ޒިކުރާ މިސްކިތް ހުރި ބިމުން މިފަހަރު ފެނުނީ މިނިކައްޓެއް ނޫން، ބައެއް އާސާރީ ތަކެތި
ކުރީގެ ޒިކުރާ މިސްކިތް ހުރި ބިމުން މިނިކަށިތަކެއް ފެނުނު ފަހުން ، މިއަދު ބައެއް އާސާރީ ތަކެތި ފެނިއްޖެއެވެ.
ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ސަރަޙައްދު ކޮންނަމުން ދަނިކޮށް ފެނުނު ތަކެއްޗާއި ބިނާތަކުގެ ތެރެއިން ފެނުނު ތަކެތި ކަމާގުޅޭ ފަންނީ ފަރާތްތަކުން ބަލައި ދިރާސާކޮށްފައިވާ ކަމަށެވެ.
އެގޮތުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ އެ ސަރަޙައްދުން ފެނުނު ތަކެތީގެ ތެރޭގައި މައްޗަންގޯޅީ ބައުމިސްކިތުގެ ތަރަހަ ކަމަށް ބެލެވޭ ހިރިގަލު ބިނާއެއްގެ ތަރަހަ ފެނިފައިވާ ކަމަށާއި ހިރިގަލު 8 ކަން ވަޅަކާއި ދިވެހި އަދި ޢަރަބި ލިޔުން ކަނޑާފައިވާ މަހާނަ ގަލާއި ފެނާ ކާބޯތަކެތި އެޅުމަށް ބޭނުންކުރާ ކަންވާރު ފަދަ ތަކެތީގެ ބައިތަކެއް ފެނިފައިވާ ކަމަށެވެ.
ޒިކުރާ މިސްކިތް ހުރި ބިމުން މިއަދު ފެނުނު މި ތަކެތި މިހާރު ވަނީ ތަރަކައިގެ މަރުކަޒުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތުގައި އެ ބިން ސާފުކުރަން ފެށީ މިދިޔަ މަހުގެ 1ވަނަ ދުވަހުގައެވެ.