މުޢިއްޒަށް ވޯޓު ނުދެއްވަން ރައީސް ޔާމީން ވިދާޅުވިކަމަށް ބުނެ ފެތުރެނީ ދޮގު ޚަބަރެއް: އިދިކޮޅު ކޯލިޝަން
މާލެސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ވޯޓު ނުދެއްވުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިކަމަށް ބުނެ "އިރުވަރު" އޮންލައިން ނޫހުގައި ލިޔެފައި ވަނީ ދޮގު ޚަބަރެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޑރ. މުޢިއްޒު މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބު ނުކުރައްވަން ރައީސް ޔާމީން ނިންމަވާފައި ނުވާކަމުގެ ކަށަވަރުކަން އެމަނިކުފާނުގެ ވަކީލުން ވެސް ދެއްވަވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޑރ. މުޢިއްޒްއެކޭ އެއްފަދައިން މިފަހަރުގެ ކައުންސިލު އިންތިހާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގައި ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތްކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުންނާއި އިދިކޮޅު ލީޑަޝިޕުން ދެއްވާ ކަމަށް ބަޔާނުގައިވެއެވެ.
"އިރުވަރު" އޮންލައިންގައި ޖަހާފައިވާ ޚަބަރު އެންމެ ހަރުކަށި އިބާރާތުން ކުށްވެެރިކޮށް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައި ވަނީ އެ ފަދަ ހަގީގަތާއި ޚިލާފު ޚަބަރު ފަތުރައިގެން އެ ކޯލިޝަންގެ ކެނޑިޑޭޓުންގެ ޙައްޤަށް އަރައިނުގަތުމަށެވެ. އަދި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުން ބޭރު ނުވުމަށް ވެސް އެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.
މި މައްސަލަ މީޑިއާ ކައުންސިލުންނާއި އެ ނޫންވެސް މުއައްސަސާތަކުން ބަލައި ދިނުމަށް ވެސް އެ ބަޔާނުގައި އެދިވަޑައިގެންފައިވެއެވެ.
އަހަރެމެން ތިހޮޅިބެއައް ވޯޓެއްނުދޭނަމް