ޚަބަރު

ތެޔޮބޯޓު އަޑިއަށް ދިޔަ ހާދިސާ ރައީސް އޮފީހުން ދަނީ ގާތުން ބަލަމުން: މަބްރޫކް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެނބޫދޫ ފިނޮޅު ކައިރީ އޮތް ތެޔޮ ބޯޓެއްގައި އިއްޔެ ހަވީރު އަލިފާން ރޯވެ އަޑިއަށް ދިޔަ ހާދިސާ ރައީސް އޮފީހުން ވަރަށް ގާތުން ބަލަމުންދާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

ބްރޯ ފިއުލް ޕްރައިވެޓް ލިމިޓެޑްގެ "ސީ ސްޓަރ" ނަމަކަށް ކިޔާ މި ބޯޓު، ކ.އެނބޫދޫ ފިނޮޅުކައިރީގައި އޮއްވާ އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ 17:50 ހާއިރެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އެ ބޯޓު އަޑިއަށް ދިޔައީ 18:27 ހާއިރު ކަމަށެވެ.

މި ހާދިސާއާއި ގުޅޭގޮތުން ކުރެއްވި ޓްވިޓެއްގައި މަބްރޫކް ވިދާޅުވީ، ފިއުލް ބޯޓުގައި އަލިފާން ރޯވެ އަޑިއަށް ދިޔަ ހާދިސާގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ދެނެގަތުމަށް ސަރުކާރުން ކަމާ ގުޅުންހުރި ފަރާތްތަކާއެކު ވަރަށް ގާތުން ބަލާ މޮނިޓަރ ކުރަމުންދާކަމަށެވެ. އެގޮތުން އެމްއެންޑީއެފްއާއި އީޕީއޭއާއިއެކު ސަރުކާރުން ވަރަށް ގާތުން މިކަން ބަލަމުން އަންނަކަމަށާއި މިވަގުތަށް ތެޔޮ ލީކްވިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ބޯޓުގައި އަލިފާން ރޯވެ އަޑިއަށް ދިޔުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު 10 މިލިއަނަށް އަރާނެކަމަށް ބްރޯ ފިއުލްގެ އޮފިޝަލަކު އިއްޔެ ވަނީ މީޑިއާއަކަށް މައުލޫމާތު ދެއްވައި ވިދާޅުވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ކ.އެނބޫދޫފިނޮޅުގެ 1.52 ނޯޓިކަލް މޭލު އިރު ދެކުނުން، އަތޮޅުން ބޭރުންނެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ބޯޓް އަޑިއަށް ގޮސްފައިވަނީ 1000 މީޓަރާއި 1400 މީޓަރާއި ދެމެދުގެ ފުންމިނަކަށް ކަމަށެވެ. އަދި ބޯޓުގައި 60،000 ލީޓަރުގެ ޑީސަލް ހުރިކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!