ކަނޑުހުޅުދޫ މޯޑު: ރަށުގެ އިޖްތިމާޢީ ކަންކަމުގައި ނަމޫނާ ދައްކާ ހުނަރުވެރި ޒުވާނެއް
އެއީ 2001 ވަނަ އަހަރެވެ. އޭރު އަތޮޅު ތެރޭގައި ފޯރި ޖެހިފައިވަނީ "ރަށު ރޫޙު" ނަމުުގައެވެ. އެއީ އެ ޒަމާނުގެ ގޮތުން ވަރަށް ޝައުގުވެރިކަމާއި ޖޯޝާއި ފޯރީގައި ރަށާއި އަތޮޅު ފެންވަރުގައި ކުރިއަަށް ދާ ހަރަކާތްތަކެކެވެ. ހަމަ އެހެންމެ ގއ އަތޮޅަކީ ކުޅިވަރުގެ ރޮނގުން ވަރަށް ވެސް ވާދަވެރި އަތޮޅެކެވެ. ބަށި، ވޮލީ އަދި ފުޓްބޯޅައިގެ ފޯރި މާ ގަދައެވެ. އެއް ރަށުން އަނެއް ރަށަށް މެޗުތައް ކުޅެން ދިއުމާއި ތަފާތު އެކިއެކި މުބާރާތްތަކުގެ ދަޢުވަތު އެކި ރަށްރަށަށް ދެމުންދެއެވެ.
ގއ އަތޮޅުގައި އޭރު އެންމެ ވާދަވެރި 2 ރަށަކި ގެމަނަފުއްޓާއިި ކަނޑުހުޅުދޫ އެވެ. މި 2 ރަށުގެ ވާދަވެރިކަން ކުޅިވަރުގެ ދާއިރާގައި މިހާރުވެސް އޮވެއެވެ. މި ވާދަވެރިކަމުގެ ތެރެއިން މޮޅުވާ ފަހަރާއި ބަލިވާފަހަރުވެސް ދާނެތާއެވެ. އެހެނީ ކުޅިވަރަކީ މޮޅާއި، ދެރަ އެކުލެވިގެންވާ ކަމެކެވެ. މި މަސައްކަތުގެ ތެރޭގައި ކޮންމެވެސް ބަޔަކު އިސްނަގާނެއެވެ.
މޯޑުގެ ވާޙަކަ ފެށޭ ހިސާބަކީ މިއީއެވެ. ގއ ކަނޑުހުޅުދޫ/ އުޑުވިލާގެ، މުޙައްމަދު ހަމްދޫން ( މޯޑު ) އަކީ ކަނޑުހުޅުދޫގެ ކުޅިވަރު މައިދާނުގަ އާއި އިޖްތިމާޢީ ކަންކަމުގައި އެންމެ އިސް ފަރާތެވެ. ރަށުން ބޭރަށް ޓީމެއް ފުރައިގެން ދަންޏާ މޯޑު އަކީ އެޓީމެއްގެ ލީޑަރެވެ. ރަށުން ބޭރުން ބަޔަކު އަންނަންޏާ މޯޑު އަކީ އެޓީމަކަށް މެހުމާންދާރީ އަދާކުރުމަށް ސަފު އެންމެ ކުރީގައި ހުންނަ މީހާއެވެ. ކަނޑުހުޅުދޫގެ އިޖުތިމާއީ ހަރަކާތްތަކާއި އަދި މި ނޫންވެސް ކަންކަމުގައި ކުރި އަގުހުރި މަސައްކަތުގެ ވާހަކަ "ދެން"އާ ހިއްސާ ކުރިއެވެ.
މި ރިޕޯޓު ގެނެސްދިނުމަށް މޯޑު އަށް ގުޅާލީމެވެ. އަދި މި ރިޕޯޓު ގެނެސްދިނުމުގެ މަޤުސަދަކީ މޯޑުގެ އިޖްތިމާޢީ މަސައްކަތާއި، ކުޅިވަރާއި، ޒުވާނުންނާއި މެދު ބަހައްޓަވާ ގާތްކަމާ ބެހޭގޮތުން އަދި މޯޑު ގެ މަސައްކަތުގެ އަގުވަޒަން ކުރުން ކަމުގައި ބުނީމެވެ. މި ރިޕޯޓު ގެނެސް ދިނުމުގައި "ދެން " ޓީމަށް އެއްބާރުލުން ދޭންތައްޔާރަށް ހުރި ވާހާކައާއި އަދި މިފަދަ ރިޕޯޓެއް ގެނެސްދެއްވާކަމަށްޓަކައި ޓީމަށް ވަރަށް ޝުކުރު އަދާ ކުރާކަމަށް މޯޑު ބުންޏެވެ.
މިހާރަކަށް އައިސް ރަށްރަށުގައި އިޖްތިމާޢީ ފޯރި ވަޅުޖެހެމުންދާ މަންޒަރު ފެންނަމުންދެއެވެ. މިކަން މިހެން ދިމާވާ އެންމެ މައުގަނޑު އެއް ސަބަބަކީ އެކަންކަން އިސްނަގައިގެން ކުރާނެ ބަޔަކު ނެތީތީއެވެ. މިއީ މޯޑުވެސް އެންމެ ހިތާމަ ކުރާއެއްކަމެވެ.
" މިފަހަކަށް އައިސް ރަށްރަށުގެ އިޖްތިމާޢީ ރޫޙު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި، އަމިއްލައަށް އިސްނަގައިގެން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވޭ. މިއީ މިފަހަކަށް އައިސް ބައެއް ރަށް ރަށުން ފެންނަ މަންޒަރު" މޯޑު ބުންޏެވެ.
މޯޑުގެ ވާހަކަ ގޮސް ނިމެނީ ހަމައެކަނި އިޖުތިމާއީ ޚިދުމަތްތަކުގެ ވާހަކައަކުން ނޫނެވެ.އެއަށްވުރ އޭނާގެ ވާހަކަ މާ ޝައުގުވެރިއެވެ. މާ "އިންސްޕިރޭޝަނަލް" އެވެ. އޭނާ އަކީ ލަވަކިޔުންތެރިއެކެވެ. ވާހަކަ ދެއްކުންތެރިއެކެވެ. މޮޅު ސްޓޭޖް ހޯސްޓަރެކެވެ،. މޮޅު ކޮމަންޓޭޓަރެކެވެ. އަމިއްލަ މަސައްކަތްތެރިއެކެވެ. މޮޅު ކޯޗެކެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އޭނާއަކީ ހަގީގަތުގައި ވެސް ވަރަށް ހުނަރުވެރި މީހެކެވެ. އެހެން މީހުންނަށް ނަމޫނާ ޝަހުސިއްޔަތެކެވެ.
މިފަދަ އެތައް ހުނަރުވެރިންނެއް އަތޮޅު ތެރޭގައި އެބަ ތިއްބެވެ. މޯޑުގެ މި ހުނަރުވެރި ވާހަކަތައް އަޑު އިވުމުން އެކަމާ ގުޅޭގޮތުން އިތުރަށް އެނގުމުގެ ޝައުގު ހިތުގައި އާލާވިއެވެ.
ފަށަމާ ހިނގާށެވެ. މޯޑުއާ ވާހަކަ ދައްކާލެވި އިންޓަވިއު ކުރަމުން ދިޔަ އިރު ވެސް އަޅުގަނޑަށް ކަމެއް ފާހަގަ ވިއެވެ. ކަމެކޭ ނުކިޔަމާ ހިނގާށެވެ. އޭނާގެ ހުނަރެއް އަޅުގަނޑަށް ފާހަގަ ވިއެވެ. އޭނާގެ ވާހަކަ ދެއްކުން މޮޅު ވެފައި ފުރިހަމަ ކަމެވެ. ބަސްތައް އެހެރަ ގުޅުވާ ތަރުތީބުކޮށްލާ ރީތިކަމާއި ސާދާ ކަމެވެ. އެކަމާ ގުޅިގެން ވަކިން ސުވާލުވެސް ކޮށްލެވުނެވެ.
މިވާހަކަ މިހެން ފެށުމާއި އެކު އެންމެ ފުރަތަމަ ވެސް މޯޑު ޖަވާބުދެއްވީ ފުޓުބޯޅަައިގެ ކޮމަންޓޭޓަރެއްގެ ސިފައިގައެވެ. ތެދެކެވެ. ވަރަށް މޮޅެވެ. އެހާމެ ފުރިހަމައެވެ. ހަނދާން އާ ވެގެން ދިޔައީ ދިވެހިރާއްޖޭގެ އަޑުން ކޮންމެ ދުވަހަކު ހަވީރު ގެނެސްދޭ ފުޓްބޯޅަ މެޗު ތަކުގެ ކޮމަންޓޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މަޝްހޫރު އިމާދު ސޯލިހް މަތިންނެވެ. އެހާވެސް ރީތިވެފަ ފުރިހަމައެވެ. މިއީ މިހާރު ރާއްޖެއިން މަދުން ފެންނަ ދާއިރާއެއްގެ ހުނަރުން ފުރިފައި ހުރި މީހެއްގެ ވާހަކަ އެވެ.
" އަޅުގަނޑަކީ ކުޑައިރުއްސުރެ ފަށައިގެން ލަވަކިޔައި އުޅުނު މީހެއް، ރަށުގައި ކޮންމެ އަހަރަކު މިއުޒިކް ޝޯ ދިނުމަކީ އެންމެ ހަނދާންވާ އެއް މަސައްކަތް. އަބަދުވެސް ކޮންމެ އަހަރަކު ބޮޑު ޢީދުގައިރަށުގައި ޝޯ ބާއްވަން. 1 އަހަރުވެސް މެދު ކެނޑިގެން ނުދާނެ. ކައިރި ރަށްރަށުން ބަލާ ވެސް އާދޭ! އަދި ޝޯތައް ފުރިހަމަ ކަމުން އެހެން ރަށްރަށަށް ޝޯ ދިނުމަށް ދާން ދަޢުވަތު ވެސް ލިބޭ. އޭރު ލަވަކިޔަމުން ޝޯ ހޯސްޓް ވެސް ކުރަން، އެއީ މާބޮޑު ކަމެއް ނޫން އޭރު. މައިކެއް އަތަށް ލިބިއްޖިއްޔާ ވާހަކަ ދެއްކުން ނޫންކަމެއް ނުދާނެ. އަބަދުވެސް ޝައުގުވެރިކަން ހުރޭ!"
އަޅުގަނޑު ދެން ހިތަށް އެރީ، ލަވަ ކިޔައި ހޮސްޓު ކުރި މީހަކު ކޮމަންޓްރޭޓް ކުރުމަށް ޝައުގުވެރިކަން އުފެދުނީ ކިހިނަކުންތޯއެވެ. ލަސްނުކޮށް މި ސުވާލުވެސް ކޮށްލީމެވެ.
" އޭރު ރާއްޖޭގައި ކުޅެވޭ ފުޓްބޯޅަ މެޗުތައް ލައިވް ކޮށް ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭނެ. ދެން ހަވީރު ރޭޑިއޯ ކައިރީގައި ބައިންދައިގެން އިންނަނީ އަޑުއަހަން. އެގޮތަށް އަޑު އިވިއިވި ޝައުގުވެރިކަން އުފެދުނީ. ދެން އަޅުގަނޑުމެންގެ ރަށު ޓީމްތައް ރަށްރަށް ދަތުރު ކުރާއިރު އެކުޅެވޭ މެޗުތަކުގެ ކޮމެންޓްރީ އަޅުގަނޑު ދެނީ. އެފަހުން މީހުންގެ ސަޕޯޓް ލިބި ޝައުގުވެރިކަން އުފެދިގެން ދިޔައީ. ދެން މިހާރު ވާގޮތަކީ ރަށުގައި އުޅޭއިރު ވަރަށް މަދުން އެކަހަލަ ފުރުސަތު ލިބެނީ. ގިނަ ފަހަރު މުބާރާތްތައްވެސް އޮންނަނީ ވަރަށް މަދުން. އަދިވެސް ފުރުސަތު ލިބެންޏާ ބޭނުން ހިފާނަން”
މޯޑުގެ ހުނަރުވެރިކަން އަޅުގަނޑަށް އިހްސާސްވި ހިސާބުން ހިތަށް އެރިއެވެ. މިފަދަ ހުނަރުވެރިންނަށް އިތުރު ކުރިއެރުމާއި ފުރުސަތު ހަމަ ހަގީގަތުގައި ވެސް ލިބެން އެބަ ޖެހެއެވެ. އެކި މީހުން ލޯބި ކުރާނީ އެކި ކަންކަމަށެވެ. ކުރާ ހިތްވާނީ ވެސް އެކި ކަހަލަ ކަންްތައްތަކެވެ. ތިމާގެ ގައިގައި ހުންނަ ހުނަރެއް ދެނެގަނެ ކުރިޔަށް ދިޔުމަށް އަޒުމް ކަނޑައަޅާށެވެ. މި ޒަމާނަކީ ކުރިއަރައިގެން ދިޔުމަށް ގިނަ މަގުތަކެއް ފަހިވެފައިވާ ޒަމާނެކެވެ.
ރަށްރަށުގައި އިޖްތިމާޢީ ފޯރި ވަޅުޖެހެމުންދާ މަންޒަރު ފެނިގެން ދިއުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ. މިޒަމާނުގެ ގޮތުން ބިޑް އުސޫލުން ނަމަވެސް އެފަދަ ކަންކަން ހަވާލުކުރާ ތަން ފެންނަމުން ދެއެވެ. ރަށުގައި އިޖްތިމާޢީ ގުޅުން ވަރުގަދަ ވާންޖެހެއެވެ. ރަށު ރޫޙް އޮންނަން ވާނެއެވެ. އަމިއްލަ ރަށްދެކެ ލޯބިވާން ވާނެއެވެ. އަމިއްލަ އިސްނެގުން އޮތުމަކީ ވަރަށް މުހިންމު ކަމެވެ. އަޅުގަނޑުމެންގެ ސަގާފަތް ދިރުވާ އާލާ ކުރުމަކީ ހުދު އަޅުގަނޑުމެން ކުރަން ޖެހޭ ކަމެކެވެ. ހަމަ ގައިމުވެސް މޯޑުގެ ވާހަކައިން އިބުރަތްތަކެއް ލިބޭނެ ކަން ޔަގީނެވެ.
މިކަހަލަ މީހުން ގެނެސްދޭންވީ. ޓިކްޓޮކް މީހުން ނުގެނެސް
މިފަދަ ހުނަރުވެރިންގެ އަގު ވަޒަން ކުރެވެން ޖެހޭނެ. މާލޭގަ އެކަނި ނޫން ހުނަރު ވެރިން ތިބެނީ. ވީޑިޢޯ ކޮޅެއް ހިއްސާ ކޮށްލިނަމަ ކިހާ ރީތި ވީސް.