާ އިތުރަށް ކައިރިވިއެވެ. އަދި އަހަރެންގެ އެކުވެރިޔާ އަހަރެންގެ ކައިރިއަށް އައިސްފި ނަމަ މަރާލާނެ ކަމަށް ބުނެ ބިރު ދައްކަމުން ގެންދިޔައެވެ. އޭނާ އަހަރެންގެ ޖިންސީ ގުނަވަންތަކުގައި އަތްލާ ހެދި އިރު އަހަރެން ހުރީ ހަދާނެ އެއްވެސް ގޮތެއް ނެތިފައެވެ.
އެ ހަނދާންތައް އަހަރެންގެ ހިތުގައި އިއްޔެ ވީ ކަމެއްހެން ބިންވަޅު ނެގިފައި ވެއެވެ. އަދިވެސް އެމަންޒަރުތައް ސިފަވުމުން ހިތުގައި ބިރުވެރިކަން އިތުރުވެގެން ދެއެވެ.
އަހަރެންނަށް ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު 3 ވަނަ ހާދިސާ ކުރިމަތިވީ ފާއިތުވެދިޔަ 2019 ވަނަ އަހަރުއެވެ. އަހަރެން އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގެއަށް ދިޔައީ އޭނާ އާ ބައްދަލު ކޮށްލާ ސަކަރާތް ޖަހާލުމަށެވެ. އަހަރެން ގޭގައި ބެހެއްޓުމަށް ފަހު އޭނާ ދިޔައީ އެގޭ ކައިރީގައި ހުރި ފިހާރައަކަށް އެއްޗެއް ގަނެގެން އަންނާށެވެ.
އަހަރެންގެ ރަހުމަތްތެރިޔާ ހަމަ ދާއިރަށް އޭނާގެ ބައްޕަ އަހަރެންގެ ގާތަށް އައެވެ. އަދި އަހަރެންގެ މޭމަތީގައި އޭނާ އަތްލާން ފެށިއެވެ. އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގޭ ކަހަލައެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެދުވަހުވެސް އަދި އޭގެ ޖެހިގެން އައި ދުވަހުވެސް އަހަރެން އެގެއަށް ދިއުމުން އޭނާ އަހަރެންގެ ޖިންސީ ގުނަވަންތަކުގައި ގަދަކަމުން އަތްލިއެވެ.
ތިންވަނަ ދުވަހު އަހަރެން އެގެއިން ނިކުންނަން ދަނިކޮށް އޭނާ އަހަރެންގެ އަތަށް ފައިސާ ތަކެއް ދިނެވެ. ނަމަވެސް އަހަރެން އޭގައި ނުހިފައި އަވަހަށް އެގެއިން ނިކުމެގެން ގެޔާ ދިމާލަށް ދުއްވައިގަތީމެވެ. އަދި ގެއަށް ދިއުމަށް ފަހު އަހަރެންގެ ރަހުމަތްތެރިޔާއަށް އޭނާގެ ބައްޕަގެ ގޮތްކުޑަ އަމަލު އަހަރެން ކިޔާދިނީމެވެ. ނަމަވެސް އެންމެ ފުރަތަމަ އޭނާ ގަބޫލެއް ވެސް ނުކުރިއެވެ. ނަމަވެސް ފަހުން އެ އާއިލާގެ އެހެން ކުއްޖަކާވެސް އޭނާ ބެހުނު މައްސަލަ ފެންމަތިވެ އަހަރެން ދެއްކި ވާހަކަ އަކީ ވެސް ތެދެއްކަން އަހަރެންގެ ރަހުމަތްތެރިޔާ ގަބޫލު ކުރިއެވެ.
ނަމަވެސް މިއަދާ ހަމައަސް ވެސް އަހަރެން މި ހުންނަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަހަރެންނަށް އެ ދެމީހުން ފެންނަ ކޮންމެ ފަހަރަކު ބިރުން ތެޅިގަނެވެއެވެ. އަހަރެންނަށް އެ ހަނދާންތައް އެކަނިވާ ކޮންމެ ވަގުތެއްގައި އާވެއެވެ. ނަމަވެސް އަހަރެންނަށް ކުރެވޭނެ ކަމެއްވެސް ނެތެވެ. "
މިއީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ އެންމެ ކުއްޖެއްގެ ވާހަކައެވެ. މިފަދަ ކިތައް ކުދިން އުޅޭނެ ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. މި ވާހަކަތައް ކިޔައިދޭން ނުކެރި ކިތައް ކުދިން ފަސްޖެހިފައި ހުންނާނެ ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.