މެމްބަރުންނާ ހަމައިން އެމްޑީޕީގެ ކަންކަން ޑީއާރްޕީއާ ވަރަށް ތަފާތުވާނެ، ލީޑަރޝިޕް ސޭމް ސޭމް: އިބުރާ
ވެރިކަންކުރާ އެމްޑީޕީގެ ކަންކަން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އާ ތަފާތު ވާނީ މެމްބަރުންނާ ހަމައިން ކަމަށާއި ލީޑަރޝިޕް ހަމަ އެކައްޗެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވަވާ އަލީ އާޒިމް ޓެގް ކުރައްވާ އިބުރާ ވިދާޅުވީ، އެމްޑީޕީ ތެރޭގައި މިވަރަށް ވައްކަމަށް ގޮވާއިރު ޕީޖީ ލީޑަރު ކޮންމެވެސް އެއްޗެއް ވިދާޅުވާން ވާނެ ކަމަށެވެ.
"މިވަރަށް އެމްޑީޕީ ތެރޭގައި ވައްކަމޭ ގޮވައި، އެކަކު އަނެކަކު ކަތިލައި، މަޖިލިސްތެރެ ޚަރާބު ކުރާއިރު ޕީޖީ ލީޑަރު ކޮންމެވެސް އެއްޗެއް ވިދާޅުވާން ވާނެ ނޫންތޯ؟ އެމްޑީޕީގެ ކަންކަން ޑީއާރްޕީއާ ވަރަށް ތަފާތު ވާނެ މެމްބަރުންނާ ހަމައިން. ލީޑަރޝިޕް ސޭމް ސޭމް" އިބުރާ ވިދާޅުވިއެވެ.
އިބްރާ އިޝާރާތް ކުރައްވާފައި މި ވަނީ، ފަހަކަށް އައިސް އެމްޑީޕީ ތެރޭގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ. އެގޮތުން ވެންޓިލޭޓަރުތަކުގެ މައްސަލަ ނުބެލުމަށް ޕީޖީ އޮފީހުން ނިންމުމާ ގުޅިގެން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވައްކަންކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނަން ނޭދޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް (އިބްރާގެ ކޮއްކޯފުޅު)އާ ދެމެދުވެސް ވަނީ ބަހުގެ ހަމަލާތަކެއް ރައްދު ކޮށްފައެވެ. އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއަޕް ގުރޫޕެއްގައި ރައީސް ނަޝީދު ވަނީ ފައްޔާޒު ފޮރުވަނީ ސަރުކާރުން ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް "ހަލާކު" ވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ރައްުދު ދެއްވަމުން ފައްޔާޒު ވިދާޅުވީ، އޭނާ ފޮރުވަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަަމަށެވެ. އަދި ނޯތު ކޮރެއާހެން މިތަނުގައި ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.