ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ މުޒާހަރާއެއް ކުރިއަށް ދަނީ!
މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމުން ހޯދި ކާމިޔާބީއާއެކު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
މިއަދު ބޭއްވި އިންތިޚާބުގައި ޕީޕީއެމުން ވަނީ މާލެ ސިޓީ ކައުންސިލް ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރުކަމަށް ވާދަ ކުރެއްވި ޑރ.މުޙައްމަދު މުޢިއްޒު ވެސް ހިމެނެއެވެ.
އިދިކޮޅު ސިޔާސީ ލީޑަރު ކަމަށްވާ ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއަކާ ގުޅިގެން މާފުށީ ޖަލުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ރައީސް ޔާމީންގެ ސިއްޙީ ހާލުކޮޅާ ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަނުން ދަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އެގޮތުން މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް އިދިކޮޅު ސިޔާސީ ލީޑަރުން ގެންދަވަނީ ގޮވައިލައްވަމުންނެވެ.
ސަރުކާރުން ރައީސް ޔާމީންގެ ސިއްޙީ ހާލުކޮޅާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ، ރައީސް ޔާމީނަށް ބޭސްފަރުވާގެ ކަންކަން އިންތިޒާމު ކޮށްދެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އެކަމާ ރައީސް ޔާމީން ދެކޮޅު ހެއްދެވި ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވިދާޅުވިއެވެ.
ސަރުކާރުގެ މިވާހަކަތައް އިދިކޮޅުން ވަނީ ދޮގު ކުރައްވައިފައެވެ. އިދިކޮޅުން ވިދާޅުވީ، އެފަދަ ފުރުސަތެއް ހުށަހަޅުއްވާފައި ނުވާ ކަމަށާއި، ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް އިދިކޮޅުން ހުއްޓުމެއްނެތި އެދެމުންދާ އެދުންތަކަށް ސަރުކާރުން ދަނީ ބީރު ކަންފަތެއް ދެމުން ކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ގޮވައިލައި މިރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި އަޑުއުފުލުމަށް ފަހު، އެ ޕާޓީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، މާލެސިޓީގެ މޭޔަރުކަން ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓް ޑރ. މުޢިއްޒުއަށް ތަހުނިޔާ ދަންނަވައިފައެވެ.