ޚަބަރު

ކޮވިޑް ދިފާޢު: ވެކްސިން ޖެހި މީހުންގެ އަދަދު 227,000 އަށްވުރެ މައްޗަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެކްސިން ޖެހުމަށް ކިއު ހަދާފައި.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު އަތޮޅުތެރެއިން 273 މީހުންނަށް ވެކްސިން ދީފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު މިއަދު މާލެއިން ވެކްސިން ދީފައެއް ނުވެއެވެ. މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 227،696 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 127،277 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 100،419 މީހަކަށް ވެކްސިން ދީފައި ވެއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 59 މީހުންނާއި، އަތޮޅުތެރެއިން 11 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 10މީހަކާއި އިންޑަސްޓްރިއަލް އައިލެންޑުން 66 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 23،237 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 20،529 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 66 މީހުން ނިޔާވެެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 100 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 630،904 ސާމްޕަލް ނަގައިފައި ވެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ބާތިލުކޮށްފައިވާއިރު، ޕާކު ތަކާއި މައިޒާންތައް ވެސް ވަނީ އަލުން ހުޅުވާފައެވެ.

އެހެންނަމަވެސް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެސަރަޙައްދުގައި ބޭރުގައި އުޅުން އަދިވެސް މަނަލެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!