ރިޕޯޓް

ޖުޑީޝަރީ އިސްލާހުކުރުން ލޯބީގެ ފަސާނާއަކަށްވެ ނިމުނީ!

ދެން އެމްވީ ، ދެން އޮންލައިން

އެޖެންޑާ19ގައި އެއޮތީ ޖުޑީޝަރީ އިސްލާހު ކުރުމުގެ ވާހަކަނޫންކަން ރޭކާ މިލަނީ އަދިކިރިޔާތާއެވެ. އެޖެންޑާ19 އިން އިސްލާހުކުރުމުގެ ވާހަކަ އެދެއްކީ ޖުޑިޝަރީގެ ވާހަކަ ނޫނެވެ. އެހެންކޮންމެވެސް ސަރީއެއްގެ ވާހަކައެވެ. އެހެންކަމުން އަޅުގަނޑުވެސް މީގެފަހުން ޖުޑިޝަރީ އިސްލާހެކޭ ނުކިޔާނަމެވެ. ކިޔާނީ ނަޝީދީ ޖުޑިސަރީ އިސްލާހުގެ ވާހަކައެވެ. އާނއެކެވެ. އެޖެންޑާ 19 ގައި އޮތް ޖުޑިޝަރީ އިސްލާހު ކުރުމުގެ އެޖެންޑާ ލޯބީގެ ފަސާނާއަކަށްވެ ނިމިއްޖެއެވެ.

Ads by Sosun Fihaara

ޕާޓީގައި އުޅޭ އަންހެން ލޯޔަރުންނަކީ ޕާޓީ ލީޑަރު މާގަޔާވާ ބަޔަކީތާއެވެ. މަޖިލީހުގައި މައްޗަންގޮޅީ އުތުރުގައި ހުންނެވި ޤާނޫނީ ކަނބަލެއްގެ ވާހަކަވެސް ވައިގައި ހިފައިގެން އުޅުނު ދުވަސްވަރެއް ދިޔަކަން އެބަ ހަނދާންވެއެވެ.

ޕާޓީ ޓިކެޓް ހޯދުމަށް މައްޗަންގޮޅި އުތުރު ގޮނޑިއަށް އެކަމަނާއާއި ވާދަކުރީ ލޯޔަރެއް ނޫނެއްކަމަކު ލީޑަރުގެ ތާއީދު އޮންނާނެ ކަމަށް ހީކުރި ޖުޑިސަރީގައި ފަނޑިޔާރުންނާއި ކުރިމަތިލި ކަމަނާއެވެ. މި ކުރިމަތިލުންވީ މާބޮޑު ގޯހަކަށެވެ. އެކަމަނާއާއި ލީޑަރުގެ ހިތާހިތުގެ ގުޅުންނެތްކަން އެނގުނު އިރުވާނެ އެއްޗެއް ވެއްޖެއެވެ. މަޖިލީހުގެ ޓިކެޓްދިނުމުގައި ލީޑަރުގެ ތާއީދު ނުލިބިގެން ޖުޑިސަރީއަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވި ކަމަނާ ހުތުރު ބައްޔަކުން ޕްރައިމަރީގައި ބަލިކޮށްލީ ކަމެއް ވެގެންތާއެވެ. އެހިސާބުން އެކަމަނާ މާޔޫސްވެ މޮޔަވެ ކަލެއްކަމަށް ދައުވާ ކުރާހިސާބަށް ދިޔައެވެ. ހިތާހިތުގެ ގުޅުމުން ގުޅިފައިވާ ލޯޔަރު ކަމަނާއެއް ހުރިކަމެއް މިދެންނެވި ޖުޑިސަރީ ކަމަނާއަށް ވިސްނައިގަނެވިފައި ނެތީތާއެވެ. ނޫނީ ނަމުން ޑިމޮކްރެޓީކް ޕާޓީ އެތެރޭގައި ޑިމޮކްރަސީ އޮންނާނެކަމަށް ގަބޫލުކުރިލެއް ބޮޑުވީތާއެވެ. ޖުޑިސަރީ އިސްލާހު ކުރަން ވުމެން އޮފް ކަރޭޖުގެ ތާޖުގެ ވެރި ލޯޔަރު ކަމަނާގެ އަތުގައި ލީޑަރު ހިފައިގެން ހުރިކަން ފަހުމް ވީއިރު ވާނެ ހަތަރެއްޗެއް ވެނިމިއްޖެއެވެ. ޖުޑިސަރީއަކީ ލީޑަރުގެ ލޯބީގެ ގުލްޒާރުގެ ދެވަނަ ނަންކަން ފަހުމް ނުވަނީތާއެވެ. ފުރަތަމަ އަންހެން ލޯޔަރު ދާއިރާ ގޮނޑިއަށް އިންތިޚާބުކޮށްގެން ޖުޑިސަރީ އިސްލާހުކުރަން ޖެހިސަކަރާތުގައި ލީޑަރުގެ ޒަވާޖީއޮޑި ކޮޅުންއަޅާ ދިޔަތަން ހަލައިލި ކަމަށްވެއެވެ. ނަސީބަކުން ކަނޑުމެދަށް ނުފެތި ސަލާމަތްވިއެވެ. މިއަދު ވުމަން އޮފް ކަރޭޖު އަދި ޕާޓީގެ އަމާ ހުރީ ދިރުނބާކޮޅު އެއްގަމަށް އެހެލާފައެވެ. މުޅިން އެހެން ޕްލެޓްފޯމެއްގައެވެ.

ސްޕަރ މެޖޯރިޓީއާއެކު އެޖެންޑާ19 ލީޑަރަށް ހިތަކަށް ލިބުނީ ދިފާޢީ ވަކީލާ އާއިވެސް އެކުގައެވެ. އިސްލާހު ކުރަން އެންމެ ބޮޑަށް ބޭނުންވި ޖޭއެސްސީގެ އެކުލެވިފައި އޮންނަގޮތް ބަދަލުކުރުމުގެ ބޭނުމެއް މިހާރަކު އޮތްކަމަކަށް ނުވިއެވެ. ވާނީ އެހެންތާއެވެ. ޖޭއެސްސީއަކީ ލޯބީގެ ބަގީޗާއަކަށް އެޖެންޑާ19އިން ހަދައިދީފިއެވެ. ޖޭއެސްސީގައި މަޖިލީހުގެ މެމްބަރުން ތަމްސީލުކުރަން އެއިނީ ހިތާހިތުގެ ގުޅުމުގެ އައު ބައިވެރިޔާއެވެ.ރިޔާސަތުގައި އެކަމަނާ ބައިންދައިގެން މަޤާމުގެ ހައިސިއްޔަތު ލިބިގެން ޕާޓީ ލީޑަރަށް ކުޅިޖަހާ ކުޅިހަމަކުރަން ރަނެއް މަލެއްފަދަ ފުރުސަތު ލިބިފައިވާއިރު ކޮމްޕޮސިޝަން ބަދަލުކުރުމުގެ ބޭނުމެއް ނުއޮންނާނެތާއެވެ. ތުނބާތުން ގުޅާލަން ފަސޭހަވާނީ އޭރުންތާއެވެ.

ނޭނގުނު ކަމަކީ ޖަހާ ސަކަރާތް ބަލަން ހާލީގައި މައިކުކުޅު އޮތްކަމެވެ. އަމުދުން ދަރިން ބޮޑެތިވީމާ އެތެރިގޭގެ ޚަބަރުތައް ސިއްރުކުރަން އުޅުނަސް ސިއްރުކުރެވޭނީ ކޮންމެވެސް ވަރަކަށްކަމެވެ. މައިކުލުނަކީ ދަރިންނަށް ފިސާރި ހުރުމަތްތެރި އެއްޗެކެވެ. ބަނޑުއަޅާ ވިހޭ މައިމީހާއަށް ކުޑައިމިސްވެ ފާޅުގައި މައިމީހާގެ އަގުވައްޓާލާ ބާކީކުރާތަން މައިމީހާއަށް ކުލުނު ހުރި ދަރިއަކު ބަލާކަށް ނުހުންނާނެއެވެ. މިފަހަރު މިކަންމިވީ މިހެންތާއެވެ. ދަރިކަނބަލުންނިކުމެ ސޯސަލްމީޑިޔާގައި ނިޔަނެތި ޖުޑިސަރީ ކަމަނާއަށް އެއްޗެތި ގޮވާލާނީ ލައްކަ އަސަރު ކުރީމަތާއެވެ. މަންމަގެ މަޤާމުން މަންމަ ބޭރުކޮށް ބައްޕަ ޖަހައިގަތް ވާހަކަ ސާފުކޮށްބުނެ، ޖޭއެސްސީއިންނާއި މަޖިލީހުން ލޯޔަރުކަމަނާ އިސްތިއުފާދޭން ގޮވާލާނީ ކަމެއްވެގެންތާއެވެ.

އަރައިގެން ރުޅީގައި ކުރެވުނު ޓްވީޓް ބައްޕަގެ ހުރުމަތަށްޓަކައި ފުހެލާ ތިމަން ކުރިޓްވީޓެއް ނޫނޭ ބުނާންޖެހުނީމާ ބުނީތާއެވެ. އެކަމުގައިވެސް އެންމެ ހިތްގައިމުކަމަކީ އޭގައި ބަޔާންކޮށްފައިވާ ވާހަކަތައް ދޮގުނުކޮށް އެޓްވީޓްގައި އޮތްވަކި ބަހެއް ތިމަން ލިޔެއުޅެނީ އެހެނެއް ނޫނޭ މިހެންނޭ ބުނެފައިވުމެވެ. ފަހަރެއްގައިވެސް އެއީ ހިނގިކަމެއް ނޫނޭ އެކަމެއް އެހެނެއް ނުހިނގައެކޭ އެކުއްޖާ ފުޅުވެސް ނުބުންޏެވެ. އެއްދުވަހު ދައްކާ ވާހަކަ އަނެއްދުވަހު ނޭނގޭ ވަރަށް ބައްޕާފުޅުގެ ބަސް ގިނަވަނީ ކީއްވެކަން އެކުއްޖާފުޅަށްވެސް އެނގޭތީ ޓްވީޓް ފުހެލާނެތާއެވެ. ފަޅިސިކުންތެއްގެ ތެރޭގައި ސްކްރީން ޝޮޓް ނަގާނެ ފޮލޯވަރުން ތިބޭނެކަން އެކުއްޖާއަށް ވިސްނިފައި ނެތުމަކީ އެހެންކަމެއްތާއެވެ.

އެނގި ހާމަވަމުންދަނީ ހިތާހިތުގެ ގުޅުމުން ޖުޑިޝަރީކަމަނާއާއި ޕާޓީ ލީޑަރާ ގުޅިލާމެހިފައި މިންވަރެވެ. އަނބިކަމަނާ ހަށިފޮޅާލިކަމެވެ. ވީކިތައް ފަށްކަން ނޭނގުނަސް ފަށްތަކެއް ވަމުންދާ ކަމެވެ. ޒާތީ ދިފާއީ ވަކީލާ މޮޅީ ހަމައެކަނި ކޯޓުތަކުގައި ދިފާއުކުރަން ނޫން ކަމެވެ. ދިފާއީވަކީލު ބޮޑުތަނުން ކުރި ހޯދައިފިކަމެވެ. އެޖެންޑާ ކުރެވިފައިވާ ޖުޑިސަރީ އިސްލާހަކީ ލީޑަރުގެ އެތެރިގޭގެ އުތުރު އެނދުމައްޗަށް އަންނަ އިސްލާހެއްކަމެވެ. ރާއްޖޭގެ ޖުޑިޝަރީ ނިޒާމަށް އަންނަ އިސްލާހެއް ނޫން ކަމެވެ. އެޖެންޑާ19 ގެ ޖުޑިސަރީ އިސްލާހުން އެންމެ ބޮޑަށް ލޮޅުން އަރަނީ ޕާޓީ ލީޑަރގެ ޒަވާޖީ ދިރިއުޅުމަށްކަމެވެ. އެޖެންޑާ19 ގެ ޖުޑިޝަރީ އިސްލާހަކީ ޖޭސީ ކަމަނާގެ ނަޝީދީ ލޯބީގެ ފަސާނައަކަށްވެ ނިމުނީތާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!