ދީން

ބަޤަރާ ސޫރަތުގެ އަހުލުވެރިންނޭވެ. ބަޤަރާ ސޫރަތުގެ އަހުލުވެރިންނޭވެ.

އައްޝައިޚް މުޙައްމަދު މަޢޫން ޝަރީފް ، ދެން އޮންލައިން

ޙުނައިނު ހަނގުރާމައިގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޞަޙާބީންނަށް ގޮވާލެއްވިއެވެ.

Ads by Hajj Corporation

"ބަޤަރާ ސޫރަތުގެ އަހުލުވެރިންނޭވެ!"

އެހިނދު މުސްލިމުން ސަފުސަފަށް ޖަމާވެ، ޖޯޝާ އެކު ހަނގުރާމަކުރާން ފެށިއެވެ.

އިސާހިތަކު މުސްލިމުންނަށް ނަޞްރު ލިބިގެން ދިޔައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ގޮވާލެއްވުމުގައި އަޅުގަނޑުމެން ވެސް ޝާމިލުވެގެންވެއެވެ.

މި އުއްމަތުގެ ރަންޒަމާނަށް އެނބުރި ދާން ބޭނުންނަމަ، ބަޤަރާ ސޫރަތް ގިނަގިނައިން ކިޔަވާ ބައެއް ކަމުގައި އަޅުގަނޑުމެންވާން ޖެހެއެވެ. ބަޤަރާ ސޫރަތުގައި މާތް ﷲ އަންގަވާފައިވާ އަމުރުފުޅުތަކަށް ޢަމަލުކުރާ ބައެއް ކަމުގައިވާން އެބަޖެހެއެވެ.

ފަރުދީގޮތުން، އެންމެ ފުރަތަމަ ތިބާ ބަޤަރާ ސޫރަތުގެ އަހުލުވެރިއަކަށް ވެވޭތޯ މަސައްކަތްކުރާށެވެ. ހަމައެއާއެކު، ތިބާގެ މުޖުތަމަޢަކީ ޢާއްމުކޮށް މުޅި ޤުރުއާނާއި، ޚާއްސަ ގޮތެއްގައި ބަޤަރާ ސޫރަތާއި ރަޙްމަތްތެރި މުޖުތަމަޢަކަށް ހެދޭތޯ މަސައްކަތްކުރާށެވެ.

ޤުރުއާނުގެ ސޫރަތްތަކުގެ ތެރެއިން ބަޤަރާ ސޫރަތަކީ އެހެން ސޫރަތްތަކަށް ލިބިގެންނުވާ ޚާއްސަ އެތައް ކަމެއް ލިބިފައިވާ ސޫރަތެކެވެ.

ބަޤަރާ ސޫރަތް ކިޔެވުން އެއީ ބަރަކާތްތެރިކަމެކެވެ.

ކީރިތި ޤުރުއާނުގެ ހުރިހާ ސޫރަތްތަކަކީވެސް ބަރަކާތުން ފުރިގެންވާ ފެންއާރުތަކެކެވެ. އެހެން ނަމަވެސް ބަޤަރާ ސޫރަތް ކިޔެވުމުގައި ޚާއްސަ ބަރަކާތްތެރިކަމެއް ވާކަމުގައި ނަބަވީ އިރުޝާދުތަކުން ސާބިތުވެއެވެ.

اقْرَءُوا سُورَةَ الْبَقَرَةِ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلاَ تَسْتَطِيعُهَا الْبَطَلَةُ
އަބޫ އުމާމާ رضي الله عنه ވިދާޅުވިއެވެ. ތިމަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް އަޑު އެއްސެވީމެވެ.

“ތިޔަބައިމީހުން ސޫރަތުލް ބަޤަރާ ކިޔަވާ ހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެ ސޫރަތް ކިޔެވުން އެއީ ބަރަކާތްތެރިކަމެވެ. އަދި އެ ސޫރަތް ނުކިޔަވައި ދޫކޮށްލުން އެއީ ހިތާމަ ހުރި ކަމެކެވެ. އަދި އެ ސޫރަތް ކިޔަވައި މީހެއްގެ މައްޗަށް ސިހުރުވެރިންނަށް ބާރުލިބިގެން ނުވެއެވެ.”
ޞަޙީޙް މުސްލިމް

ބަޤަރާ ސޫރަތް ކިޔެވުމަކީ ނުވަތަ އަޑު އެހުމަކީ ޝައިޠާނާ ފައްސާލުމަށް އޮތް އަވަސްމަގެކެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

”ތިޔަބައިމީހުންގެ ގޯތި ގެދޮރު ޤަބުރުސްތާނުތަކަކަށް ނަހަދާށެވެ. ހަމަކަށަވަރުން އެގެއެއްގައި ސޫރަތުލް ބަޤަރާ ކިޔެވޭ ގެއެއްގެ ކިބައިން ޝައިޠާނާ ފިލައެވެ.“

ޞަޙީޙް މުސްލިމް

ކީރިތި ޤުރުއާނުގައިވާ އެންމެ މަތިވެރި އާޔަތް ވަނީ ބަޤަރާ ސޫރަތުގައެވެ. އެއީ އާޔަތުލް ކުރުސިއެވެ. ބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތެވެ.

އުޑުތަކާއި ބިންހެއްދެވުމުގެ ދެހާސް އަހަރުކުރިން ﷲ ތަޢާލާ ލިޔުއްވުމެއް ލިޔުއްވިއެވެ. އޭގެން ދެ އާޔަތް ކީރިތި ޤުރުއާނުގައި ބާއްވައިލެއްވިގެންވެއެވެ. އެއީ ބަޤަރާ ސޫރަތުގެ އެންމެ ފަހު ދެ އާޔަތެވެ. ދިވެހިންގެ މެދުގައި މަޝްހޫރު ނަމުންނަމަ، އާމަނައްރަސޫލު ދަލީލެވެ.

ބަޤަރާ ސޫރަތާއި އާލު ޢިމްރާން ސޫރަތް ކިޔަވާ މީހުންނަށް ޞަޙާބީން ޚާއްސަ ޤަދަރެއްދީ އުޅުއްވިއެވެ.

މި ސޫރަތުގައި އިސްލާމީ އަޤީދާގެ އުސޫލުތަކާއި އެއްކައުވަންތަކަމުގެ ދަލީލުތަކާއި އަލުން ދިރުއްވާނޭކަމުގެ ހެކިތައް ބަޔާން ކުރައްވައިފައި ވެއެވެ.

މި ސޫރަތުގައި އިސްލާމީ ޝަރީޢަތުގެ އެކިއެކި ޙުކުމްތައް އައިސްފައިވެއެވެ.

މިގޮތުން އަޅުކަމުގެ ޙުކުމްތަކާއި، ވަރި، ކައިވެންޏާއި އަދިވެސް މިފަދަ އާއިލީ މައްސަލަތަކުގެ ޙުކުމްތަކާއި މާލީ މުޢާމަލާތްތަކާ ގުޅޭ ޙުކުމްތަކާއި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުދޫދުތައް އައިސްފައިވެއެވެ.

ރެފަރެންސް:
التفسير المحرر للقرآن الكريم

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!