ރިޕޯޓް

ދިވެހީންނަށް މިވީ ކީއްހެއްޔެވެ؟

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިންނަކީ ޒަމާނުންސުރެވެސް ހީވާގި މުރާލި ބައެކެވެ. އެކި އެކި މަސައްކަތުން ނަފާ ހޯދައި ކައިގެން ބޮއެގެން އުޅެމުންއައި ހިތްވަރުގަދަ ފަހުލަވާނުން ތަކެކެވެ. ދިވެހިންނަށް ކުރަންނޭނގޭ މަސައްކަތެއް ނޯންނާނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވަޑާންކުރުމާއި މަސްވެރިކަމާއި ދަނޑުވެރިކަމެވެ. ގެދޮރު އިމާރާތްކުރުމާއި ދެންވެސް ހުރި ކޮންމެ މަސައްކަތަކީ ފޫހި ކަމެއްނެތި ދިވެހިން ކުރަމުންއައި މަސައްކަތްތަކެވެ. އަޅުގަނޑުގެ މާމަމެން ކިޔައިދޭތީ އަޑު އަހަމެވެ. ކާފަމެން އެކި ރަށްރަށަށް ވަޑާންކުރުމަށް ދާވާހަކައެވެ. މާމަމެން ފަރަށްގޮސް ބޮލި ހިލާވާހަކައެވެ.

Ads by MWSC

ކާފަމެން މަހަށްގޮސް ބާނައިގެން ގެންނަ މަހުން ރިހާކުރު ހާނާާ ވާހަކައެވެ. މޫދުން ގައު ނަގައިގެން ، އެގައު ތަޅާވާހަކައެވެ. ގެރާނަނީ އެގޮތަށް ތަޅަފައި ހުންނަގަލުންނެވެ. އެޒަމާނަކު ސިމެންތި ލިބޭކަށް ނުހުރެއެވެ. ބޭނުން ކުރަނީ އުވަ ދަވައިގެން އެ އުވައެވެ. ބުނެލަން ފަސޭހައެއްކަމަކު މި ހުންނަނީ ބުރަ މަސައްކަތްތަކެވެ . މިފަދަ ދަތި ހާލެއްގައި ބުރަ މަސައްކަތްކޮށްގެން އުޅުނުއިރު ވެސް ދިވެހިންނަކީ ޚުލްގު ހެޔޮ އެކަކު އަނެކަކަށް އަޅާލާ ހިތްހެޔޮ ބައެކެވެ. ދެބަސްވުމާއި އަރާރުންވުން މަދު ބައެކެވެ. ތިމާއަށްވުރެ ނިކަމެތި މީހާއަށް އެތިކޮޅުދިއްކޮށްލާ ފޯރާ މީހާއަށް އެއްވެސް ހަސަދަވެރިކަމެއް ނުބާއްވާ އުޅެމުންއައި ލާމަސީލު މިސާލެއްގެ ވެރިބައެކެވެ. މާތްވެގެންވާ އިސްލާމްދީނަށް ފުރިހަމަޔަށް ތަބާވެ އެދީން ކުރިއަރުވާ އެކަކު އަނެކަކަށް އެނގުނު މިންވަރަކުން އެދީން އުގަންނައިދެމުން ދިޔަ ކިޔަމަންތެރި ބައެކެވެ. ވެރިންނަށް ކިޔަމަންތެރި ، ދީނުގެ އިލްމުވެރިންގެ ނަސޭހަތް އަޑުއަހަމުން އައި ބައެކެވެ.

މަސްދުވަސް ކަނޑުމަތީގައި ހޭދަކޮށް ރިޔަލު ދޯނީގައި މާލެއަށް ދަތުރުކުރަނީ ފަރުން ހިލި ބޮލިކޮޅާއި، ކައްކާ ހިއްކާފައިހުރި ހިކިމަހާއި ރިހާކުރާއި، ވަލުން ހޯދި ކާށި ކޮޅާއި،ކަނޑާފައިހުރި ދަރުކޮޅާއި ވިޔެފައިހުރި ފަންގިކޮޅު ވިއްކާލުމަށެވެ. އެ ވިއްކައިގެން ލިބޭ މަދު ފައިސާކޮޅަށް ހަނޑުލާއި ފުށާއި ހަކުރު ގަނެއެވެ. ރޭގަނޑުގެ އަނދިރިން ސަލާމަތްވުމަށް ގޭގައި އެލުވާލާފައި އޮންނަ ފުޅިބައްތި ދިއްލާލާނެ ސާފުތެޔޮކޮޅު ގަނެއެވެ . އެއަށްފަހު އުނުގައި އަނދެލާނެ މުންޑެއް ގަނެލެވުމަކީ އަދި މާ ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެކެވެ.

މިގޮތުގައި ދުވަސްތައް ހޭދަކުރަމުންއައި ދިވެހީންގެ ތެރެއަށް ޒަމާނީ ތަރައްގީ އައިސް ސަލާމް ގޮވާލިއެވެ. ދިވެހިން އުފަލުން ފޮޅުނެވެ. ތަރައްގީއަށް މަރުހަބާކިޔާލުމަށްޓަކައި ކުރަމުންއައި މަސައްކަތްތަކުން އަތްދޫކޮށްލަންފެށިއެވެ.ދިވެހިން ކުރަމުންއައި މަސައްކަތްތަކުން އަތް ދޮވެލިއެވެ. ބޭރު ގައުމުތަކުން އެ މަސައްކަތްތައް ކުރުމަށް ބިދޭސީން ގެންނަންފެށިއެވެ. ވަކި މަސައްކަތަކަށް ނޫނެވެ. ހުރިހާ ކަމަކަށެވެ. ގެދޮރު އިމާރާތް ކުރަނީ ބިދޭސީންނެވެ. ވަޑާމުގެ މަސައްކަތްކުރަނީ އެމީހުންނެވެ. މަސްދޯނި ތަކުގައި އެންއުކުމާއި ދޮށި އަޅަން ތިބެނީކީ ވެސް މަދު އަދަދެއްގެ ބިދޭސީންނެއް ނޫނެވެ. އެންމެ ބޮޑެތި މަސައްކަތްތަކުން ފެށިގެންގޮސް ގޭގައި ކެއްކުމަށާއި ދަރީން ބެލުމަށް ވެސް އެމީހުނާއި ހަވާލުކުރަމުން ދާން ފަށައިފިއެވެ. ދަރިން ގާތުގައި ބިދޭސީ މީހާ ބަހައްޓާފައި ދެމަފިރިން ދަނީ ވަޒީފާއަށެވެ. ދަރިންތިބެނީ ކައިގެންތޯ ބަލާލެވޭ ވަރަށްވުރެ ވެސް ދިވެހިން ބިޒީވެއްޖެއެވެ.

މިގޮތުގައި އުޅެންފެށިތަނާއި މަތިއޮމާން ކުލަވަރުދައްކަމުން ޑިމޮކްރަސީ އައިސް ވަކިހިއްޕާލިއެވެ. ހުޅަނގުގެ ތަރައްގީއޭ ކިޔާ ޑިމޮކްރަސީގައިޖެހި ދިވެހިން ސިޔާސީވެ ނިމިއްޖެއެވެ. ތާއީދުކުރާ ޕާޓީގެ މީހެއްބުނާ ބަހެއް ނޫނީ ކަންފަތަށް އިވޭ ކަމަކަށްނުވެއެވެ. ގައުމުގެ ސިޔާސަތު ކަނޑައެޅޭހާ ފެންވަރަށް މީހާގެ ހިޔާލު ދާންފަށައިފިއެވެ. އާއިލާއާއި ރައްޓެހިންނާ މޫނު ކަނޑާލަނީ ޕާޓީގެ ފިކުރާ އެއްގޮތް ނުވާތީއެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ބުނެ މީހުންގެ އަބުރު ކަތިލުމާއި ދެބައޮޑުވުމާއި ދޮގުހެދުމަކީ މިނިވަންކަން ކަމުގައި ދެކެން ފަށައިފިއެވެ. އަޑުގަދަމީހާގެ ރުއްގިނަވާނޭ ބުނާ ބީދައިން ، މީހުނާއި ދިމާލަށްބޭނުން އެއްޗެއް ގޮވާ މަލާމާތް ކުރުމަކީ ހިތްވަރު ގަދަ ކަމާއި ކެރޭކަން ކަމުގައި ދެކެވެން ފަށައިފިއެވެ. ކިޔަވައިގެން ތަންދޮރުފިލާފައި ހުންނަ މީހާއަށްވުރެ، ނުކިޔަވާ މަގުމަތީގައި ލާޗާރުބިޗާރަށް އުޅޭ މީހާއަކީ ކަންކަމުގައި ބަސްކިޔާ މީހާއަށް ވާންފަށައިފިއެވެ. ޑިމޮކްރަސީގެ މިނިވަންކަމުގައި ބުނެ މާތްވެގެންވާ އިސްލާމްދީނުގެ ހުކުމްތަކަށް ގޮންޖަހައި ބޭނުން ގޮތަކަށް "މިނިވަންކަމޭބުނެ" އުޅެމުންދާތަން މިދިވެހި ފަސްގަނޑުން މިއަދު މިވަނީ ފެންނަންފަށާފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

މިކަހަލަ ނާޒުކު ހާލަތެެއްގައި ތަރައްގީއާއި ޑިމޮކްރަސީގެ އަވައިގައި ޖެހި ދިވެހިން ބައިބައި ވެއްޖެއެވެ. ޕާޓީ ސިސްޓަމްގެ ތެރެއިން އެއްޕާޓީ އަނެއް ޕާޓީއަށްވުރެ ވަރުގަދަވުމަށް މަސައްކަތްތައް ކުރުމުގައި މަސްއޫލުވެއްޖެއެވެ. އެއްބަޔަކު އަނެއްބަޔަކާ ޖެހި ބޮޑު ހަސަދަވެރިކަމަކާއި ފިތުނަވެރިކަމެއްގެ ތެރެއަށް ދިވެހިން ވެއްޓި ޣަރަގު ވާން ފަށައިފިއެވެ. އިސާހިތަކު މި ކުރެވުނު ކަންތަކުގެ ނަތީޖާ ފެންނަން ފެށިއެވެ. ޒުވާނުންތައް ވަޒީފާނެތި މަސްތުވާ ތަކެއްޗާއި ވައްކަމާއި މަރާމާރީތަކަށް ދާންފަށައިފިއެވެ. އާއިލާތައް ރޫޅި ދަރިން ބިކަވާން ފަށައިފިއެވެ. އިސްލާމްދީނާއި ދުރުވެ ދިވެހި ދަރިން މަގުއޮޅެން ފަށައިފިއެވެ. ދީނަށް ހަޖޫ ޖަހާ ހެދުމަކީ އާދައިގެ ކަމަކަށް ވެއްޖެއެވެ.ދޭސީންގެ ގައުމުގައި ބިދޭސީން ''ވެރިކަން''ކުރަން ފަށައިފިއެވެ. ދެން ވެސް ހޭއަރާކަށް ނުވޭތޯއެވެ. ދިވެހިންނަށް މިވީ ކީއްހެއްޔެވެ؟

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!