ޚަބަރު

އައްޑޫ ވިޔަފާރިވެރިޔާ މަރާލުމުގައި ބައިވެރިވިކަމަށް ބުނާ ދެ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައްޑޫސިޓީ ހިތަދޫއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ޢަލީ ޢަބްދުﷲގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވިއެވެ.

Ads by MWSC

މި މައްސަލައިގައި ދައުވާ އުފުލައިފައި ވަނީ ސ. ހިތަދޫ/އަތަމާވިލާ މައޫޒު މުހައްމަދާއި، އެ ރަށު އައްޒާ/ މުބާރިކު މުހައްމަދުގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލައިފައި ވަނީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މައޫޒް އާއި މުބާރިކްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މި ދިޔަ މާރިޗް މަހުގެ 28 ވަނަ ދުވަހުއެވެ.

ގާނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެގާނޫނުގެ 30 ވަނަ މާއްދާގެ (ރ)ގެ ދަށުން މި ދެ މީހުންގެ މައްޗަށް އުފުލި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ އެ މީހުންނާ ދެކޮޅަށް 27 ސިއްރު ހެއްކެއް ޝަރީއަތަށް ހުށަހަޅާފައެވެ.

މި ދައުވާއިން ސަލާމަތްވުމަށް މައޫޒުގެ ފަރާތުން މި މައްސަލައިގައި ދިފާއީ ހެކިންގެ ގޮތުގައި ހަތް ހެއްކެއް ހުށަހެޅިއިރު މުބާރިކު ވަނީ ހަ ހެއްކެއް ހުށަހަޅައިފައެވެ.

ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތްތަކަށް ފަހު ކްރިމިނިލް ކޯޓުގެ ވެބްސައިޓުގައި މިހާރު އާންމު ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ދައުލަތުން އުފުލި ދައުވާ މައޫޒު އާއި މުބާރިކުގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާ ކަމަށެވެ.

މައޫޒް އާއި މުބާރިކްގެ އިތުރުން މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ޢަލީ ޢަބްދުﷲ އަށް ބޮޑުބޭބެ ކިޔާ އަހްމަދު އިބްރާހިމް ދީދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަމަސް ދުވަހަށް ޖަލަށް ލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!