Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

"ގަނެގެން ދިޔަ ރީތިވާ ސާމާނު އެތެރެ ފެންނަ ކޮތަޅަކަށް އަޅައިގެން ދަނިކޮށް ފުލުހުން ސުވާލުކުރީ ކުށްވެރިއަކާ ސުވާލު ކުރާހެން"

"ގަނެގެން ދިޔަ ރީތިވާ ސާމާނު އެތެރެ ފެންނަ ކޮތަޅަކަށް އަޅައިގެން ދަނިކޮށް ފުލުހުން ސުވާލުކުރީ ކުށްވެރިއަކާ ސުވާލު ކުރާހެން"

ރީތިވާ ސާމާނު ގަނެގެން އެތެރެ ފެންނަ ކޮތަޅަކަށް އަޅައިގެން ދިޔަ ދިވެއްސަކާ ފުލުހުން ސުވާލު ކުރި ގޮތާ މެދު އޭނާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ޓެގްކޮށް، މީސްމީޑިއާގައި އެ މީހާ އެ ވާހަކަ ހިއްސާކުރަމުން ބުނީ ރޭ ނޫން ކުރީ ރޭ، އޭނާ ދިރިއުޅޭ ގެއާ 10ފޫޓު ދުރުގައި ސައިކަލު ޕާކު ކުރިފަހުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ދެ އޮފިސަރަކު އޭނާ ހުއްޓުވި ކަމަށެވެ.

ފުލުސް އޮފިސަރުން އެންގެވީ އޭނާ އަތުގައި އޮތް އެތެރެ ފެންނަ ކޮތަޅު ބިންމަތީގައި ބެހެއްޓުމަށް ކަމަށާއި އެތެރޭގައި ހުރި އެއްޗެއް ދެއްކުމަށް ކަމަށް ވެސް އެ މީހާ ބުންޏެވެ.

Advertisement
Allied — Dhen Online (box)

އެ މީހާގެ އައިޑީ ކާޑު ދެއްކުމަށާއި އެޑްރެހަކީ ކޮބައިތޯ ފުލުހުން ނާހާ ކަމަށާއި އެހެން ނަމަވެސް ކުރި ވިޔަފާރީގެ ބިލެއް ދެއްކުމަށް އަމުރު ކުރެއްވި ކަމަށް ވެސް އެ މީހާ ބުންޏެވެ.

https://twitter.com/Dileyrium/status/1379437490638004227?s=20

ގިނަ ސްލިޕްތަކެއް ހުރުމުން އެ ބިލު ހޯދަން އެވަގުތު އުނދަގޫވެ، ލަސްވި ކަމަށާއި އެހެންކަމުން "ކީއްވެހޭ ނުދެއްކޭނީ" ވިދާޅުވެ ބާރަށް ހަޅޭލަވައިގަތް ކަމަށް ވެސް އެ މީހާ ބުންޏެވެ.

ގަތް ތަކެތި އަޅައިފައި ވަނީ އެތެރެ ފެންނަ ކޮތަޅަކަށްކަން ފާހަގަ ކުރަމުން އެ މީހާ ބުނީ، މަގުމަތީގައި ހުރެގެން ކޮތަޅުން ފަހަރަކު އެއްޗެއް އޭނާއަށް ދައްކަން ޖެހުނު ކަމަށެވެ.

މިއީ މިފަދަ ކަމެއް އަލަށްވީ ފަހަރެއް ނޫން ކަމަށާއި މިފަދައިން އޭނާއާ މެދު ކަންތައްވަމުން ދަނީ އޭނާގެ އިސްތަށިގަނޑު ދިގުކޮށްހުރެ، އަތުގައި ރީތިވާ ސާމާނު އަޅާފައިވާ ކޮތަޅެއް އޮތުމުންތޯ ވެސް އޭނާ ވަނީ ސުވާލުކޮށްފައެވެ.

"އަހަރެން ވެސް މިއުޅެނީ ޓެކްސް ދައްކައިގެން، ވެހިކަލްތަކުގެ އަހަރީ ފީ ދައްކައިގެން، އިންޝުއަރެންސަށް ފައިސާ ދައްކައިގެން، ޖޫރިމަނާ ކުރިއްޔާ އެ ފައިސާ ވެސް ބަރާބަރަށް ދައްކައިގެން، އަހަރެން އަތުގައި ލައިސެންސް އެބައޮތް، ޕޮލިސް ރިކޯޑެއް ނެތް އަދި އަހަންނަކީ ކުށެއް ވެސް ކޮށްފައިވާ މީހެއް ނޫން. 30 އަހަރު ދުވަސް ވަންދެން ޤަވާއިދަށް އުޅުނީމަ ޓެރަރިސްޓަކާ ސުވާލު ކުރާހެން މިއަދު ސުވާލު ތިކުރީ އަހަރެންގެ އިސްތަށިގަނޑު ދިގުވެފަ، އަތުގައި ކޮސްމެޓިކްސް ކޮތަޅެއް އޮތީމައިތަ؟" އެ މީހާ ސުވާލު ކޮށްފައިވެއެވެ.

މީގެ އިތުރުން އޭނާގެ ކުށަކީ ކޮބައިތޯ ސުވާލު ކުރަމުން އެ މީހާ ބުނީ އޭނާ ވެސް ފުލުހުންގެ ވަޒީފާއެއް ހޯދައި މީހުންނާ ދިމާކޮށްގެން އާމްދަނީ ހޯދަންވީތޯއެވެ.

މިކަމާ ގުޅޭގޮތުން "ދެން"ގެ ފަރާތުން ފުލުހުންގެ މީޑިއާ އޮފިޝަލާއި ސުވާލު ކުރުމުން، މީޑިއާ އޮފިޝަލް އެދިލެއްވީ މިފަދަ ކަންބޮޑުވުމެއް އުޅޭކަމުގައިވާނަމަ، އެ މައްސަލަތައް ހުށަހެޅުމަށެވެ.

"އެ ކަހަލަ ކަންބޮޑުވުމެއް އުޅޭކަމަށް ވެއްޖެނަމަ، ފުލުހުން ޢަމަލު ކުރާ އުސޫލުން ބޭރުން ކަމެއް ކޮށްފައިވާކަމަށް މީހަކަށް ޤަބޫލު ކުރެވިއްޖެނަމަ އެ މައްސަލަތައް ހުށަހަޅައިގެން ބެލޭނެ" ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން އޮފިޝަލް ވިދާޅުވީ، މިފަދަ މައްސަލައެއް ހުށަހަޅައިފިނަމަ ބެލޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް