ސަލަފް ޖަމިއްޔާގެ ރައީސްގެ ތާއީދު ވެސް ޑރ. މުޢިއްޒަށް
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާލެސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދު ކުރެއްވުމަށް ޖަމްއިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން އިބްރާހިމް ނިންމަވައިފިއެވެ.
ކުރީގެ ހައުސިންގ މިނިސްޓަރުކަން ވެސް ކުރައްވަވާފައިވާ ޑރ. މުޢިއްޒުއަށް ތާޢީދު ކުރައްވާކަން ހާމަ ކުރައްވަމުން ޝައިޚް ޢަބްދުﷲ ވިދާޅުވީ އެކަށީގެންވާ މުއްދަތަކަށް މާލެ އާއި އެ ނޫން ސިޓީގެ މޭޔަރުކަން މިހާތަނަށް ކޮށްފައިވާ ގޮތުން ނިކުތް ނަތީޖާ ރަނގަޅު ނޫން ކަަމަށާއި އެހެންކަމުން މި ފަހަރު މާލޭގެ މޭޔަރު ކަމަށް ޑރ. މުޢިއްޒު ތަޖުރިބާ ކޮށްލުން ކީއްތޯއެވެ.
"މާލޭ މޭޔަރު ކަމަށް ޑރ މުއިއްޒު ތަޖްރިބާ ކޮށްލުން ކީއްތޯއެވެ. އުއްމީދަކީ ކައުންސިލްގެ ދަށުން ދީނީ ޕްރޮގްރާމްތައް ފަސޭހަވެ ތަރައްގީގެ އާ އުސްމިންތަކަކަށް މި ސަރަހައްދު ބައްޓަންވެގެން ދިއުމެވެ." ޢަބްދުﷲ ވިދާޅުވިއެވެ.
ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ވެރިކަމުގައި އަލަށް ކެބިނެޓަށް ވަޑައިގެންނެވި މުއިއްޒު ހިންގެވި ބިޔަ ޕްރޮޖެކްޓްތަކެއް ރައީސް ޔާމީންގެ ޒައާމަތުގައި ވަނީ ފެނިގެން ގޮސްފައެވެ. އެ ގޮތުން ސިނަމާލެ ބްރިޖާއި މާލޭ ރިންގު ރޯޑާއި މިހާތަނަށް ރާއްޖޭގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ 7000 ފްލެޓްގެ ހިޔާ މަޝްރޫޢު ހިމެނެއެވެ.
ޑރ.މުޢިއްޒަށް ތާޢީދު ކުރައްވާކަން ގިނަ ފަރާތްތަކުން ދަނީ ހާމަ ކުރަމުންނެވެ.
މިގޮތުން، ނިޝާން އިއްޒުއްދީންގެ ވެރިޔާ އުމަރު ޒާހިރުއާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު އަބްދުލް ކަރީމް (ރުކުމާ އަލީ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާއި މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ ޝަމާޢިލް އާއި އެމްޑީޕީ އުފައްދަން މަސައްކަތް ކުރެއްވި ޝުޢައިބު އަލީ (ފުރަހަނި ޝުޢައިބު)ގެ އިތުރުން އެމްޑީޕީގެ މެންބަރު އަދި ކުރީގެ ފިލްމީ ތަރި އަލީ ޝިޔާމްގެ އިތުރުން ކުރީގެ ލަވަކިޔުންތެރިޔާ ޢަލީ ރަމީޒުއާއި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) ހިމެނެއެވެ.