ތެޔޮ ބޯޓުގައި ރޯވުން: ބޯޓު 1000 ފޫޓު އަޑީގައި، ތެޔޮ ލީކުވުމުގެ ބިރެއް ނެތް!
އެނބޫދޫ ފިނޮޅު ކައިރިން އިއްޔެ އަލިފާން ރޯވި ބްރޯ ފިއުލްގެ "ސީ ސްޓާ" ތެޔޮ ބޯޓު ވަނީ ކަނޑުގެ 1،000 ފޫޓު އަޑިއަށް ގޮސްފައި ކަމަށާއި އެހެން ނަމަވެސް އެ ބޯޓުން ތެޔޮ ލީކު ވުމުގެ ބިރެއް ނެތް ކަމަށް ކޯސްޓް ގާޑުން މިއަދު ބުނެފިއެވެ.
ކޯސްޓްގާޑާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯސްޓްގާޑުގެ ކޮމަޑާންޓް މުހައްމަދު ސަލީމް ވިދާޅުވީ، ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގުމުގެ ރިޕޯޓް ލިބުމާ އެކު ވަރަށް އަވަހަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި ނަމަވެސް މާގިނަ އިރުތަކެއް ނުވެ ބޯޓު އެ އަޑިއަށް ދިޔައީ ކަމަށެވެ.
"މިއީ ރާއްޖޭގެ ކަމާއި ގުޅޭ އިދާރާތަކަށް ވެސް ކޮންޓްރޯލް ކުރެވޭނެ ހާދިސާއެއް. ތެޔޮ ލީކުވުމުގެ ބޮޑުކަމެއް ހިނގާފައި ނުވިޔަސް ރާއްޖޭގެ ތިމާވެށީގެ ނާޒުކަމުން، އެފަދަ ހާދިސާތައް ހިނގުމުން ވަރަށް ކައިރިން މޮނިޓަކުރަން" ސަލީމް ވިދާޅުވި އެވެ.
މީގެއިތުރުން ސަލީމް ވިދާޅުވީ ހާދިސާ ހިނގި ސަރަހައްދު މޮނިޓަރ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި އޮއިވަރު ބަދަލުވެ އަތޮޅަކާ ދިމާލަށް އެ ސަރަހައްދުން ތެޔޮ ލީކުވެގެންދާ ކަމަށް ކިރިޔާ ވެސް އޮބްޒާވް ކުރެވިއްޖެ ނަމަ، އެކަމަށް ފިޔަވަޅު އަޅަން ތައްޔާރަށް އޮތް ކަމަށެވެ. އަދި ހާދިސާ ހިނގީ އާންމުކޮށް މީހުން ދަތުރުކުރާ ރޫޓެއްގައި ކަމަށް ވާތީ، އެތަނުން ތެޔޮ ލީކުވާ ނަމަ އެކަން އެނގޭނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.