އަށް އަހަރު ކުރިން ބައިސްކަލު ގެއްލުނަސް، ފުރޮޅުތައް މިއަދު ލިބިއްޖެ

ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ހެއްވާ މަޖާ ކަންކަމާއި، ހައިރާން ކުރުވަނިވި ކަންކަން އަބަދުވެސް ދިމާވެއެވެ.
މިއަދު ވެސް މި ވަނީ އެފަދަ ކަމެއް ފެންމަތިވެފައެވެ.
ގދ. ފިޔޯރީ ޕޮލިސް ސްޓޭޝަން ފާރު ކައިރީގައި މީހަކު ނޯޓަކާއެކު، ބައިސްކަލު ފުރޮޅުތަކެއް ބަހައްޓައިފައެވެ. މި ވާހަކަ މިހާރު މީސްމީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ. މި ކަން ހިނގައިފައިވާ ގޮތް ކަމަށް އަޑު ފެތުރިފައި ވަނީ މިއީ މީހަކު މީގެ އަށް އަހަރު ކުރިން ވަގަށް ނަގައިފައިވާ ބައިސްކަލެއްގެ ފުރޮޅުތަކެއް ކަމަށެވެ.
ފުރޮޅުތަކާއެކު ހަރު ކޮށްފައިވާ ނޯޓުގައި ބުނެފައި ވަނީ އެއީ މީގެ އަހަރުތަކެއް ކުރިން ގެއްލިފައިވާ ބައިސްކަލެއްގެ ފުރޮޅުތަކެއް ކަމަށާއި އެ ފުރޮޅުތައް ރައްދު ކޮށްދިނުމަށް އެދޭ ކަމަށެވެ.
"މިއީ މީގެ އަހަރުތަކެއް ކުރިން ގެއްލިފައިވާ ގދ ފިޔޯރީ އަބްހަރީގޭ ޔައުގޫބުގެ ބައިސްކަލުގެ ފުރޮޅެވެ. މިފުރޮޅު އެ ފަރާތާ ހަވާލު ކޮށްދެއްވުން އެދެމެވެ" އެ ނޯޓުގައި ބުނެފައި ވެއެވެ.
މިއީ ކާކު ބެހެއްޓި ފުރޮޅުތަކެއް ކަމެއް، އަދި އެ ފުރޮޅުތަކުގެ ވެރިފަރާތާއި ފުލުހުން އެ ފުރޮޅުތައް ހަވާލު ކޮށްދެއްވައިފި ކަމެއް، އަދި އެނގިފައެއް ނުވެއެވެ.