ވާހަކަ

ކުރުވާހަކަ: ހިތްއެދުނީ...

ދެން އެމްވީ ، ދެން އޮންލައިން

އަހަރެންގެ ހަރަކާތްތައް އަވަސްވެފައިވާކަން ދޯނީގައި ބާކީ ތިބި ދެ މީހުންނަށްވެސް ފާހަގަވިއެވެ. އެމީހުން ސުވާލެއް ނުކުރެއެވެ. އެކަމުގެ ފަހަތުގައިވާ ސަބަބު އެމީހުންނަށް އެނގޭ ކަހަލައެވެ. އެހެން ނަމަވެސް މަޖަލަކަށް އެއްޗެއް ބުނެ އަހަރެންނާ ދިމާކޮށްލައެވެ. އުމުރުން އަށާރަ އަހަރު ނުވަނީސް އަހަރެން މަހަށް ދާން ފަށައިފީމެވެ. އަހަރެންގެ ގެދޮރަކީ ދޯންޏެވެ. އާއިލާއަކީ މިހާރު ދޯނީގައި އަހަރެންނާއެކު ހަރަކާތްތެރިވާ ދެމީހުންނެވެ. ފަރުމަސް ބާނައިގެން އެކި ރިސޯޓްތަކާއި ރަށްތަކަށް ކިރުމަކީ އަހަރެންގެ ވަޒީފާއެވެ. އެހެންކަމުން އަތޮޅުތެރޭގެ ގިނަ ރަށްތަކަށް މިހާރު އަހަރެންނަށް ދަތުރު ކުރެވިއްޖެއެވެ.

Ads by MWSC

އާދައިގެ މަތިން މިއަދުވެސް މާލެ ކައިރި ހިތްގައިމު ރަށެއްގެ ފަޅުގައި އަހަރެމެން މަޑުކޮށްލައިގެން ތިބީމެވެ. އެރަށާ އަހަރެންގެ ހިތާ ގުޅިލާމެހިފައިވާތާ ކިތަންމެ ދުވަހެކެވެ. ކޮންމެ ރެއަކު ބަނދަރުމަތިން އަހަރެންނަށް ފެންނަ އަންހެންކުއްޖާއަކީ އަހަރެންގެ ހިތުގެ ކާނާއަށްވެ ނިމިއްޖެއެވެ. އަންހެންކުއްޖާގެ ނަން ނޭނގޭތީ، އަހަރެން އެކުއްޖާއަށް ދިން ނަމަކީ މަލިކާއެވެ. ކޮންމެރެއަކު ބަނދަރު މައްޗަށް ކަސްރަތުކުރަން ނިކުންނަ އަންހެން ގުރޫޕުގައި މަލިކާ ހުންނާނެއެވެ. އެހެންކަމުން އެވަގުތަށް އަބަދުވެސް އަހަރެން ވަގުތު ހުސްކުރަމެވެ. އެއީ އަހަރެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އަންނަ އެންމެ އުފާވެރި ވަގުތުކޮޅެވެ.

"ކޮބާ ކާން ތައްޔާރުވެއްޖެ" އެތެރެއިން މީހަކު ގޮވައިލި އަޑު އިވިއްޖެއެވެ. އަހަރެން މޭޒު ކައިރީގައި އިށީނދެފައި ކުޑަގޮތެއް ހަދާލައިގެން ތެދުވީމެވެ. އަތްދޮވެލައިގެން ނިކުމެ ކޮންމެ ރެއަކުވެސް އިށިންނަ ޖޯލީގައި އިށީނީމެވެ. އެންމެ މިނިޓެއްވެސް ލަސްވާކަށް ބޭނުމެއް ނުވިއެވެ. އަހަރެން މަޑުކޮށްލައިގެން އިނީ ދޯނީގެ ކުރީކޮޅުގައި ބަހައްޓާފައި ހުރި ދަގަނޑު ޖޯއްޔެއްގައެވެ. ބަނދަރުމަތީގައި ހަރުކޮށްފައިވާ ހޮޅިބުރިތަކުގެ އޮރެންޖާ ރީނދޫ އަލިން ސަރަހައްދު ހުޅުދާން ކޮށްފައިވާ ފަދައެވެ. ބަލައިލަން ވަރަށް ހިތްގައިމެވެ. އުޑުމެދުގައިވާ ހަނދުގެ އަލިކަން ކަނޑުމައްޗަށް އެޅިފައި އޮތުމުން ރޭގަނޑުގެ ހިތްގައިމުކަން އިތުރު ކުރުވައެވެ. ހިތްއެދުނީ މަލިކާ އާއެކު އިރުއަރަންދެން އެޖޯލީގައި މަޑުކޮށްލައިގެން އިނުމަށެވެ.

ހިތްގައިމު ވަރަކަށް ޖެހެމުންދިޔަ ވައިރޯޅީގެ އަރާމު އިހުސާސް ކުރަމުން ދަނިކޮށް އެ ހިތްގައިމު ކަމަށް ބޮޅެއް އިތުރުވެގެން ދިޔައީ ބަނދަރު ފެށޭ ހިސާބުން އިތުރު ދެ އަންހެން ކުދިންނާއެކު އަހަރެންގެ މަލިކާ ދައްކައިލި ހިސާބުންނެވެ. ވަގުތުން އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ފާޅުވެލިއެވެ. ހިތުގެ ހިނގުން އަވަސްވެލާ ހަށިގަނޑު ސީދާކޮށްލެވިއްޖެއެވެ. ލައިގެން އިން ޓީޝާޓުގެ ގިރުވާނު ރީތިކޮށްލާ މީހާ ހަމަޖެހިލެވިއްޖެއެވެ. އެތިން އަންހެންކުދިންގެ ތެރެއިން އަހަރެންގެ ނަޒަރު ހުއްޓިފައި ވަނީ ތިންކުދިންގެ މެދުގައި ކަޅު ހެދުމުގައި ހުރި މަލިކާއަށެވެ. އާނއެކެވެ. އެއީ އަހަރެންގެ މަލިކާއެވެ. ކިތަންމެ ދުރުން ފެނުނަސް އަހަރެންނަށް މަލިކާގެ ހިނގުމެއް ނޯޅޭނެއެވެ. މަލިކާ ކުރިއަށް އަޅަމުން އަންނަ ކޮންމެ ފިޔަވަޅަކާއެކު އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ހިތްއެދުނީ މަލިކާއާ އެއްހަމައެއްގައި ހުރެ ފައި ހަމަކުރަމުން ހިނގާލުމަށެވެ.

ދޯންޏާ އަރައި ހަމަވެފައި މަލިކާ ހިނިތުންވެލިއެވެ. ހީވީ އަހަރެންގެ ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔަ ހެންނެވެ. ހިތުގެ ހިނގުން އިހުނަށް ވުރެ ބާރު ވެލައިފިހެން ހީވިއެވެ. ބަނޑުގައި ކޮކާފަނި ދުވާހެން ވެސް ހީވިއެވެ. ނާރުތަކުގެ ލޭހިނގުން ވެސް އަވަސްވެއްޖެއެވެ. މަލިކާ ގާތަށް ދާން ބޭނުންވީ ވަރުން އުދުއްސައި ނުގަނެވުނީ ކިރިޔާއެވެ. އަމިއްލަ ނަފްސު ހަމަޔަކަށް އެޅުވުމަށް މަޑުމަޑުން ތުނބުން ފުމެން ފެށީމެވެ. ދެވަނަ ބުރުގައި ވެސް އަހަރެންނާ އަރައި ހަމަވެފައި ހަމަ އެހިނިތުންވުން މަލިކާ ތަކުރާރުކޮށްލިއެވެ. ލުއިލުއި ހުނުމެއްގެ އަޑު އަހަރެންގެ ދެތުންފަތް ދޭތެރެއިން ނިކުމެއްޖެއެވެ. ހިތަށް އެރިއެވެ. ކޮންފަދަ ޖާދޫވީ ހިނިތުންވުމެއް ހެއްޔެވެ؟ ހިނގުމާ އަހަރެންނަަށް ބަލައިލާ ގޮތް ވެސް ތަފާތެވެ. ހިތްއެދުނީ އެންމެ ފަހަރަކު ނަމަވެސް މަލިކާގެ ކައިރިއަށް ގޮސް ވާހަކަދައްކައިލުމަށެވެ.

ދެވަނަ ރެއެވެ. އާދައިގެމަތިން ހުރިހާ ކަމެއް ނިންމައިފައި ޖޯއްޔަށް ނިކުމެ މަޑުކޮށްލައިގެން އިނީމެވެ. އަހަރެންގެ ނަޒަރު ހުއްޓިފައިވަނީ ބަނދަރުގެ ކޮޅަށެވެ. އަބަދުވެސް މަލިކާ ދައްކައިލާނީ އެހިސާބުންނެވެ. އެހެން ރޭރެއަށް ވުރެ ވައި ބާރެވެ. އެހެންކަމުން ސަރަހައްދުން މީހުން މަދުހެން ވެސް ހީވެއެވެ. ގަޑިން އަށްގަޑި ވިހި ވެއްޖެއެވެ. އަދިވެސް އަހަރެންގެ އިންތިޒާރަށް ނިމުމެއް ނާދެއެވެ. މޫނުމަތީގައި މާޔޫސްކަން ވަށާލައިފިއެވެ. އަހަރެންގެ މަލިކާ މިރޭ ބަލިވީ ހެއްޔެވެ؟ ހާދަ ދެރައެވެ. ޔަގީނެވެ. އަހަރެންގެ ލޮލާ މިރޭ ނިދިވެސް ރުޅިވާނެއެވެ. ހާލު ބަލައިލަން ގުޅާނީވެސް ކިހިނެއް ހެއްޔެވެ؟ މަލިކާގެ ފޯނު ނަންބަރު އަހަރެން އަތުގައި ނެތެވެ. ހިތް އެދުނީ މަލިކާ ހޯދުމަށް ރަށުތެރެއަށް ފައިބާށެވެ.

މާޔޫސްކަމާއެކު އެތެރެއަށް ވަންނަން އުޅެނިކޮށް ކުއްލިއަކަށް މަގުކޮޅުން މަލިކާ ދައްކާލައިފިއެވެ. މަރުވަމުން ދިޔަ އަހަރެންގެ ހިތަށް ދިރުން ލިބުނު ކަހަލައެވެ. ހީވީ އުޑުމަތީގައި ފިޔަޖަހަމުން ދިޔަ ތަރިތަކުގެ ވިދުން އިހުނަށް ވުރެވެސް ގަދަވިހެނެވެ. ގަސްތަކާއި ފަތްތައް ކަންފަތް ދަށުގައި ލަވަ ކިޔަން ފެށިހެނެވެ. ހުދު އަހަރެންނަށް ވެސް އުފަލުން ހެވިއްޖެއެވެ. އަހަރެންނާ އަރާ ހަމަވެފައި ހަމަ އެ ހިނިތުންވުން ހަދިޔާ ކޮށްލައިފިއެވެ. ވަޔާ ބުރުގާ އުފުލިލާ ކޮންމެ ފަހަރަކު ހިމަ ހޯލިތަކެއް ފަދަ އިނގިލިތަކުން ޝޯލްގައި ހިފައިލާއިރު ހާދަ ލޯތްބެވެ. ހިތްއެދުނީ ކައިރިއަށް ގޮސް އެ އިނގިލިތަކުގައި ބީހިލުމަށެވެ.

ތިންވަނަ ރޭ ހަތަރުވަނަ ރޭވެސް އަހަރެންނަށް މަލިކާ ފެންނަ ގޮތެއް ނުވިއެވެ. މަސް ކިރާފައި އެހެން ރަށެއްގައި މަޑުކުރަން ޖެހިއްޖެއެވެ. އުޑުމެދުގައި ރަނިކަން ކުރަމުންދިޔަ ހަނދަށް ބަލަހައްޓައިގެން އަހަރެން އޮތީ ގެގަނޑު މަތީގައެވެ. މޫސުން ރީތި ނަލަނަލަ ދުވަހެކެވެ. ހިތްގައިމު ވަރަކަށް ވައިރޯޅި ވަމުން ދިޔައެވެ. އެއްވެސް ތަރުތީބެއްނެތި އުކާލާފައިވާ ރިހިކުލައިގެ ޖަވާހިރުކޮޅުތަކެއް ފަދަ ތަރިތަކުގެ މެދުގައި ދިއްލިފައި ހުރި ވޮށެއް ފަދައިން ހަނދު ފެންނަމުން ދިޔައެވެ. މަލިކާ ނުފެނުމުން އަހަރެންގެ މުޅި ރޭގަނޑު ހަރާބު ވެއްޖެއެވެ. ކޮންމެ މިނިޓެއް ގަރުނަކަށް ދެމިގެންދާހެން ހީވެއްޖެއެވެ. އެއްފަރާތަކަށް ފުރޮޅިލިތަނާ ހީވީ ދާދި ކައިރީގައި މަލިކާ އޮވެފައި އަހަރެންގެ ފައި މައްޗަށް ފައި އެއްލިހެންނެވެ. އަހަރެންނަށް ހެވުނީ ސިކުނޑި އަހަރެންނާ ކުރި ސަމާސާގައި މަލިކާ ބައިވެރި ކުރީތީއެވެ. ބޯދަށުގައި އޮތް ބާލީސް ދަމައިގަނެފައި އޭގައި ބާރަށް ބައްދައިގަނެވިއްޖެއެވެ. މަލިކާ އަހަރެންގެ ހިތް މޮޔަކޮށްލައިފިއެވެ. ހިތްއެދުނީ ބާލީހުގެ ބަދަލުގައި އަހަރެންގެ ދެއަތުތެރޭގައި މަލިކާ ވުމަށެވެ.

އަނެއްކާވެސް އެހެން ރެއެކެވެ. ގުނަމުންދިޔަ އިންތިޒާރުގެ ވަގުތުތަކަށް ނިމުމެއް އަތުވެއްޖެއެވެ. މަލިކާ މަގުކޮޅުން ދައްކާލައިފިއެވެ. ހީވީ ވިލާކޮޅެއްގެ ނިވަލުން ސާދަވިލޭރޭގެ ފުރިހަމަ ހަނދު ފާޅުވެލި ހެންނެވެ. މިއަދު މަލިކާ ލައިގެން ހުރީ އަތްދިގު ޓީޝާޓެކެވެ. ކަޅު ކުލައިގެ ބުރުގާ ކޮޅެކެވެ. މުޅިން ތަފާތު ހެދުމެއްގައި ތަފާތު ރީތި ގޮތެއް ހުއްޓެވެ. އެހެން ރޭތަކާ ހިލާފަށް މަލިކާ ހިނގަމުން އައީ ޖެޓީއާ ގާތުންނެވެ. އާދައިގެ ވަރަކަށް ވައިޖެހުނަސް އެންމެ ބާރެއް ނޫނެވެ. މިރޭ ހުރީ ވެސް މަލިކާ އެކަންޏެވެ. ދޯންޏާ މަލިކާ ކައިރިވުމާއެކު ޖާދޫވީ ހިނިތުންވުން އަހަރެންނަށް ދައްކާލައިފިއެވެ. ބަދަލުގައި އަހަރެން ހިނިތުންވެލީމެވެ. އަހަރެން އެއް އަތް އުފުލައިލެވުނީ ބޭއިހްތިޔާރުގައެވެ. ފަހަތަށް އެނބުރި މަލިކާ ދިން ދެވަނަ ހިނިތުންވުމާއެކު އަހަރެންނަށް ޖެޓީ މައްޗަށް ފުންމައި ނުލެވުނީ ކިރިޔާއެވެ. މަލިކާ އަހަރެންނަށް އެޖައްސަނީ ކޮން ފަދަ ސިހުރެއް ހެއްޔެވެ؟ ހިތް އެދުނީ މުޅި އުމުރަށް މަލިކާ ގެނެސް އަހަރެންގެ ކުރިމަތީގައި ބެހެއްޓުމަށެވެ.

ދޯންޏަށް ދިމާވި ކުއްލި މައްސަލައެއްގައި އެރަށުގައި ހަފްތާއެއްހާ ދުވަހު މަޑުކުރަން ޖެހިއްޖެއެވެ. އަހަރެންނަށް އީދެއް ލިބުނު ކަހަލައެވެ. ކޮންމެރެޔަކު މަލިކާ ފެނުމުގެ ނަސީބު ލިބުނީއެވެ. އަހަރެންނަށް ލިބިފައިވާ އުފާވެރިކަން ދުލުން ބަޔާންކުރަން ވެސް ދައްޗެވެ. ރަށުތެރެއިން މާވަޑިއެއް ގެނެސްގެން ދޯންޏަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަމުން ދިޔައެވެ. ރަނގަޅު ގޮތެއް ނޫނަސް އަހަރެންގެ ދުލު ކުރީގައިވީ އެންމެ ދުއާއެކެވެ. ދޯންޏަށް ދިމާވެފައިވާ މައްސަލަ ކައިރި މުސްތަގުބަލެއްގައި ރަނގަޅު ނުވުމެވެ. މަލިކާ ދުށުމުގެ ގިނަ ފުރުސަތުތަކެއް ފަހިވެގެން ދިޔުމެވެ. ހިތްއެދުނީ އަހަރެން ބަލައިލާ ކޮންމެ ދިމާލަކުން މަލިކާ ފެނުމަށެވެ.

އަހަރެން އިނީ ޖެޓީމަތީގައި އިށީނދެގެންނެވެ. ހަވީރުގެ ވަގުތެވެ. ބަނދަރުމައްޗަކީ ޖާގަ ތަނަވަސް ތަނަކަށް ވާތީ ކުޑަކުދިންނާ ދެޖިންސުގެ އެކި އުމުރުގެ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ފޯނެއްގައި އިނދެފައި މަގުމައްޗަށް ނަޒަރު ހިންގައިލިއިރު ކަމަކުދާކަށް ނެތެވެ. ކުރިމަތީގައި ހުރީ މަލިކާއެވެ. ކަޅު ކުލައިގެ އަބާޔާ ހެދުމެއްގައެވެ. އެކި ކުލަކުލައިގެ ފުއްޕާހަންތަކެއް ހިފައިގެން ހުރިއިރު ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް މަލިކާގެ ވަށައިގެން ތިއްބެވެ. ރަތްކުލައިގެ ޝޯލްގެ ތެރެއިން ދޮންދޮން މޫނުކޮޅު ފާޅުވާން ހުރިއިރު ތާޒާ ފިނިފެންމަލެއް ފަދައެވެ. އެސްފިޔަ ޖަހައިލަން ވެސް ބޭނުންނުވިއެވެ. އެހާ ވަގުތުކޮޅަކަށް ވެސް ލޯމަތިން މަލިކާ ގެއްލެން އަހަރެން ނޭދެމެވެ. ދުވާލުގެ އަލިކަމުގެ ތެރޭގައި އަހަރެންނަށް މަލިކާ ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ފޯނުން ވާހަކަދެއްކުން ކުރިއަށް ނުގެންދެވުނެވެ. އަނގަ އޮޅި ކިޔޭ ނުކިޔޭ އެއްޗެއް ނޭނގުމުން އެންމެފަހުން ފޯނު ކަނޑާލައިފީމެވެ. ހިތްއެދުނީ ތެދުވެގެން ގޮސް މަލިކާގެ ދާދި ގާތުގައި ހުއްޓި އެ މޫނަށް ހިތްފުރެންދެން ބަލައިލުމަށެވެ.

މަލިކާގެ ޖާދޫގައި ޖެހި އަހަރެންނަށް އިންތަނުން ކޮޅަށް ތެދުވެވިއްޖެއެވެ. ލައިގެން ހުރި ޖީންސުގެ ޖީބަށް ފޯނު ކޮށްޕާލަން އުޅެނިކޮށް ތިރިއަށް ފޯނު ވެއްޓުނުކަން އެނގުނީ ގާގަނޑު މަތީގައި އެއްޗެއް ޖެހުނު އަޑު އިވިގެން ބަލައިލި ވަގުތުގައެވެ. ފޯނު ނަގައިގެން ތެދުވެ ބަލައިލިރު މަލިކާ ކައިރީގައި އަންހެންކުއްޖަކު ހުއްޓެވެ. ހީވާގޮތުން މަލިކާގެ އެކުވެރިއެކެވެ. އެކުއްޖާގެ މަލިކާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. އެހިނދު މަލިކާ އެނބުރި އަހަރެންނަށް ބަލައިލާފައި ހިނިތުންވެލިއެވެ. ކަކުލު ހުޅުން ވާގި ގޮސް އެތަނަށް އަހަރެން ނުވެއްޓުނީ ކިރިޔާއެވެ. ހިތްއެދުނީ މަލިކާ ކައިރީގައި ބުނެލުމަށެވެ. ތިވަރަށް އަހަރެންނަށް ސިހުރު ނުޖައްސާށެވެ. ތި ހިތު ތެރޭގައި އަހަރެން ބަންދުކުރުމަށް އުމުރު ދުވަހުގެ ހުކުމެއް އިއްވައިދޭށެވެ.

އަނެއްކާވެސް މުޅިން އެހެން ރެއެކެވެ. ކައިރިން މަލިކާ ދުށުމަށް އެދޭވަރުން އަހަރެން އިނީ ބަނދަރުމަތީގައި ހުރި ޖޯއްޔެއްގައެވެ. މާގިނައިރު އިންތިޒާރުކުރަން ނުޖެހުނެވެ. މަލިކާ ފެނިއްޖެއެވެ. އެހެން ރޭތަކާ ހިލާފަށް މަލިކާ ހުރީ ހަވީރީ ހެދުމެއްގައެވެ. ކަޅުކުލައިގެ އަބާޔާ ހެދުމެއްގައެވެ. ތަފަތަކީ އަޅައިގެން ހުރި ޝޯލްގެ ކުލައެވެ. ގަދަ ފެހިކުލައަކީ އަހަރެން އެންމެ ގަޔާވާ ކުލައެވެ. މަލިކާ އަހަރެންނާ އަރައި ހަމަވުމާއެކު އެއްވެސް އިހުތިޔާރަކާ ނުލައި އަހަރެންނަށް ކޮޅަށް ތެދުވެވިއްޖެއެވެ. މަލިކާ އަހަރެންނަށް ބަލައިލިއެވެ. ވަރަށް ކައިރިންނެވެ. ހަމަ އެހިނދު ފިނިފިނި ރޯޅިއެއް އަހަރެންގެ މޫނުގައި ބީހިލިއެވެ. އަހަރެންނަށް ދެލޯ މަރައިލެވުނެވެ. ހީވީ މަލިކާގެ އިނގިލިތަކުގެ ކުރިން އަހަރެންގެ މޫނުގައި ބީހިލިހެންނެވެ. މަލިކާގެ އަތުގައި ހިފައިގެން ހުރި ކުޑަކުއްޖެއް އަހަރެންނަށް ފެނުނީ ދެލޯ ހުޅުވައިލި ވަގުތުއެވެ. ހިތް އެދުނީ އެކުޑަ އަންހެންކުއްޖާގެ ބަދަލުގައި މަލިކާގެ އަތުގައި ހިފައިގެން އަހަރެން ހުރުމަށެވެ.

ކުއްލިއަކަށް މަލިކާގެ އަނގައިން އާހެއްގެ އަޑު ބޭރުވެއްޖެއެވެ. ފުރޮޅާލި ވަގުތު އަރައިގެން ހުރި ބޫޓުގެ ކަށި ކާނުގަނޑު ތެރެއަށް ވަދެ ތާށިވިއެވެ. މަލިކާ އަހަރެންނަށް ބަލައިލީ އެހީއަކަށް އެދޭ ފަދައިންނެވެ. ފަޅި ސިކުންތެއް ވެސް ލަސްކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. މަލިކާގެ ދެފައި ކައިރިއަށް ތިރިވީމެވެ. މަލިކާގެ ފައިތިލަ ބޫޓުކިބައިގެ ތެރެއިން ވަކިކޮށް އަހަރެން ދެއަތުގެ ތެރެއަށް ލީމެވެ. އެހިނދު އަހަރެންނަށް ހީވީ މަލިކާގެ ނާޒުކު ހިތް އަހަރެންގެ ދެއަތުގެ ތެރޭގައި އޮތް ހެންނެވެ. މަޑުމަޑުން ފައިތިލަ ބިންމަތީގައި ބެހެއްޓީ ނުލާހިކު ލޯބިންނެވެ. ކުޑަވެސް ކޫރުމެއް އެފައިތިލައިގައި އެޅޭކަށް އަހަރެން ނޭދެމެވެ. ކާނުގަނޑުގެ ތެރެއިން މަލިކާގެ ބޫޓުކިބަ މިނިވަންކޮށްދިނީމެވެ. ހިތްއެދުނީ މުޅި އުމުރަށް މަލިކާގެ ނޯކަރަކަށް ވެގެން އަހަރެންގެ ދެއަތުން މަލިކާއަށް ހިދުމަތް ކޮށްދިނުމަށެވެ.

"ޝުކުރިއްޔާ" ފުރަތަމަ ފަހަރަށް މަލިކާގެ އަޑު އިވިލިއެވެ. އަހަރެންނަށް ހީވީ ކަންފަތްދަށުން ލުއި މިޔުޒިކެއްގެ އަޑު އިވިލި ހެންނެވެ. ކޮން ފަދަ ޖާދޫވީ އަޑެއް ހެއްޔެވެ؟ މަލިކާއަށް ތައުރީފު ކޮށްލާހިތުން އަހަރެންގެ އަނގައިގެ ތެރޭގައި އޮތް ދޫ ހިމޭނުން ނޯންނަންވެގެން ތެޅިފޮޅެމުން ދިޔައެވެ.

"އަހަރެން މޮޔަވެއްޖެ" އެންމެފަހުން ދުލުން ބޭރުވެއްޖެއެވެ. ފުދޭ ވަރަކަށް މަޑުންނެވެ. މަލިކާއަށް އިވުނު ހެނެއް ހިއެއް ނުވެއެވެ.

"މަންމީ، ބައްޕި އަންނާނެ މިހާރު. ހިނގާދާން" ކައިރީގައި ހުރި ކުޑަކުއްޖާ މަލިކާގެ އަތަށް ދަމާލާފައި ބުނެލި އަޑު އިވުނެވެ. އަހަރެންނަށް ބަލައިލެވުނީ ކުޑަކުއްޖާގެ މޫނަށެވެ. ދެން މަލިކާއަށެވެ. މަލިކާ ކުރިއަށް ހިނގައިގަތީ އަދި އެއްފަހަރު ޝުކުރު އަދާކޮށްފައެވެ. އަހަރެންނަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ. މަލިކާއަކީ އަހަރެންގެ ހައްގެއް ނޫންކަން އެނގުމުން ވެސް އަހަރެންގެ ހިތް ބަދަަލެއް ނުވިއެވެ. ހިނިތުންވުން ފަނޑެއް ވެސް ނުވިއެވެ. މަލިކާއަށް ފަހުގެ ސަލާންކޮށްލަން އުފުލައިލި އަތް އަދިވެސް ތިރިކޮށް ނުލެވެއެވެ. ހިތްއެދުނީ އެންމެ ފަހަރަކު ނަމަވެސް މަލިކާ އެނބުރިލާފައި އަހަރެންނާ ވަދާއުގެ ސަލާމެއް ކުރުމަށެވެ.

"އޭ ދެން އާދޭ އެތެރެއަށް" ދޯނިން މީހަކު ގޮވައިލި އަޑު އިވުނެވެ. އެވަގުތު އަހަރެންނަށް އަމިއްލަ ނަފްސަށް ހީލެވުނެވެ. އަދި ބުނެވުނެވެ. "އަހަރެންގެ މޮޔަ ހިތް ދޯ އެވެ" ބޮލުގެ ފުއްކިބައިގައި ޖަހައިލެވުނީ އަމިއްލަ ނަފްސަށް މަލާމާތް ކުރަމުންނެވެ. ދޯންޏާ ދިމާލަށް ހިނގައިގަނެފައި އަހަރެންނަށް މަލިކާގެ ނަން ކިޔައިލެވުނެވެ. ގެގަނޑު މައްޗަށް އަރާފައި ބަލައިލިއިރު ދުރުދުރުން މަލިކާ ފެންނަން ހުއްޓެވެ. މަލިކާ ކައިރިއަށް ދާން ބޭނުންވިއެވެ. އެހެން ނަމަވެސް މިވަގުތަށް އެކަން ވާކަށްނެތެވެ. މަލިކާއަކީ އެހެން މީހެއްގެ ހައްގެކެވެ. އަހަރެންގެ ހިތެވެ. ދުވަހަކުވެސް އަހަރެންނަށް އެލޯބި ލިބޭނެ ކަމެއް ނޭނގެއެވެ. ނުލިބުނަސް، އަބަދުވެސް އެދޭނީ މަލިކާއަށް ރަނގަޅު ގޮތް ވުމަށެވެ. އަބަދުވެސް އެސޫރަ ދުށުމަށް އަހަރެންގެ ހިތް އެދޭނެއެވެ. އަހަރެންގެ ހިތުގެ މިލްކުވެރިޔަކަށް ވާނީ އަބަދުވެސް މަލިކާއެވެ. ހިތްއެދުނީ ދުވަހަކު ވެސް އަހަރެންގެ މި މޮޔަ ހިތް ބަދަލު ނުވުމަށެވެ.

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ.  މިވާހަކަ ލިޔެފައި ވަނީ އާއިޝަތު ލިއުޝާއެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ

Ads by HDC
  1. ރައި

    ވަރަށް ރީތި

  2. ރީތި

  3. ޙަޔާ

    ވަރަށް ރީތި

  4. ޝަހީ

    ވަރަށް ރީތި ރީތި

  5. ޜޯޒީ

    ޥަރަށް ރީތި