ކަރީނާގެ ދެވަނަ ދަރިފުޅު ނުދައްކަން އުޅެނިކޮށް، ރަންދީރްއަށް "އޮޅިގެން" ފޮޓޯ އާންމުކޮށްލެވިއްޖެ

ބޮލީވުޑްގެ އެކްޓަރުން ކަމުގައިވާ ކަރީނާ ކަޕޫރް ޚާންއާއި ސައިފް ޢަލީ ޚާންއަށް ދެވަނަ ދަރިއަކު ލިބުނުތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މި ފަހަރު ވެސް ފިރިހެން ދަރިއެއް ލިބިފައިވާއިރު، ސައިފްއާއި ކަރީނާ ވެސް އަދި މަސައްކަތް ކުރަމުން ދަނީ އެ ކުއްޖާ އާންމުންގެ ލޯތަކުން ދުރުގައި ބަހައްޓައި، މީސް މީޑިއާއަށް ވެސް ނޭރުވުމަށެވެ.
އެހެންކަމުން ދެވަނަ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް ވެސް އަދި މީސް މީޑިއާއަށް ނުލާއިރު، އެ ކުއްޖާއަށް ނަމެއް ކިޔައިފައިވާކަން ވެސް އަދި އެނގިފައެއް ނުވެއެވެ.
ކަރީނާއާއި ސައިފް އެ ދެމަފިރިންގެ ހަގު ދަރިފުޅު މީޑިއާއާއި ދުރުގައި ގެންގުޅެން މަސައްކަތް ކުރި ކަމުގައި ވިޔަސް، ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރް ކުރިކަމަކުން މި ވަނީ އެ ކުއްޖާގެ ފޮޓޯ މީސްމީޑިއާގައި އާންމު ވެފައެވެ.
ރަންދީރް ކަޕޫރް ވަނީ ކޮލާޖެއް ހަދާފައި އިންސްޓަގްރާމްގައި ދެ ފޮޓޯގަނޑެެއް ހިއްސާ ކޮށްފައެވެ. އޭގެތެރެއިން އެއް ފޮޓޯއިން ސައިފް އާއި ކަރީނާގެ ދޮށީދަރި ތައިމޫރް ޢަލީ ޚާންއެވެ. އަނެއް ފޮަޓޯއިން ފެންނަނީ ތައިމޫރްއާ ވަރަށް ވައްތަރު ކުއްޖެކެވެ.

އިންޑިއާގެ ބައެއް ރިޕޯޓުތަކުން ބުނެފައި ވަނީ ތައިމޫރްއާއި އޭނަގެ ކޮއްކޮ ވަރަށް ވައްތަރުކަމަށް ރަންދީރް ކުރިން ވެސް ބުނެފައިވާ ކަމަށާއި އެހެންކަމުން ހިއްސާ ކޮށްފައި އެވާ ފޮޓޯއަކީ ސައިފް އާއި ކަރީނާގެ ދެވަނަ ދަރިފުޅުގެ ފޮޓޯކަމަށް ބެލެވޭ ކަމަށެވެ.
އެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކުރިތާ މާ ގިނައިރެއްނުވެ ރަންދީރް ވަނީ އަވަހަށް އެ ފޮޓޯ ޑިލީޓު ކޮށްލައިފައެވެ. ރަންދީރްގެ އެ ޢަމަލުން ވެސް އެއީ ކަރީނާގެ ދެވަނަ ދަރިފުޅުގެ ފޮޓޯކަމަށް ގިނަ ބަޔަކަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވެއެވެ.
ފޮޓޯ ޑިލީޓު ކޮށްލާފައިވީ ނަމަވެސް، އިންޑިއާގެ ނޫސްތަކުގައި މިހާރު ޚަބަރާއެކު އެ ފޮޓޯ ދައުރުވަމުން އެބަދެއެވެ.