ވެކްސިން ޖައްސަވަން ރައީސް ޔާމީން އިންކާރު ކުރައްވައިފި
މަނީ ލޯންޑަރިންގެ ދައުވާއެއްގައި މާފުށީ ޖަލުގައި މިހާރު ޙުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖައްސަވަން އިންކާރު ކުރެއްވި ކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަންސްއިން ބުނެފައި ވަނީ، މިރޭ 21:40 ހާއިރު ވެކްސިން ޖަހަން ރައީސް ޔާމީން މާލެ ގެނެވުނު ކަމަށާއި ނަމަވެސް ވެކްސިން ޖައްސަވަން އިންކާރު ކުރުމުން މިހާރު އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވެކްސިން ޖައްސަވަން އިންކާރު ކުރެއްވި ސަބަބު ހާމަ ނުކުރައްވާ ކަމަށް ވެސް ކަރެކްޝަންސްއިން ވިދާޅުވިއެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖައްސަވަން ރައީސް ޔާމީން އިންކާރު ކުރެއްވި ކަމަށް ކަރެކްޝަންސްއިން ވިދާޅުވި ނަމަވެސް، މިކަމާ ގުޅޭ ގޮތުން އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން އަދި ބަހެއް ލިބިފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ބޭނުންފުޅު ވެކްސިނެއް އިޚްތިޔާރު ކުރެއްވުމަށް އެމަނިކުފާނަށް ފުރުސަތު ދެއްވިއެވެ. ނަމަވެސް ވެކްސިން ޖައްސަވަން ރައީސް ޔާމީން ވަނީ ދެކޮޅު ހައްދަވާފައެވެ.
ރައީސް ޔާމީންގެ ސިއްޙީ ހާލުކޮޅާ ގުޅިގެން އެމަނިކުފާނުގެ އާއިލާއިންނާއި އިދިކޮޅު ލީޑާރޝިޕުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އެގޮތުން މި ރަމަޟާން މަހު ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް އެދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. އަދި އިރާދަފުޅުކުރެއްވިއްޔާ ރައީސް ޔާމީނަށް ދެރަގޮތެއް ނުހައްދަވާނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.