ވާހަކަ

ކުރު ވާހަކަ: ކަތި ފިޔަވަޅު

ދެން އެމްވީ ، ދެން އޮންލައިން

ހުދު ކޯޓު ނަގައި އެނބުރޭ ގޮނޑި މަތީގައި އަޅުވައިލުމަށް ފަހު ފުން ނޭވައެއް ދޫކޮށްލީމެވެ. ގޮނޑީގައި އިށީނދެ ހަމަޖެހިލެވުމާ އެކު ވަރުބަލިކަން އިހުސާސް ކުރެވުނެވެ. މޭޒުގައި އަތް އަޅުވާލައި ބޯ ތިރިކޮށްލީ ވަރުބަލި ފިލުވާލައި ސިކުނޑި ހަމަ ޖައްސާލުމަށް ޓަކައެވެ. ނަމަވެސް އޭސީގެ ފިނި ރޯޅިތައް ގައިގައި ބީހެން ފެށުމުން، ނިދި ބަރުވެފައި ލޮލާއި ނިންޖަށް ފެން ބޮވައިގަނެފައިވާ ހަށިގަނޑުގެ މައްޗަށް ނިދި އަތްގަދަ ކުރަން ފެށިއެވެ. ޑިއުޓީގައި ހުރެ ނިދެން ނެތުމުން ކޮޓަރިން ނިކުމެ ކެންޓީނާ ދިމާއަށް މިސްރާބު ޖެހީމެވެ. ހަމަނިދި ނުލިބުމުގެ ސަބަބުން ވަޅު ވަދެފައިވާ ލޮލާއި ބުރަކޮށް އުޅުމުގެ ސަބަބުން ތާޒާކަން ކެނޑިފައިވާ މޫނު ފޮރުވުމަށް އަހަރެން ދިޔައީ އިސް އުފުލާލާ ބަލާލި ކޮންމެ މީހަކަށްމެ، ރީތި ހިނިތުންވުމެއް ހަދިޔާ ކުރަމުންނެވެ.

Ads by STELCO

ބޭރަށް ނިކުމެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގަައިލީމެވެ. އަވިގަދަ ދުވަހެކެވެ. އުޑުމަތީ ވިލާކޮޅެއް ވެސް ނެތް ކަހަލައެވެ.ގަހެއްގެ ފަތެއް ހިރިނުލާތާ ޖައްވުގައި ވެސް ވަނީ އާވި ހޫނު ކަމެކެވެ. ކެންޓީނަށް ވަދެ ފިނި ކޮފީއަކަށް އޯރޑަރ ދިނުމަށް ފަހު އެތަނުން މޭޒެއްގައި އިށީނދެ ހަމަޖެހިލީމެވެ. މާ ލަސްތަކެއް ނުވެ ކޮފީ ވެސް ލިބިއްޖެއެވެ. އިތުރު މަސައްކަތެއް ކުރަން ނެތުމާއެކު ލަސް ލަހުން އަހަރެންގެ ބުއިމަށް އިންސާފު ކުރަމުން ގެންދިޔައީމެވެ. ހޫނުގަދަ ދުވަހެއްގައި މިކަހަލަ ފިނި ބުއިމަކަށް އިންސާފު ކުރެވުމުން އަހަރެންގެ ހަށިގަނޑަށް ތާޒާކަން ގެނެސްދިނެވެ. ނިންޖާއި ވަރުބަލިކަމުގެ އިހުސާސް މުޅިންހެން ފިލާ ދިޔަ ކަހަލައެވެ.

އެކަނިވެރިކަން ފިލުވައިލުމަށް ޓަކައި ފޯނު ނަގައި އިންސްޓަގްރާމަށް ވަނީމެވެ. ކޮފީ ތަށީގެ

ފޮޓޯއެއް ނަގައި ސްޓޯރީއަށް އަޕްލޯޑު ކޮށްލީމެވެ. އާއިލީ މެމްބަރުންނާއި ރަހުމަތްތެރިން ޕޯސްޓު ކޮށްފައިވާ އެންމެ ފަހުގެ ފޮޓޯތަކަށް ލައިކް ދެމުން ގެންދިޔައީމެވެ. އެކިއެކި މަންޒިލުތަކުގައި ނަގައިފައިވާ ނަލަނަލަ މަންޒަރުތައް ފެނި އަހަރެންގެ ތުންފަތަށް ލުއި ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަހަރެންގެ ނަޒަރު ކުޑަ ވަގުތުކޮޅަކަށްހެން މަޑު ޖެހިލީ ރަހުމަތްތެރިއަކު ލާފައިވާ ފޮޓޯއެއް ފެނިފައެވެ. ފެނުނު މަންޒަރުން ހިތުގެ ހިނގުން ވެސް އަވަސްވި ކަހަލައެވެ. އަހަރެންނަށް ޔަޤީނާ ގާތަށްވީ ޝައްކެކެވެ. އެހެންކަމުން އެ ފޮޓޯގައި ޓެގުކޮށްފައި އިނީ ރަނގަޅު މީހަކަށްތޯ ބަލައިލެވުނެވެ. ކޮންމެއަކަސް އަހަރެންގެ ހިތް ދިން ސިގްނަލް ދޮގަކަށް ނުވިއެވެ. ސައިކަލެއް ކައިރީ އިށީނދެލައިގެން އެ އިނީ ދެވަނަ އެހެން މީހެއް ނޫނެވެ.

އެއީ އަހަރެންގެ ކުރީގެ ލޯބިވެރިޔާއެވެ. ކުރީގެއޭ ބުނުމުން ފަހަރުގައި ދޮގަކަށް ވެދާނެއެވެ. އަހަރެންގެ ހިތުގައި އަދިވެސް ޖަހަނީ އެ ވިންދެވެ. އެ ލޮލުގައިވާ ޖާދޫއަށް މިހާރު ވެސް އަހަރެން ބޭޤަރާރު ވާނެކަން ޔަޤީނެވެ. ހަތަރު އަހަރު ފާއިތުވީއިރު ވެސް އެ ފިރިހެންވަންތަ ހަށިގަނޑަށް ބަދަލެއް އައިސްފައިވާހެނެއް އަހަރެންގެ ލޮލަކަށް ހިއެއް ނުވެއެވެ. އަދިވެސް އަންހެންކުދިންގެ ހިތްތައް ކަތިލަމުން ދިޔަ ރީތި ހިނިތުންވުމެވެ. އެހާ ދުވަހަށް ފަހު ވެސް އަހަރެންގެ ހިތުގައި އޭނާއަށް ދެވިފައިވާ ލޯބި ފަނޑު ނުވާކަން ޔަޤީނެވެ. މިވީހާ ދުވަހު އަހަރެންގެ ހަޔާތުގައި އިތުރު ލޯބިވެރިއަކު ނެތުމަކީ އެކަމަށް ހެކިދޭނެ ކަމެއްކަން ކަށަވަރެވެ. ފޮޓޯއަށް ގެއްލިފައި އަހަރެންނަށް އިނދެވުނީ ކިހާ ވަގުތަކުކަމެއް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. އެވަގުތުގެ ތެރޭގައި މާޒީގެ ފުން ކަނޑުގެ ތެރެއަށް އަހަރެންގެ ޚިޔާލުތައް ފީނައިގަތެވެ.

ސުކޫލު ދައުރު ނިންމާލިއިރު ވެސް އަހަރެން ލޯބީގެ ގޮތުން އެއްވެސް މީހަކާ ނުގުޅެމެވެ. ކިޔެވުމާ އެކުހެން ރަނގަޅު ނަތީޖާއެއް ހޯދުމުގައި މަޝްއޫލުވެ އުޅެން ޖެހުމުގެ ސަބަބުން އިތުރު ކަމަކާ ވިސްނާނެ ވަގުތު އަހަރެންނަށް އޮންނަނީ ނުވެފައެވެ. ފިރިހެނުން ނުވާތީކީ ނޫނެވެ. ލޯބީގެ އެތައް ސިޓީއެއް ވެސް އަތަށް ލިބެއެވެ. އެތަށް ހުށައެޅުމެއް އާދެއެވެ. އެހެނަސް އަހަރެން މާގަޔާވާ ކަހަލަ ހަމަ އެކަކު ވެސް ނުފެނެއެވެ. ނޫނީ އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައި ނަމަށް އިންތިޒާރު ކުރެވެނީއެވެ. އެކުގައި އުޅޭ ރަހުމަތްތެރިން ލޯބިވެރިންނާ އެކު މާ ފޮޅުވާ ބަގީޗާ ހައްދާ މަންޒަރު ވެސް އަހަރެން ދުށީމެވެ. ދުވަސް ދުވަސް ކޮޅުން ބަގީޗާއަށް ޒިޔާރަތް ކުރާ ކޮކާލާއި ބަނޅިދުތައް ތަފާތު ވާތަން ވެސް ނުހަނު ގާތުން ދުށީމެވެ.

ނަމަވެސް އަހަރެންގެ ހިތުގައި އިންދިފައި ވަނީ އެންމެ ގަހެކެވެ. ދުރު ދުރުން ދޯޅުވާން މަސައްކަތް ކުރަމުން ދިޔަ މާބުރުތަކަށް ވެސް ކުޑަ ފުރުސަތެއް ވެސް ދޭކަށް އަހަރެންގެ ޟަމީރު އެއްބަހެއް ނުވެއެވެ. އެ ގަހުގެ ވެރިޔާއަށް އަހަރެންގެ ހިތަށް އޭނާގެ ރީތިކަމުގެ މޫތައް ފައިބައި ވަކި ހިއްޕާލިއިރު އެކަން އިހުސާސު ވެސް ނުވާނެއެވެ. މަޑުމައިތިރި ރިވެތި އަޚުލާޤެކެވެ. ފުން ދެލޮލެވެ. ފަން އެހެނަސް ކަޅުކަން ގަދަ އިސްތަށިގަނޑެކެވެ. ހެދިހުރި ފުރިހަމަ އިސްކޮޅެކެވެ. އަހަރެންގެ ލޮލަށް އޭނާގެ މުޅި ހަށިގަނޑު ވެސް ފުރިހަމައެވެ. ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނެ އޭ ބުނާ ބީދައިން އަހަރެންނަށް އެއީ މި ދުނިޔެ މަތީގެ އެންމެ ފުރިހަމަ އިންސާނާ އޭ ހިތަށް އަރާ ފަހަރު ވެސް މަދެއް ނޫނެވެ. އެހައި ވެސް އަހަރެން އޭނައާ ގަޔާވެއެވެ. ދުވާލުދާ ހަތަރުދަމު ބަލާ ފޫހި ނުވާނެހާ ރީތިކަމެއް ޤުދުރަތުން އޭނާއަށް ދެއްވާފައިވެއެވެ.

ދުވަސްތައް ފާއިތުވަމުން މާޒީގެ ސަފްހާތަކަށް ބަދަލުވަމުން ދިޔައެވެ. ކިޔެވުން ވެސް ނިމި އިތުރަށް ކިޔަވަން ދިއުމުގެ ކުރިން ރަށުގައި ދުވަސްކޮޅަކު މަޑު ކޮށްލުމަށް ނިންމީމެވެ. އަނެއްކާ ވެސް ކިޔެވުމުގެ ހޮހޮޅައަކަށް ގެއްލުމުގެ ކުރިން މައިންބަފައިންނަށް ވަގުތު ކޮޅެއް ހުސްކޮށްލާ އެމީހުންގެ ގާތުގައި ގިނަ ވަގުތު ހޭދަކުރުމަށް އެދެމުން ދިޔަ ހިތުގެ އަޑަށް އިޖާބަ ދިނީމެވެ. އެ ދުވަސްކޮޅުގެ ތެރޭގައި، ގޭގައި އަތް އުރައިލައިގެން އޮތުމުގެ ބަދަަލުގައި މަންމަގެ އެދުމާ އެއްގޮތަށް ވަޒީފާއެއް ހޯދީމެވެ. ރަށު އޮފީހުން ސެކްރެޓަރީއެއްގެ މަޤާމެވެ. އަހަރެން ކުރިއަށް ދާން ބޭނުންވާ ދާއިރާ ނޫނެއްކަމަކު އެންމެ އެދެވޭ ގޮތުގައި ވަޒީފާގައި ދެމި ހުރުމުގެ އަޒުމުގައި ވަޒީފާއަށް ދާން ފެށީމެވެ.

ދޫނިތަކުގެ މިއުޒިކީ އަޑު ފަޒާގައި ގުގުމަމުން ދިޔައިރު އެ އަޑުން އަހަރެންގެ ހިތަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ހިތްނުތަނަވަސް ވެފައިވާ ހާލު އޮފީހަށް ދިއުމަށް ތައްޔާރުވަމުން ދިޔައީމެވެ. ހަޔާތުގެ ފުރަތަމަ ވަޒީފާއަށް ވެފައި މުޅިން އާ މާހައުލަކަށް އަހަރެން ތަޢާރަފްވެގެން ދާއިރު އެކަމަށް އަހަރެން ނުހޭނިއްޖެނަމަ ވާނީ ކިހިނެއްބާވައޭ ހިތަށް އަރަމުން ދިޔައެވެ. މަސައްކަތް ކުރަން ޖެހެނީ ކޮންބަޔަކާއެކީ ކާކުގެ ދަށުން ކަމެއްވެސް އަދި އަހަރެންނަކަށް ނޭނގެއެވެ. ބޮސް އަހަރެންގެ މަސައްކަތާ ނުރުހިއްޖެނަމަ ދެން ވާނީ ކިހިނެއްތޯ ވިސްނާލެވުނެވެ. މިކަހަލަ އެތައް ޚިޔާލެއް ހިތަށް އަރައި ފައިބަމުން ދިޔައިރު އުނދަގޫ ވެފައިވާ ސިކުނޑިއަކާ އެކު އޮފީހަށް ދިއުމަށް އަހަރެން ހިނގައިގަތީމެވެ. ގަޑިއަށް ފަރުވާތެރިވުމުގެ އާދަ ކަށީގައި ހަރުލާފައިވުމުން ގަޑިނުޖެހި އަހަރެންގެ މަންޒިލަށް ވާސިލް ވެވުނެވެ.

އޮފީހުގައި މަސައްކަތް ކުރާ އެހެން ކުއްޖެއްގެ އެހީތެރިކަމާ އެކު އަހަރެންގެ މޭޒު ހޯދައި ދުވަހުގެ މަސައްކަތް ފެށުމަށް ތައްޔާރު ވެލީމެވެ. މޭޒުމަތީ ހުރި ފައިލްތައް ތަރުތީބު ކޮށްލައި އަހަރެންނަށް މަސައްކަތް ފަސޭހަވާނޭހެން އަތުރާލީމެވެ. އިތުރު މީހަކު އެތަނުގައި ހުރިކަން ރޭކަލީ ފިރިހެންވަންތަ ކަރު ކެހިލުމެއްގެ އަޑު އިވުމުންނެވެ. ސިއްސައިގެން ގޮސް އަޑު އައި ދިމާއަށް ބަލައިލެވެނުވެ. ކުރިމަތީ އެ ހުރީ އަހަރެންގެ ބޮސްކަން ޔަޤީނެވެ. އަހަރެންނަށް އިސްޖަހާލެވުނެވެ. ފަންކާގެ އެނބުރުމާ އެކު އޭސީގެ ފިނިކަމުން އެ ވަގުތު އަހަރެންނަށް އިހުސާސްވީ ހޫނުކަމެވެ. މުޅިމީހާ ދާހިތްލަން ފެށިއެވެ. ހިތުގެ ހިންގުން އަވަސްވެ ނޭވާ ކުރުވާން ފެށިއެވެ.

" ހާދަ ހާސްވެފަ .. އަނެއްކާ އަހަރެން ދެކެ ބިރުގަތީތަ؟" ބޮސް ސުވާލު ކުރީ އަހަންނާކަށް އެނގުމުން މޫނު މަތިން ހާސްކަން ފިލުވާލައި ހަމަ ޖެހޭ ގޮތް ދައްކަން މަސައްކަތް ކުރީމެވެ. ހިނިތުންވުމަކާ އެކު ޖަވާބު ދިނީމެވެ.

"ނޫން.. ބޮސް ދުރުވިކަން އަޅުގަނޑަށް ނޭނގުނީ..." އަދަބުވެރި ކަމާ އެކު އަހަރެން އިސްއުފުލާލީމެވެ. " އަހަރެންނަކީ އާލިފް.. ނަމުން ގޮވިޔަސް އެންމެ ރަނގަޅު.. " އާލިފް ތަޢާރަފްވެލިއެވެ. އެހެނަސް އަހަރެންނަަށް އާލިފްގެ ތަޢާރަފެއް ބޭނުމެއް ނޫނެވެ. އެއަށް ވުރެން ރަނގަޅަށް އަހަރެން އޭނާ ދަންނަމެވެ. ވާނީ ވެސް އެހެންތާއެވެ. އާލިފަށް ނޭނގުނު ނަމަވެސް އަހަރެންގެ ހިތުގައި ކަނޑައި ނެގިފައި ވަނީ އާލިފްގެ ނަމެވެ. އެކުގައި މަސައްކަތް ކުރަން ލިބުމުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ފަދަ އިހުސާސެއް ކުރެވުނެވެ. އަހަރެންގެ ހިތުގައި ހުލިވަމުން ދިޔަ ލޯބީގެ އަލިފާންގަނޑަށް ދަރުއެޅި ހުޅު ރޯވީއެވެ.

މާޒީގެ ސަފްހާތަކަށް ހަޔާތުގެ ދުވަސްތައް އެކުވަމުން ދިޔައިރު އަހަރެންގެ ހަޔާތުގެ ސަފްހާތަކުގައި އާ ބާބެއް ލިޔެވެން ފެށުނެވެ. ބަހާރު މޫސުމުގެ ކުލަވަރުތަކުން ކުލަ ޖެހި ވަސްމީރު މާމެލާމެލި ފޮޅެންފެށިއެވެ. އަހަރެންނާއި އާލިފް ލޯބީގެ ގޮތުން ގުޅި އަހަރެން ކުރަމުން އައި ލޯބީގެ އިންތިޒާރަށް އާލިފް ނިމުން ގެނައީއެވެ. އާލިފްއާ އެކު ހޭދަވެގެން ދިޔަ ކޮންމެ ވަގުތެއްމެ އަހަރެންގެ ހިތުގެ އެންމެ ފުނުގައި ރައްކާ ކުރީމެވެ. އާލިފްގެ ލޯބިވެތި ޖުމްލަތަކާއި ފިރުމުންތައް ހިތުގެ ކަނެއްގައިމެ ރަން އަކުރުން ފެވީމެވެ. ލޯބީގެ ދާނުގައި އަހަރެމެން ނުހަނު އުފާ ފާގަތި ދުވަސްތައް ގުނީމެވެ. އަހަރެން މަތީ ތަޢުލީމު ހާސިލް ކުރުމަށް މާލެ އައުން ވެގެން ދިޔައީ ދެ މީހުންނަށް ވެސް ކުރިމަތިވި އުނދަގޫ މަރުހަލާއަކަށެވެ. ނަމަވެސް ލޯބީގެ ގުޅުމަށް ބުރުލެއް ނާރާނެހެން އަހަރެން ދިޔައީ އާލިފްގެ ހިތުގައި ރަނިކަން ކުރަމުންނެވެ. އަހަރެން އާލިފްދެކެ އިންތިހާއަށް ލޯބިވެއެވެ. ހަމަ އެފަދައިން އަހަރެންގެ ހިތުގައި ރަސްކަން ކުރަމުން ދިޔައީ އާލިފްގެ ލޯތްބެވެ.

މި ދުނިޔެއަކީ ވަގުތީ ތަނެއް ފަދައިން މިދުނިޔެ މަތީގައި އެއްވެސް ކަމެށް ދާއިމަށް ދެމިގެން ނުދާނެކަން ކަށަވަރެވެ. އާލިފްދެކެ ވަމުން އައި ލޯބި ކަފުން ކުރަން ޖެހިދާނެކަމަށް އަހަރެން ދުވަހަކު ވެސް ހީނުކުރަމެވެ. ރީތި ދިރިއުޅުމެއް ފަށަން ވެވުނު އަހުދުތަކާއި ވަޢުދުތައް ވެއްޔާ މޮޑެވިދާން އަހަރެންގެ ހިތެއް ނޭދެއެވެ. ހަނދުގެ ރަން އަލީިގައި އުޑުން ބޭލިހާ ތަރިތަކުގައި އާލިފް އެ ދުވަހު ކޮޅުފައިން ޖެހީ އަހަންނަށް ބޭވަފާތެރިވަމުންނެވެ. ހިނދުކޮޅަކަށް ލޯ މަތިން ގެއްލުމުން މޫސުން ބަދަލުވާ ބީދައިން އާލިފްގެ ހިތް ވެސް ބަދަލުވީއެވެ. އާލިފްގެ ހިތުން އިތުރު ރާނީ އަކަށް ޖާގަ ދެވި ޒަވާޖީ ހަޔާތެއް ވެސް އޭނާ ފެށީއެވެ. މި ހިތި ހަނދާންތަކުން އަހަރެންގެ ހިތަށް ކިތަންމެ ގިނަ ކަށިތަކެއް ހެރެމުން ދިޔަ ކަމުގައި ވީ ނަމަވެސް އަހަރެން އަދިވެސް ބޭނުންވަނީ އާލިފްއެވެ. 'ފަސްޓް ލަވް ނެވާ ޑައިސް' އޭ ބުނާ ފަދައިން އަހަރެން އާލިފް ދެކެ މިވާ ލޯބި ކިތަންމެ ޒަމާނަކަށް ދެމިގެން ދާނެކަން ގައިމެވެ.

ފޯނު ރިންގުވާން ފެށުމުން ހިޔާލުތަކުގެ ނަވު ބަނދަރުކުރަން މަޖުބޫރުވިއެވެ. ފޭދެމުން ދިޔަ ކަރުނަތައް ފުހެލުމަށް ފަހު ކޮފީތަށީގެ ފަހު ކޯވަރު ބޯލީމެވެ.

" ޑޮކް.. ދަ ނިއު ޓެކްނީޝިއަން އިޒް ހިއަރ..." މިދަނީ އޭ ބުނެ ފޯނު ބޭއްވުމަށް ފަހު އަހަރެން ހިނގައިގަތީ ލެބޯޓަރީއާ ދިމާއަށެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ލެބްގެ ދޮރު މައްޗަށް ހުއްޓުނުއިރު ސަލާމަށް އަތް ދިއްކޮށްލަިއގެން ޒުވާނަކު ހުއްޓެވެ. އޭނާގެ ރީތި ހިނިތުންވުން އިޝްތިހާރު ކޮށްލައިގެން ހުރިއިރު ބޭރުގެ މޮޑެލްއެކޭ ވެސް ހީވިއެވެ. އެ މަންޒަރު ފެނި އަހަރެންގެ ހިތަށް ތަދުވިއެވެ. އަހަރެންގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައިރު މީހާ ހުއްޓުން އަރައިފައި ހުރެވުނީއެވެ. މިހުރެވުނީ އަދިވެސް ޚިޔާލީ ދުނިޔެއެއްގައިކަން ޔަޤީނެވެ. ކުރިމަތީ އެހުރީ އާލިފްކަން ޤަބޫލުކުރަން އަހަރެންގެ ހިތް ދެކޮޅުހަދަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ހިތާ ހަނގުރާމަކޮށް ދޫ ކުރި ހޯދިއެވެ. " އާލިފް ..... " މަޑުމަޑުން އަހަރެންގެ ތުންފަތް ހަރަކާތް ކޮށްލި އިރު ވެސް އާލިފްގެ ނަޒަރު އަހަރެންގެ ލޮލާ ވަކިނުވެއެވެ.

އެސްފިޔަ ޖަހާލާހާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަހަރެންގެ ލޯ ފެންކަޅިވިއެވެ. ފަސް އެނބުރި ދާން ހިނގައިގަނެވުނީ އާލިފްގެ ކުރިމަތީ ކަރުނަ އަޅައި ރޯން ބޭނުން ނުވާތީއެވެ. ނަމަވެސް އާލިފް އެއަށް ވުރެން މާ ހުޝިޔާރެވެ. ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފައި އޭނާއާ ދިމާއަށް އަނބުރާލިއެވެ. " ލައުރާ ... އަހަރެންނަށް މާފުކުރޭ .... އަހަރެން ބޭނުން ހުރިހާ ކަމެއްގެ ހަޤީޤަތް ކިޔައިދޭން ... ޕްލީޒް .... އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ވާހަކަތައް އަޑު އަހާލަން މަޑު ކޮށްލާ ...." އާލިފްގެ އެ ބަސްތަކުން އަހަރެންގެ ފިޔަވަޅުތައް ހުއްޓުނެވެ. އާލިފްގެ ލޮލުން ނިރައިލައިފައިވާ ކަރުނަތައް ފެނި އަހަރެންގެ ފައިގައި ކަސްތޮޅު އަޅުވަން މަޖުބޫރުވިއެވެ.

އާލިފްގެ ވާހަކަތަކުން އެނގުނު ގޮތުގައި އޭނާ އަހަރެންނަށް ބޭވަފާތެރިވާން މަޖުބޫރުވީއެވެ. މައިންބަފައިންގެ އެދުމާ ދެކޮޅުހަދައި އެމީހުންގެ އެދުންތައް ބޮލާލައި ޖަހަން އޭނާއަށް ނުކެރުނީއެވެ. އޭނާއަކީ މައިބަފައިންގެ ބަހަށް ކިޔަމަންތެރިވާ މާތް ދަރިއެއްކަމުން އެމީހުންގެ އުފަލަށް ޓަކައި އާލިފްގެ އަމިއްލަ ލޯބި ޤުރުބާން ކުރީއެވެ. ހަޤީޤަތް އެނގުމުން އަހަރެންގެ ހިތުގައި އާލިފްއަށް ދެވިފައި އޮތް ޤަދަރު އިތުރުވެގެން ދިޔައެވެ. ފަނޑު ހިނިތުންވުމެއް އަހަރެންގެ ތުންފަތަށް ވެރިވިއެވެ. ނަމަވެސް ފަޅި ސުކުންތުކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން ފިލައި ދިޔައީ އާލިފްގެ ހަޔާތުގައި އިތުރު ބައިވެރިއަކު ހުރިކަން ހަނދާން ވުމުންނެވެ. އަހަރެންގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރު އާލިފަށް ނަގައިގެނުވުނީ ކަންނޭނގެއެވެ. " ލައުރާ ... އަހަރެންނަށް މާފުކުރޭ ... އަަހަރެން ލައުއާ އެކު އުޅެން ބޭނުން ... ލޯބި ނުވާ މީހަކާ އެކީގައި އަހަރެންގެ ހަޔާތް އިތުރަށް ބަރުބާދުކުރާކަށް ބޭނުމެއް ނޫން ... އަހަރެން ލައު ގާތަށް މިއައީ ލައު އަަހަރެންގެ މީހަކަށް ހަދަން ... ލައު އަހަރެންގެ ހަޔާތަށް އެނބުރި އަންނާނަންތަ .... " އާލިފްގެ ޖުމްލަތަކުން އަހަރެންގެ ހިތަށް ބަޔާން ކުރަން ދަތި އުފާވެރިކަމެއް ލިބުނެވެ. އަަހަރެންގެ ހިތް އުފަލުން ނަށައިގަތީ ބޮލުގެ އިޝާރާތުން އާލިފަށް އާނ ބަސް ބުނަމުންނެވެ. އަހަރެންނާއި އާލިފްގެ ލޯބީގެ ފަސާނާ އަނެއްކާ ވެސް ލިޔެވެން ފެށުނީއެވެ.

Ads by HDC
  1. ރޯޅިތަށް ހިތްތަށް އެތަށް އެދުންތަށް......

    ރޯޅިތަށް ހިތްތަށް އެތަށް އެދުންތަށް……

  2. ޝީޝް

    ދިސް ސޮޓޯރީ ބަސިން ބަސިން ، ޝީޝް

  3. އަހްމަދު ހަލީމް

    ވަރަށް ފުރިހަމަ ވާހަކައެއް..

  4. އިބްރާހިމް މާޖިދު

    ތިގޮތުގައި ކުރިއަށް ދޭ!!

  5. ސަހަރާ ޖަމަލު

    ވާހަކަ ލިޔުމުގެ ހުނަރު ހުރި ކެރޭ ކުއްޖެއް!

  6. މުޖުތަބާ އިސްމާއިލް

    ވަރަށް ރީތި އަދި އެހާމެ ކިޔާ ހިތްވާ ވާހަކައެއް!

  7. މީހަކު

    ވަރަށް ސަޅި.. ވަރަށް ފުރިހަމަ

  8. ވަރަށް ފުރިހަމަ