ޒަމާންވީ ރަހުމަތްތެރިކަން އަދާވާތްތެރިކަމަށް ބަދަލުކޮށްލާ އެއްޗަކީ ހަސަދައެވެ.
އަނެކުންނަށް ލިބޭ ކާމިޔާބީއެއްގެ ސަބަބުން ނުވަތަ އަނެކުންގެ އުފާވެރި ދިރިއުޅުމުގެ ސަބަބުން ހަސަދަވެރިވާ މީހުން ވަރަށް ގިނައެވެ. އަނެކާއަށް ލިބޭކާމިޔާބީ އަކީ ތިމާއަށް ލިބޭ ނާކާމިޔާބީއެއް ކަމުގައި ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ކަންނޭނގެއެވެ.
ބައެއް ފަހަރަށް އެކުގައި އުޅޭ އެކުވެރިއަކަށް ލިބޭ ކުރިއެރުމެއްގެ ސަބަބުންވެސް ހަސަދަވެރިވާ މީހުން އުޅެއެވެ. އެ އެކުވެރިޔާ ކަމެއްގައި ކުރި އަރައިގެން ދާއިރުއަމިއްލަ މީހާއަށް ކާމިޔާބީތަކެއް ނުލިބޭ ކަމަށް ހިތައި އެކަމާ ހިތާމަ ކުރާ މީހުންގެ އަދަދުވެސް ވަކި މަދެއް ނޫނެވެ.
އަނެއްބައި ފަހަރަށް ތިމާ ހިތުލައިގެން ހުންމަ ތިމާ ހިތްކިޔާ މީހަކު އެހެން ރަހުމަތްތެރިއަކު ކާމިޔާބު ކުރުމުންވެސް ހަސަދަވެރިވާ ފަހަރު އާދެއެވެ. މި ފަދަ ކަމެއްދިމާވާ ކޮންމެ ފަހަރަކު ކުޑައިރު އެއްކޮށް އުޅުނު ރަހުމަތްތެރިޔާ އޮންނަނީ އަދާވާތްތެރިއަކަށް ބަދަލުވެފައެެވެ.
ދެމީހުން އެއް ތަށި މަތިން ކައި އުޅުނު ޒަމާން އެދުވަހަކުން ހަނދާނެއް ނުހުރެއެވެ. އެދުވަހުން ތިމާއަށް އެ ރަހުމަތްތެރިޔާ ކޮށްދިންހާ ހެޔޮ ކަންތައްތަކުގެހަނދާނެއް ވެސް ހަމަ ނުހުރެއެވެ. އެ ރަހުމަތްތެރިޔާ އަށްވުރެން ނުބައި މީހެއް ތިބާގެ ގާތުގައި އެފަދަ ކަމެއް ދިމާވުމަކުން ނުހުރެއެވެ.
ރަހުމަތްތެރިޔާ އުފާވެރި ފުދުންތެރި ދިރިއުޅުމެއް އުޅެން ފެށުމުން ވެސް އެކަމާ ހިތާމަ ކުރާ މީހުން އުޅެއެވެ. ސަބަބަކި ތޯއެވެ؟ އެމީހަކު ކައިވެންޏެއް ނުކޮށްހުއްޓާ ރަހުމަތްތެރިޔާ ކައިވެނި ކުރީމައެވެ. އޭނާ ވަޒީފާއެއް ނެތިފައި ހުއްޓާ ރަހުމަތްތެރިޔާ ވަޒީފާއެއް ހޯދައި އެތައް ކުރިއެރުންތަކެއް ލިބޭތީއެވެ.
ނަމަވެސް އެ ރަހުމަތްތެރިޔާ ކައިވެނި ކުރުމަކީ ތިބާއަށް ކައިވެންޏެއް ނުކުރެވެން ވީ ސަބަބެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލަން އެބަ ޖެހެއެވެ. އޭނާވަޒީފާއެއްގައި އުޅުމަކީ ތިބާއަށް ވަޒީފާއެއް ނުލިބެންވީ ސަބަބެއްތޯ ވިސްނާލަން އެބަޖެހެއެވެ.
ހަސަދައަކީ އިންސާނާ ހަލާކު ކޮށްލާ އެއްޗެކެވެ. މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދާ އަލިފާނެކެވެ. ހަސަދަވެރިކަން ހިތުގައި އުފެދިއްޖެ ނަމައަނެކާއަށް ހެޔޮގޮތެއް ވުމަަކަށް ތިބާ ނޭދޭނެއެވެ.
ނަތީޖާއަކަށް ވަނީ ކުޑައިރު އެކުގައި ހިޔަންޏާ ކުޅެން އުޅުނު ރަހުމަތްތެރިޔާވެސް ގެއްލުމެވެ. ދެމީހުންގެ ރަހުމަތްތެރިކަން މުޅި އުމުރަށް ނިމިގެން ދިއުމެވެ. ޝައްކެތް ވެސް ނެތެވެ. ހަސަދަވެރިކަމަކީ ޒަމާންވީ ރަހުމަތްތެރިކަން އަދާވާތްތެރިކަމަށް ބަދަލު ކޮށްލާ ހަތިޔާރެކެވެ.