ރިޕޯޓް

މީހެއްގެ ފިރިއެއް ދެކެ ލޯބިވެވުން: މީހަކު މެރުމަށްވުރެ ވެސް ބޮޑު ކުށެއްދޯ؟

ދެން އެމްވީ ، ދެން އޮންލައިން

ޒަމާނަށް އައިސްފައި މިވާ ބަދަލުން ހީވާ ގޮތުގައި "ލޯތްބަކީ" ވަކި ބަޔަކަށް ވެވެން ހުރި އެއްޗެކެވެ. ކޮންމެ މީހަކުވެސް ޤަބޫލު ކުރާ ގޮތުގައި ލޯބްތަކީ ވާއެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. އެކަމަކު ހެއްވާކަމަކީ ބައެއް މީހުންނަށް "ލޯބި ވެވުނީމަ" އަނެއް ބަޔަކަށް އެއީ އެކަމަކަށް ފާޑުކިޔާ، ޖޯކު ޖަހާ، އެއީ ބޮޑު ކުށެއް ކަމަށް ހަދާ ތިމާގެ ހިތަށް އަރާހާ ނުބައިކޮށް އެކަމާއިމެދު ދެކުމެވެ.

Ads by Sosun Fihaara

މިއީ ވެސް އެފަދައިން މީހެއްދެކެ "ލޯބި ވެވުނު" ދިވެހި އަންހެނެއްގެ ވާހަކައެކެވެ. އޭނާއަށް ކުރެވުނު އެބޮޑު ކުށުގެ އަދަބު ކޮންމެ ދުވަހަކުހެން އޭނާ ދަނީ ތަޙައްމަލު ކުރަމުންނެވެ. އޭނަގެ ކުށަކަށްވީ އެހެން މީހެއްގެ ފިރިއެއް ދެކެ ލޯބިވެވުމެވެ. އެމީހާ ހޯދަން ނުވަތަ އެދެމަފިރިންގެ ދެމެދަށް އޭނާ ނުވަނަސް އޭނާއަށް ހުރީ އޭގެ އަދަބު ލިބިލިބިއެވެ.

"މިއީ ހަގީގަތުގައި ދައްކާކަށް ފަސޭހަވެސް ވާހަކައެއް ނޫނެވެ. ނަމަވެސް މިދުވަސްކޮޅުގެ ގޮތުންނާއި ކޮންމެ ދުވަހަކުހެން ކުރިމަތިލާން ޖެހިފައިވާ ކަންތަކުގެ ސަބަބުން ހިއްސާ ކޮށްލާ ހިތްވީއެވެ. އަހަރެންގެ ނަން ވެސް މިހާރު މިވަނީ މީހުންގެ ފިރިން ފަހަތުން ދުވާ މީހުންގެ ލިސްޓަށް އަރާފައި ވިއްޔާއެވެ. އެހެންކަމުން އަހަރެންގެ ފަރާތުން ވެސް ވާހަކަ ހުރި ގޮތް ކިޔާލަދޭން ބޭނުންވީއެވެ.

ހަގީގަތަށް ބުނަންޏާ، ލޯބިވުމަކީ އަހަރެންގެ އަތްމަތީގައި އޮތް ބާރެއްނަމަ، އަހަރެން އިޝްޤީ ލޯތްބޭ މިކިޔާ އެއްޗެއް ދުވަހަކުވެސް އެއްވެސް މީހަކު ދެކެ ނުވާނަމެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މިއީ ގަސްތުގައި ކުރާ ކަމެއް ނޫނެވެ.

އަހަންނާއި އޭނާއާއި އެންމެ ފުރަތަމަ ދިމާވީ ދަރުބާރުގޭގައި އޮތް މަސައްކަތު ބައްދަލުވުމެއްގެ ތެރެއިންނެވެ. ދެމީހުން ދިޔައީ ދެ އިދާރާއެއްގެ ފަރާތުންނެވެ. ނަމަވެސް އެދުވަހުގެ އެބައްދަލުވުމުގައި ދެމީހުންނަށް ވެސް ތިބެން ޖެހުނީ އެއް މޭޒެއްގައި އެކަކު އަނެކަކު ކައިރިގައެވެ.

އެބައްދަލުވުމުގެ ފޫހިކަމުން އެންމެން ވެސް ތިބީ ނިދި އައިސްފައެވެ. އަހަރުމެންނަށް ވުރެ ޒުވާން އުމުރުފުރައިގެ ކުދިން ފޫހި ފިލުވުމަށް އެމީހުންގެ ފޯނުތައް ބޭނުން ކުރަމުން ދިޔައެވެ. އަހަންނާއި އޭނައާއި އިނީ އަނގައިން ބުނާނެ މީހަކު ނުވެފައެވެ. އެހެންކަމުން ދެމީހުން އެކަކު އަނެކަކާއި ވާހަކަ ދައްކަން ފެށީމެވެ.

ބައްދަލުވުމުގައި ދެއްކި ވާހަކަތަކެއް ދެމީހުންކުރެ އެކަކަށްވެސް ފަހުން ނޭނގުނަސް، ދެމީހުންގެ ދެމެދުގައި އެކުވެރިކަން އުފެދުނެވެ. ގެއަށް އައި އިރު އޭނާ ވަނީ އަހަންނަށް ފޭސްބުކް އިން ފްރެންޑް ރިކުއެސްޓް ވެސް ފޮނުވާފައެވެ. އަހަރެން އެރިކުއެސްޓު ޤަބޫލު ކުރީމެވެ.

ޗެޓު ކުރިއިރު އަހަރުމެން ގިނައިން އެއިރު ދެއްކީ އެކަކު އަނެކަކުގެ އޮފީހުގެ ވާހަކަތަކެވެ. އެހެން ދަމުން ގޮސް ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތާއި އަމިއްލަ ޤައުމާއިމެދު ކުރާ އުންމީދުތަކުގެ ވާހަކަތައް ވެސް ދެކެވެން ފެށުނެވެ. ދީނުގެ ކަންކަމާއިމެދު ވެސް ވާހަކަ ދެކެވެން ފެށިއެވެ. އެއަށްފަހު އަމިއްލަ ދިރިއުޅުމުގެ ވާހަކަތަށް ދެކެވެން ފެށުނެވެ.

އޭނަ އަހަންނަކަށް އެއްވެސް ކަމެއް އޮޅުވައެއް ނުލައެވެ. އޭނާއަކީ މީހެއްގެ ފިރިއެއްކަން އެއިރުވެސް ބުންޏެވެ. އަދި އަނބިމީހާގެ ރަނގަޅު ވާހަކަ ވެސް ބުންޏެވެ. އަހަންނަށް އޭނައާއިމެދު ޚާއްސަ ގޮތަކަށް ދެކެވެން ފެށުނީ އެދުވަހުއެވެ. އާއްމުގޮތެއްގައި ފިރިހެނުން އެހެން އަންހެނުންނާއި ވާހަކަ ދައްކާއިރު މީހަކާއި އިނދެގެން އުޅުނަސް އެކަން ސިއްރު ކުރާނެއެވެ. ނޫނީ މީހަކާއި އިނދެގެން އުޅޭވާހަކަ ބުންޏަސް ދައްކާނީ އެމީހުންގެ އަނބިންގެ ގޯސް ވާހަކައެވެ. ނަމަވެސް މީނާ ތަފާތެވެ. އޭނަގެ ދިރިއުޅުން ރަނގަޅު ކުރުމުގައި އަނބިމީހާގެ އެހީތެރިކަން އިންތިހާއަށް ބޮޑު ކަމަށާއި އޭނަގެ އަންހެނުން ވަރަށް ރަނގަޅު ކަމާއި އޭނާއާއެކު ވަރަށް ގިނަ ކަންކަމަށް ކެތް ކުރި ކަމަށް ވެސް ބުންޏެވެ. އެހުރިހާ ވާހަކައަކުން ވެސް އަހަރެންގެ ހިތުގައި އޭނާއަށްޓަކައި ޚާއްސަ އިޚްތިރާމަކާއި ގަދަރެއް ދެވުނެވެ. އަދި ބޭއިޚްތިޔާރުގައި އޭނާއަށްޓަކައި ހިތުގައި ޚާއްސަ ޙިޔާލުތަކެއް އުފެދެން ވެސް ފެށިއެވެ.

އަހަރެން ވެސް އޭނާއަކަށް އެއްވެސް ކަމެއް ސިއްރެއް ނުކުރަމެވެ. އަހަންނަކީ ކުރިން މީހަކާއި އިނދެ ވަރިކޮށްފައި ހުރި މީހެއް ކަމާއި އެކަންކަން ދިޔަ ގޮތްވެސް ކިޔައިދިނީމެވެ. ދެކެވެމުންދިޔަ ވާހަކައެއްގެ ތެރެއިން ދެ އަނތްބަށް މީހަކާއި އިނުމާއިމެދު އަހަރެން ދެކޭ ގޮތްވެސް ހިއްސާ ކުރީމެވެ. އެކަމަކީ އަހަންނަށް އެއްވެސް މައްސަލައެއް ނޫން ކަމަށާއި އަހަރެން ބޭނުންވަނީ މިސާލަކަށް ދެ އަނތްބަށް މީހަކާ އިނަސް، ދެ އަނބިން ވެގެން ފިރިމީހާ ސުވަރުގެއަށް ދެވޭނެ މަގުފަހި ކޮށްދިނުމާއި ދެ އަނބިންނަށް ހަމަހަމައަށް ކަންތައްތައް ކޮށްދިނުމުގައި އެހީތެރިވާން ކަމަށް ވެސް ބުނީމެވެ. އެހެން އަހަރެން ބުނީ އޭނާކައިރީގައި ކޮންމެހެން މާމާތް މީހަކަށް ވާކަށް ނޫނެވެ. އެއީ ހަގީގަތުގައި ވެސް އެކަމާއިމެދު އަހަރެން ދެކޭ ގޮތެވެ. އަހަރެންގެ ވާާހަކަތައް އަޑުއަހާފައި އޭނާ ބުނީ އޭނާއަށް ދެ އަނތްބަށް މީހަކާއި އިނދެވޭނަމަ ހަމަޔަގީނުންވެސް އަހަރެން ގާތު އިންނަން އަހާނެ ކަމަށެވެ.

ފިރިހެނަކަށް ހަތަރު އަނބިން ހުއްދައެވެ. އެހެންކަމުން ދެ އަނތްބަށް ނުއިދެވެނީ ކީއްވެތޯ އަހަރެން އެނގޭ ހިތްވިއެވެ. އެއީ އޭނާގެ އަނބިމީހާއަށް ކެތް ކުރެވޭވަރު ކަމަކަށް ނުވާނެތީ، އެވަރު ބޮޑު ދެރައެއް ދޭން ބޭނުން ނުވާތީކަން އަހަންނަށް އެނގުނެވެ. އެކަން އެނގިގެން އޭނައަށް ދެވެން ފެށި އިޚްތިރާމު އިތުރުވާން ފެށިއެވެ. އެއާއެކު އެނގުނު އެހެންކަމަކީ އޭނަވެސް އަހަންނާއިމެދު ޚާއްސަ ގޮތަކަށް ދެކެން ފެށިކަމެވެ. އޭނަގެ އަނބިމީހާއަށް ދެރައެއް ދޭން އަހަރެންް ވެސް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނަ އަހަންނާއިމެދު ޚާއްސަކޮށް ދެކޭކަން ހަމައެކަނި އެނގުމުން ފުއްދާލައިގެން، މާތް ރަސްކަލާނގެއާއި ވަކީލު ކޮށްލައިގެން ހުރީމެވެ.

ދެމީހުންގެ ދެމެދު ވާހަކަތައް ހިއްސާ ކުރެވޭތީއާއި ފަތިސް ނަމާދަށް ހޭލައްވަން ގުޅާތީ، ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ހުރީ ވަރަށް އުފާވެރިވެފައެވެ. ނަމަވެސް އެއުފާވެރިކަމަށް ވެސް އެސްފިނާއެއް އެޅުނީއެވެ. އަހަންނާއިމެދު ޚާއްސަކޮށް އޭނާ ދެކޭކަމަށް ކުރެވެން ފެށި އިހުސާސް މަޑުމަޑުން ފިލަން ފެށިއެވެ. މަޑުމަޑުން އޭނާ އަހަންނާއި ވާހަކަ ދެއްކުން މަދުވާން ފެށިއެވެ. ފަހަކަށް އައިސް އަހަރެން އަނގައިން ބުނިއްޔާ ނޫނީ އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކައެވެ. އެހެން ވާހަކަ ދައްކާއިރުވެސް ވާހަކަ ދައްކަނީ ވަރަށް މަދުންނެވެ. އޭނަ އަނގައިން ބުނީމަ ވާހަކަ ދައްކަން އަހަރެންް ހުންނަ ހުރުން ނިމެނީ އަހަރެން އަމިއްލައަށް ހިތުގައި ޖެހިގެންނެވެ. ޝަކުވާއެއް ކުރުމުގެ ޙައްޤެއްވެސް އަހަންނަކަށް ނެތެއް ނޫންހެއްޔެވެ؟

އެހެންނަމަވެސް އަހަރެން ސުވާލު ކުރީމެވެ. ޖަވާބަކަށްވި އޭނާ އަހަންނާއި ވާހަކަ ދައްކައިގެން އަހަރެންް ދެރަ ކުރަން ބޭނުން ނުވުމެވެ. ވާން ނެތް ކަމެއްގެ ހުވަފެންތަކެއް ނުދެއްކުމެވެ. އަހަންނަށް އެކަން ވިސްނުނެވެ. ނަމަވެސް އަހަރެން އޭނާއާއިމެދު އެފަދަ ހުވަފެންތަކެއް ނުދެކެން ކަމަށާއި އުންމީދެއް ވެސް ނުކުރާ ކަމަށް ބުނީމެވެ. އަދި ދުވަހަކުވެސް އޭނާއާއި އޭނަގެ އަނބިމީހާއާއި ދެމެދަށް ވަންނަން ބޭނުން ނުވާ ކަމަށް ވެސް ބުނީމެވެ.

ހަގީގަތުގައި ވެސް އަހަރެން ބޭނުންވީ ހަމައެކަނި އެކުވެރިކަމެވެ. އެގޮތަށް ދެމީހުން އެއްބަސްވެސް ވީމެވެ. ނަމަވެސް ފަހުން ވެސް އޭނާއަކަށް ކުރިން ގޮތަށް އަހަންނާއި ވާހަކަ ދައްކާފައެއް ނޫޅެވުނެވެ. ދާން ފެށީ ދުރަށެވެ. އެކަމާއި އަހަރެން ހިތުގައި ޖެހި އަބަދުމެ ރޮވެން ފެށިއެވެ. އަމިއްލަ މީހާ ކުށްވެރި ވެސް ކުރެވެންް ފެށިއެވެ.

އަހަންނަށް ހެދުނު ގޯހަކީ ހިތުގައި ޖެހިގެން ގޮސް މިވާހަކަތައް އެކުވެރިއަކާއި ހިއްސާ ކުރެވުމެވެ. އެފިރިހެން މީހާާއަކީ ކާކުކަމެއް ނަސީބބަކުން އެކުވެރިޔާ ގާތަކު ނުބުނަމެވެ.

އެކުވެރިޔާއަށް އަހަރެންވީ ވަރަށް ވިޔާނުދާ މީހަކަށެވެ. ޗީޑިއޭ ދެން މީހެއްގެ ފިރިއެއް ނޫނީ ނުލިބުނު ހެއްޔޭ ބުނެ އޭނާ ފާޑުކިއެވެ. އަހަރެންް މީހެއްގެ ފިރިއެއް ފަހަތުންް ނުދުވަން ކަމަށާއި ލޯބިވިޔަސް އޭނަ ހާސިލު ކުރަން ނޫޅެންކަން ވިސްނާ ދެވޭތޯ އުޅުނީމެވެ. އެކަމަކު އޭނައަކަށް ނުވިސްނުނެވެ. އެވާހަކަތައް ގޮސް އެހެން މީހެއްގާތު ބުނެ، އެމީހުން އަހަންނަށް ހަޖޫ ޖެހިއެވެ. އަދި ފިރިން ވަގު ބިޓުން ކައިރިއަށް ވަންނަ ވާހަކަ ލިޔެފައި ހުންނަ އާޓިކަލްތަކާއި މީހަކާއި އިނދެގެން އުޅޭ މީހުން އެހެން މީހުންނާއިއެކު ޒިނޭކުރާ ކަމަށް ލިޔެފައި ހުންނަ އާޓިކަލްތައް އަހަންނަށް ފޮނުވާ ނަފްސާނީ ގޮތުންް އަހަންނަށް އަނިޔާ ކުރަން ފެށިއެވެ. އަހަންނާއި އެފިރިހެން މީހާއާއި ދެމެދު އޮތް މާތް ގުޅުމަކީ ވެސް މުޑުދާރު ގުޅުމެއް ކަމަށް ހެދިއެވެ.

މިހާރު އަހަރެން މިހުރީ އެކަނި ވެފައެވެ. ލޯބިވާ މީހާ އަހަންނާއި ވާހަކައެއް ނުދައްކައެވެ. އޭނަގެ ކިބައިން އެކުވެރިކަމެއް ވެސް ނުލިބުނީއެވެ. އޭނައަށް އަހަންނަކީ ނެތް މީހެއް ފަދައެވެ. އޭގެ އިތުރުން މީސްމީޑިއާއިން މިފެންނަ ކަންކަމުން ގިނަ ފަހަރަށް އަހަންނަށް އިނދެވެނީ ދިރިއުޅުމުގެ އަސްލު މަޤްސަދު ގެއްލިފައެވެ. އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟"

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!