ދީން

ސުލައިމާން ބިން އަބްދުލްއަޒީޒް އަލް-ރަޖީ: އަތުގައި އެއްވެސް ފައިސާއެއް ނެތް، މަލްޓި-ބިލިއަނަރުގެ ވާހަކަ!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި އެންމެންގެ ވެސް ވަޒީފާއަކީ އެއް ވަޒީފާއެކެވެ. ފަޤީރަކަސް ، އަމީރަކަސް އަދި ނިކަމެއްޗަކަސް އެންމެންގެ ވަޒީފާއަކީ ﷲ ތަޢާލާއަށް އަޅުކަން ކުރުމެވެ. އެއިލާހުގެ މަގުގައި މުޅި ދިރިއުޅުން ހޭދަ ކުރުމެވެ. އިންސާނާގެ މުޅި ޙަޔާތަކީ އެކަމުގެ މައްޗަށް ކުރެވޭ އިމްތިހާނެކެވެ. ބައެއް އަޅުތަކުން އިމްތިހާން ކުރައްވަނީ މުދާވެރިކަމާއި ފައިސާވެރިކަން އިތުރުކުރެއްވުމުންނެވެ. އަނެއްބަޔަކު ﷲއަށް ދެންނެވުމާއި ކެތްތެރިވުމުގައި ސާބިތުވާ މިންވަރު ބައްލަވަނީ ދަތިކަމާއި އުނދަގޫ ޙާލަތްތައް މެދުވެރި ކުރައްވައިގެންނެވެ.

Ads by STELCO

މިއީ ﷲގެ މަގުގައި ހޭދަ ކުރުމަށް ލޯބި ކުރައްވާ ، މުއްސަނދި ބޭކަލެއްގެ ވާހަކައެކެވެ. މަލްޓި-ބިލިއަނަރެއް ނަމަވެސް ، އަތްޕުޅުގައި އެންމެ ރިޔާލެއް ވެސް ނެތެވެ. ހުރިހާ އެއްޗެއް ވެސްހުރީ ﷲ ގެ މަގުގައި ހޭދަ ކޮށްފައެވެ.

ސައުދީ އަރަބިއާ އަށް އުފަން އުމުރުފުޅުން 91 އަހަރުގެ ޝެއިޚް ސުލައިމާން ބިން އަބްދުލްއަޒީޒް އަލް-ރަޖީ ގެ މުޅި ޙަޔާތް ބަދަލުކޮށްލީ ހަމަ އެންމެ ރިޔާލަކުންނެވެ.


ސައުދީ އަރަބިއާގެ އަލް-ގަސަމް އަވަށުގައި އޭނާގެ 200،000 އަށްވުރެ ގިނަ ކަދުުރު ރުއް ހުރެއެވެ. އެގޮތުން ތަފާތު 45 ބާވަތެއްގެ ކަދުރު ރުއް އެދަނޑު ތަކުގައި ހިމެނެއެވެ. އެރުއްދަނޑުތަކުން ކޮންމެ އަހަރަކު 10،000 ޓަނު ދަތުރު ލިބެއެވެ. ނަމަވެސް އެހުރިހާ ރުއްތަކުން ލިބޭ ނަފ ހޭދަ ކުރަނީ މާތް ﷲ މަގު ގައެވެ.

މިރުއްދަނޑުތަކަކީ ސައުދީ އަރަބިއާގައި މިވަގުތުހުރި އެންމެ މުއްސަނދި އެކަކު ކަމުގައިވާ ސުލައިމާން އަލް-ރަޖީ ގެ ރުއްދަނޑުތަކެކެވެ. ރުއްދަނޑުތަކުން ލިބޭ ފައިސާ ހޭދަ ކޮށްފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިސްކިތް ބިނާ ކުރުމަށާއި، ދަރުމައަށް ކުރާ މަސައްކަތަށާއި މައްކާ އަދި މަދީނާގައި ހުންނަ އެންމެ މުޤައްދަސް ދެ މިސްކިތުގައި ރޯދަ ވީއްލުން ހަމަޖެއްސުމަށެވެ. ސައުދީ އަރަބިއްޔާގައި އަލްރަޖީގެ މިސްކިތެއް ނެތް ، ސަރަހައްދެއް ފެނުމަކީ ނާދިރު ކަމެކެވެ.

ސުލައިމާން އަލް-ރަޖީ ދުނިޔެއަށް ލޯ ހުޅުވާލެއްވީ ވެސް ފަގީރު ޢާއިލާ އަކަށެވެ. އެގޮތުން ޅަފަތާއި ޒުވާން ދުވަސްވަރު ހޭދަ ކުރީ ވެސް ފަގީރު ޙާލުގައެވެ.

އެމަނިކުފާނު ތައުލީމު ހާސިލު ކުރައްވަމުން ދިޔަ މަދަރުސާއިން އެއް ފަހަރަކު މުހިންމު ހަރަކާތެއް ހިންގިއެވެ. އެއް ރިޔާލް ދީގެން ބައިވެރިވެވޭ މި ޙަރަކާތް ވެގެން ދިޔައީ އަލް-ރަޖީގެ ދިރިއުޅުން ބަދަލު ވެގެން ދިޔަ ކަމަކަށެވެ.

އެމަނިކުފާނު ގެއަށް ވަޑައިގެން މައިންބަފައިން ގާތު ރިޔާލެއް ބޭނުން ވާ ވާހަކަ ދެންނެވިއެވެ. ނަމަވެސް ފަގީރުހާލަތުގެ ސަބަބުން އެ އެއް ރިޔާލުވެސް ދެއްކޭ ގޮތް ނުވިއެވެ. ސުލައިމާން އަލް-ރަޖީ އެކަމާއި ކީރިތި ކުރެއްވިއެވެ. އެހަރަކާތުގައި ބައިވެރިވުމުގެ މުއްދަތު ކައިރިވަމުން ދިޔުމުން ، ބައިވެރިވެވޭނެ ކަމުގެ އުއްމީދު ފަނޑުވަމުން ކީރިތި ކުރެއްވުން އިތުރު ވިއެވެ.

ނަމަވެސް ދީލަތިވަންތަ ﷲ ގެ ދީލަތިކަން މުއުމިނުންގެ މައްޗަށް ތަނަވަސް ވެގެންވާ ފަދައިން އަލްރަޖީއަށް އެއް ރިޔާލް ލިބުން ވެސް ވީ ދާދި ފަސޭހަ ކަމަކަށެވެ. ސުލައިމާން އަލް-ރަޖީއަށް މަދަރުސާގެ އިމްތިހާނުން އެއްވަނަ ލިބުނު އިނާމެއްގެ ގޮތުން ފަލަސްތީނުގެ ޓީޗަރެއް އެމަނިކުފާނަށް އެއް ރިޔާލް ދެއްވިއެވެ. ސުލައިމާން އަލް-ރަޖީ އަވަސްވެގަތީ އެފައިސާ މަދަރުސާއަށް ދީ، އެހަރަކާތުގައި ބައިވެރިވުމަށެވެ.

ސުލައިމާން އަލް-ރަޖީ އެމަނިކުފާނުގެ ތައުލީމު ފުރިހަމަ ކުރެއްވިއެވެ. އަދި އާމްދަނީ ހޯދަން މަސައްކަތް ވެސް ކުރައްވަން ފެއްޓެވިއެވެ.

ސުލައިމާން އަލް-ރަޖީ ވިޔަފާރި ފެއްޓެވީ އެމަނިކުފާނުގެ ބޭބެއާއެކުގައެވެ. އެކި ސަރަޙައްދުތަކުން ޙައްޖަށާއި އުމްރާއަށް ދާ މީހުންނަށް ޖަމަލުގައި ދަތުރުކުރުމުގެ ޚިދުމަތުން ފެއްޓެވި މި ވިޔަފާރީގައި ﷲ ބަރަކާތް ލެއްވިއެވެ. އެގޮތުން އެ ވިޔަފާރި ފުޅާވެ ޖިއްދާގައި އެމަނިކުފާނު ދިރިއުޅުއްވި ކޮޓަރި ، ބެންކަކަށް ހައްދަވާ މަޝްހޫރު އަލް-ރަޖީ ބެންކު ޤާއިމް ކުރެއްވިއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "އަލް-ރަޖީ" ގެ ނަމުގައި ގިނަ ބެންކުތަކެއް ހުޅުވި މުޅި ސައުދީ އަރަބިއާގައި ފެތުރުނެވެ.

ސުލައިމާން އަލް-ރަޖީގެ ދިރިއުޅުން ބަދަލުވުމުގައި މުހިންމު ރޯލެއް އަދާކުރި ފަލަސްތީނުގެ އެޓީޗަރު ހޯދުމުގެ މަސައްކަތް އެމަނިކުފާނު ކުރިއެވެ.

އެޓީޗަރާއި ބައްދަލުވީއިރު، އޭނާ ހުރީ ރިޓަޔަރ ވެފައެވެ. އަދި މާލީ ހާލަތުވެސް ދަތިވެފައެވެ. ސުލައިމާން އަލް-ރަޖީ އެޓީޗަރު ގޮވައިގެން އެމަނިކުފާނުގެ ކާރުކޮޅުގައި ވަޑައިގެންނެވިއެވެ. އަދި އެޓީޗަރަށް ދަރަނިވެރިވާ ކަމަށް ވިދާޅުވިއެވެ. އެއީ ކިހިނެއްތޯ ސުވާލު ކުރުމުން ސުލައިމާން އަލް-ރަޖީ އަށް ޓީޗަރު ދެއްވި އެއް ރިޔާލުގެ ވާހަކައާއި އެރިޔާލަށް އެވަގުތު ބޭނުން ޖެހިފައި ހުރިވަރު ވެސް ކިޔައިދެއްވިއެވެ.

ކާރު ޕާކު ކުރީ ބަންގަލޯއެއްގެ ކުރިމައްޗަށެވެ. އަދި ކާރުން ފައިބައިވަޑައިގެން ކާރުގެ ތަޅުދަނޑިއާއި ބަންގަލޯގެ ތަޅުދަނޑި އެޓީޗަރުގެ އަތަށް ދެއްވާފައި އެތަކެއްޗަކީ މިހާރު ޓީޗަރުގެ ތަކެތި ކަމަށް ވިދާޅުވެ އެ ތަކެތި ޓީޗަރަށް ވެދުން ކުރެއްވިއެވެ.

ސުލައިމާން އަލް-ރަޖީ އަކީ އެންމެންނަށް ވެސް ހުރި ލާމަސީލު މިސާލެކެވެ. އެމަނިކުފާނުގެ 1.5 މިލިއަން މުވައްޒަފުންނަށް ކޮންމެ މަހަކުވެސް އެމަހެއް ނިމުމުގެ ކުރި ދޭންވާ އުޖޫރަ ދެއްވައެވެ.

އެމަނިކުފާނު ވަނީ 2010 ވަނަ އަހަރު އެމަނިކުފާނުގެ މުދާތައް، އެމަނިކުފާނުގެ އަނބިންނާއި ދަރީންގެ މެދުގައި ހަމަހަމައަށް ބައްސަވާލައްވާފައެވެ. އިންޓަވިއުއެއްގައި އެމަނިކުފާނާއި ސުވާލު ކުރެވުނެވެ. މަނިކުފާނުގެ މުދަލުގެ ދެބައިކުޅަ އެއްބައި އާއިލާއަށް އަނެއްބައި ﷲގެ މަގުގައި ބައްސަވާލައްވާފައިވާއިރު މަނިކުފާނުގެ ޚަރަދުތައް ހަމަޖެއްސެވުމަށް ހުރީ ކޯއްޗެއްތޯއެވެ؟ ގެއެއް، ދަނޑެއް ނުވަތަ މުސާރައެއްތޯއެވެ؟

ހިނިތުންވުމާއެކު އެމަނިކުފާނުގެ އެެއްވެސް އެެއްޗެއް ނެތް ކަމަށް ވިދާޅުވަމުން ވިދާޅުވިއެވެ." އަހަރެންގެ އުމުރު 80 އަށްވުރެ މަތި ، އަހަރެން ބޭނުންވާނީ ކޯއްޗެއް؟ އަހަރެންގެ ޚަރަދުތަކުގެ ބިލްތައް ވީހާވެސް ކުޑަކުރެވޭތޯ އަހަރެން ބަލަން"

އެއްވެސް ފައިސާއެއް ނެތް މަލްޓިބިލިއަނަރއަކަށް ވުމުގެ އިޙްސާސަކީ ކޮބައިތޯ ސުވާލު ކުރުމުން ހިނިތުންވެލައްވަމުން ، ކަރުނަ ހިލޭ ޙާލުގައި އެމަނިކުފާނު ވިދާޅުވި ބަސްފުޅަކީ މުސްލިމް ކޮންމެ ވިޔަފާރިވެރިއަކަށް އިބްރަތެކެވެ.

" އަހަންނަށް އިހްސާސްވަނީ މިނިވަން ކަމުގެ އިހްސާސް ، އަހަންނަށް ކުރެވެނީ ދޫންޏެއްގެ އިހްސާސް، ދުނިޔެ ދޫކޮށް ﷲގެ ޙަޟްރަތަށް ދަތުރުކުރުމުގެ ގޮވާލުން (މަރު) އައިސްފިނަމަ ، ހިތާމައެއް ހިތްދަތި ކަމެއް ނެތި އުފަލާއެކު އަހަންނަށް މަރާއި ބައްދަލު ކުރެވޭނެ "

ވަޤްފުގެ އަގު 60 ބިލިއަން ރިޔާލަށްވުރެ ނަމަވެސް އެ މުދަލަކަށް ފައިސާއަކަސް އެމަނިކުފާނުގެ ދަހިވެތި ކަމެއް ނެތެވެ. ﷲ ގެ ޙަޟްރަތަށް ދަތުރުކުރުމަށް އެ ހުންނެވީ ތައްޔާރަށެވެ. ކިހާ ހިތްފަސޭހަ ކަމެއްތޯއެވެ. ނަފްސަށް ލިބޭނެ އެއަށްވުރެ ބޮޑު ލުޔެއް އޮންނާނެތޯއެވެ.


މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!